ޕީޕީއެމް/ޕީއެންސީން ބުނި ގޮތުގައި މި ބައްދަލުވުން އޮންނާނީ މާދަމާ ހަވީރު 4:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ވީހާވެސް ގިނަ ރައްޔިތުން އެ ބައްދަލުވުމުގައި ބައިވެރިވުމަށް ޕީޕީއެމް/ޕީއެންސީން ވަނީ އެދިފައެވެ.
މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވަނީ މިދިޔަ ހުކުރު ދުވަހު ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުވުމަށް ފަހު، މުއިއްޒާއި ހުސެއިންއާ އެކުގައި ފޮޓޯ އާއި ސަލާމް ނެގުމުގެ ފުރުސަތު ވަނީ ދީފައެވެ.
ހިޔާ ފްލެޓުތައް ހުންނަ ސަރަހައްދުގައި ބޭއްވި އެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެ ބުރުގައި ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުން ދެއްވި ތާއީދަށް ފަށް ފަށުން ޝުކުރު ދަންނަވާ ކަމަށެވެ. ރިޔާސީ އިންތިހާބުގެ ދެ ބުރުގައި ވެސް ހިޔާ ފްލެޓުގައި ދިރިއުޅޭ ރައްޔިތުން ދިނީ ވަރަށް ވަރުގަދަ ތާއީދެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި އެ ސަރަހައްދަށް ވައުދުތަކެއް ވެވަޑައިގެންފައިވާނެއެވެ. އެހެންވެ، އެ ވައުދުތައް ފުރިހަމަކޮށް ދެއްވާނެ ކަމުގެ ޔަގީން ކަން އެމަނިކުފާނު ދެއްވެވިއެވެ.
އެގޮތުން އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ދައުލަތުގެ ބަޖެޓުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ކޮންމެ ހިޔާ ޓަވަރެއްގައި ދެ ލިފްޓް ހަރު ކުރުމަށް ހިމަނާފައިވާނެ ކަމަށް ވިދާޅުވިއެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ފަހު، މުއިއްޒު ފުރަތަމަ ފަހަރަށް ހުޅުމާލެ ދެވަނަ ފިޔަވައްސަށް ވަޑައިގެންނެވުމުން ގިނަ އަދަދެއްގެ ބަޔަކު އެމަނިކުފާނަށް މަރުހަބާ ދަންނަވަން ނުކުތެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގައި ހިޔާ ފްލެޓު ސަރަހައްދުން މުއިއްޒަށް ވަނީ ވަރަށް ބޮޑު މެޖޯރިޓީއެއް ހޯއްދަވައިފައެވެ.






