ސައުދީން ރާއްޖެއަަށް މިއަހަރު ދިނީ އިތުރު އެންމެ 150 ހައްޖު ކޯޓާ! ނިކަމެތި އެތައް ބަޔަކު ހައްޖަށް ނުދެވިފައި ތިއްބާ, އިތުރަށް ދިން 150 ހައްޖު ކޯޓާ ސަރުކާރުގެ ބޮޑުންގެ މެދުގައި ބައިއަޅާ ވަނީ ބަހާލާފަ!

މިއަހަރު ރާއްޖެއިން ހައްޖަށް ދިއުމަށް ސައުދީ ސަރުކާރުން ދޫކުރި 1,000 ކޯޓާގެ އިތުރަށް ރާއްޖެއަށް ދޫކޮށްފައިވަނީ އެންމެ 150 ކޯޓާ ކަމަށް “ދިޔަވަރު އޮންލައިން”އަށް ކަށަވަރު ކުރެވިއްޖެއެވެ.

އަދި ސައުދީ ސަރުކާރުން އިތުރަށް 150 ހައްޖު ކޯޓާ ދޫކުރިކަން މި ސަރުކާރުން މީޑިއާތަކަށް ހާމަކޮށްފައި ނުވާއިރު, މި 150 ހައްޖު ކޯޓާ އިސްލާމިކް މިނިސްޓްރީއާއި ހައްޖު ކޯޕަރޭޝަންއިންވަނީ ބޮޑުންގެ މެދުގައި ބަހާލާފައިކަމަށް “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިން އިސްލާމިކް މިނިސްޓްރީގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

“ދިޔަވަރު އޮންލައިން”އާއި މައުލޫމާތު ހިއްސާކުރި އިސްލާމިކް މިނިސްޓްރީގެ އިސް އޮފިޝަލު ވިދާޅުވީ ސައުދީ ސަރުކާރުން އިތުރަށް ދިން 150 ހައްޖު ކޯޓާގެ ތެރެއިން 100 ކޯޓާ ދޫކުރީ ހައްޖު ކޯޕަރޭޝަންއަށް ކަމަށާއި, 50 ކޯޓާ އިސްލާމިކް މިނިސްޓްރީއަށް ނަގައިގެން ސަރުކާރުގެ ބޮޑުންގެ މެދުގައި ބައި އަޅާ, އެކޯޓާ ބޮޑުންގެ މެދުގައި ބަހާލާފައި ވާކަމުގައެވެ.

އަދި އޭނާ ވިދާޅުވީ ސައުދީ ސަރުކާރުން އިތުރަށް ދޫކުރި 150 ހައްޖު ކޯޓާގެ ތެރެއިން ހައްޖު ކޯޕަރޭޝަންއަށް ދޫކުރި 100 ކޯޓާވެސް ވަނީ ހައްޖު ކޯޕަރޭޝަން ބޭނުންވާ ބަޔަކަށް ދީ, އެއްވެސް އިންސާފެއް ނެތި ބަހާލާފައި ކަމުގައެވެ. އެގޮތުން ހައްޖު ކޯޕަރޭޝަނަށް ދޫކުރި މި 100 ކޯޓާގެ ފުރުސަތުގެ ތެރެއިން ބައެއް ފުރުސަތު, 2027 ގައި ހައްޖަށް ދިއުމަށް ހަމަޖެހިފައިވާ ބައެއް ފަރާތްތަކަށްވެސް ވަނީ ދޫކޮށްފައެވެ.

އެގޮތުން, ނިކަމެތި އެތައް ބަޔަކި ހައްޖަށް ދިއުމުގެ އިންތިޒާރީގައި ތިއްބާ, ސައުދީ ސަރުކާރުން އިތުރަށް ދޫކުރި 150 ހައްޖު ކޯޓާ މިސަރުކާރުން ބަހާލާފައިވަނީ, އެއްވެސް އިންސާފެއް ނެތި, ބޮޑުންނާއި ބޮޑުންގެ ގާތްތިމާގެ މީހުންނާއި އެކުވެރީންނަށެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ރާއްޖެއިން 1,150 ޙައްޖާޖީން ބައިވެރިވާނެއެވެ. އެއީ ސައުދީ ސަރުކާރުން ދިން 1000 ކޯޓާގެ ފުރުސަތު ލިބުނު 1000 މީހުންގެ އިތުރަށް ސައުދީން އިތުރަށް ދިން 150 ކޯޓާގައި ހައްޖަށް ދާ, މިސަރުކާރުން ބޮޑުންނާއި ބޮޑުންގެ ގާތްތިމާގެ އަދި އެކުވެރިން ހިމެނޭ ގޮތުންނެވެ.

ކޮންމެ އަހަރަކުވެސް ސައުދީ ސަރުކާރުން ދޫކުރާ ރަސްމީ 1,000 ހައްޖު ކޯޓާގެ އިތުރަށް ރާއްޖެއަށް ކޯޓާ ދޫކުރެއެވެ. އެގޮތުން ބައެއް އަހަރުތަކުގައި އިތުރަށް 500 ކޯޓާވެސް އަދި އަނެއްބައި އަހަރުތަކުގައި އިތުރަށް 1,000 ހައްޖު ކޯޓާވެސް ދޫކޮށްފައި އެބަހުއްޓެވެ. އެހެންކަމުން މިއަހަރު ހިމެނިގެން މިދިޔައީ ރާއްޖެއަށް ސައުދީ ސަރުކާރުން މިހާތަނަށް އެންމެ މަދުން ކޯޓާ ދޫކުރި އަހަރު ކަމުގައެވެ.

އިސްލާމިކް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ މިއަރު އާދަޔާ ޚިލާފަށް މަދުން ރާއްޖެއަށް ހައްޖު ކޯޓާ ދޫކުރުމުން, މި ސަރުކާރާ ސައުދީ ސަރުކާރުގެ ގުޅުމަށް އަދިވެސް އެއްވެސް ވަރެއްގެ ކުރިއެރުމެއް ލިބިގެން ގޮސްފައި ނުވާކަމަށް ދޭހަކޮށްދޭ ކަމުގައެވެ.