މުއިއްޒަށް ދިން ވޯޓާއި، މަޖިލީހުގެ ބޮޑު އަޤުލަބިއްޔަތާއި އެކު، މާލޭ، އަދި ރަށްރަށުގެ ރައްޔިތުންނަށް ލިބުނު ގޯތިތަކާއި، ލިބެންހުރި ގޯތިތައް ނިގުޅާ ގަނެއްޖެ!

މުއިއްޒަށް ދިން ވޯޓާއި، މަޖިލީހުގެ ބޮޑު އަޤުލަބިއްޔަތާއި އެކު، މާލޭ، އަދި ރަށްރަށުގެ ރައްޔިތުންނަށް ގޯތި ލިބުން ނިމުމަކަށް އައިސްފިއެވެ. ބިންވެރިޔާ ސްކީމުން ދޫކުރި ގޯތިތައް ވެރިފަރާތްތަކަށް ލިބޭނެ ދުވަހެއް މިހާރު ނޭނގެއެވެ. ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ރައްޔިތުންނަށް ދިން ގޯތިތައް ތިން މަސް ދުވަސް ތެރޭގައި ހަވާލު ކުރުން ސަރުކާރަށް ލާޒިމުވާ ގޮތަށް ނިމިދިޔަ 19 ވަނަ މަޖިލީހުން ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލެއްވީ، ރައްޔިތުންނަށް ގޯތި ދިނުމަށް ބޭނުން ނުވާތީއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގައި ރައީސް މުއިއްޒު ވަނީ ގޯތި ވިޔަސް ފްލެޓް ވިޔަސް ދީފި އެއްޗެއް އަތުލުމަކީ އިންސާފަކަށް ނުވާނެ ކަމަށް ބުނެ އޭނާ އަށް ވޯޓުލި ފަރާތްތަކަށް އޮޅުވާލާފައެވެ.

މަޖިލީހުގައި އިއްޔެ އެމްޑީޕީގެ މަދު މެމްބަރުން ކޮޅު، ދައުވާ ކުރަމުން ދިޔައީ، ރައްޔިތުންނަށް ގޯތި ދޭންޖެހޭ ކަމަށް ބުނެއެވެ. ނަމަވެސް، ސަރުކާރުގެ މަޖިލީސް މެމްބަރުންގެ ވާހަކަ ހުރީ، ކަން ދިގުދެންމުމަށެވެ. މުއިއްޒުގެ ފަރާތުން ވާހަކަ ދެއްކި އޭނާގެ ކޮއްކޮ ސިފަ ކޮށްފައިވަނީ މާލޭ ރައްޔިތުންނަށް ގޯތި ދިނުމަކީ ކުރީ ސަރުކާރުން ހިންގި ޖަރީމާއެއް ގޮތުގައެވެ. މިކަމަށް އެއްވެސް ހެއްކެއް، ނުވަތަ ސާފު ޖަވާބެއް ނުދީ، ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގޯތި ލިބިފައިވާ ފަރާތްތައް އަތުން ގޯތި އަތުލައި، ކޮރަޕްޝަނުގެ ތެރެއިން ނާޖާއިޒް މަންފާ ހާސިލްވާހެން މިކަން ކުރުމަށެވެ.

ސަރުކާރުން ބުނެމުން ދައްކާހާވެސް ވާހަކަ އަކީ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ޖުމުލަ ހައްލެއް ހޯދާނެ ކަމަށެވެ. ސަރުކާރުން ބޭނުންވަނީ މާލޭ ގިނަ ބަޔަކު މާލެއިން ބާލައި، ފުށި ދިއްގަރުފަޅުގައި އަޅާ ކުދި ފްލެޓްތަކަށް ލުމަށެވެ. ޕީޕީއެމް ސަރުކާރުގައި މުއިއްޒު އިސްކޮށް ހުރެގެން ހިޔާ ފްލެޓްގައި ކުދި ގޮޅި ހަދައި، އެތައް ހާސް ބަޔަކު އެއްތަނަކަށް ވަނީ ޖަމާ ކޮށްފައެވެ. އެ ވިދާޅުވާ ޖުމްލަ ހައްލަކީ އެއީއެވެ. އެވާހަކަ އެގޮތަށް ހާމަ ކުރަން ބޭނުން ނުވާތީ އެކި އެކި އުޒުރު ދައްކައި މުއިއްޒުގެ މެމްބަރުން ތިބީ ރައްޔިތުންނަށް ދޮގު ހަދައި އޮޅުވާލުމުގައިއެވެ.

ރައީސް ސޯލިހްގެ ސަރުކާރުން ނިންމާފައިވަނީ މާލޭގައި ދިރިއުޅޭ ރަށްރަށަށް ނިސްބަތްވާ ފަރާތްތަކަށްވެސް މާލޭ ސަރަހައްދުން ގޯތި ދިނުމަށެވެ. ނަމަވެސް މުއިއްޒުގެ ވެރިކަމާއި އެކު އެ ފުރުޞަތު ވަނީ ރަށްރަށުން މާލެ ހިޖުރަކޮށް 20-60 އަހަރު ވެފައިވާ ފަރާތްތަކަށް ގެއްލިފައެވެ.

މުއިއްޒުގެ ވެރިކަމުގައި ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަމުން ދަނީ ރައްޔިތުންނަށް ހުރި ނިކަމެތިކަމާއި އަނިޔާވެރިކަމެވެ.