#ރިޕޯޓު: ހައްޖުގެ މަތިވެރި އަޅުކަމަށް މީހުން ފޮނުވުންވެސް ހެދީ ބޮޑު ވައްކަމަކަށް! ދީނީ ތާކިޔާ އަޅައިގެން ތިބެ, ހެއްދެވި ފަރާތަށް ބިރުވެތި ވުމެއްނެތި ދީނީ އަޅުކަމުންވެސް ދަނީ މުތުލަގަށް ވައްކަން ކުރަމުން!

ހައްޖުގެ މަތިވެރި އަޅުކަމަކީ އިސްލާމް ދީނުގެ އެންމެ މުހިންމު އެއް ރުކުނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކޮންމެ އަހަރަކުވެސް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެދިއެދި ތިބޭ އެތައް ހާސް ދިވެހިންނެއް އެ ފުރުސަތު ހޯދުމަށް ދަނީ އެތައް އުއްމީދެއް ކުރަމުންނެވެ.

އެގޮތުން ހައްޖުގެ އަޅުމަކަން އަދާކުރުމަށް ބޭނުންވާ ދިވެހިން އަދަދު ގިނަވެ, ކޮންމެ އަހަރަކުވެސް ސައުދީ ސަރުކާރުން ދޭ 1,000 ހައްޖު ކޯޓާގައި, ހައްޖުގެ އަޅުކަން އަދާ ކުރުމަށް މައްކާއަށް ދިއުމުގެ ފުރުސަތު ލިބެނީ އެފުރުސަތަށް ބޭނުންވެފައި ތިބޭ މީހުންގެ ނިސްބަތުން ބަލާއިރު މަދު ބަޔަކަށެވެ.

އޭގެ ނަތީޖާއަަކަށް ވެގެންދަނީ, ހައްޖުގެ އަޅުގަކަން އަދާކުރުމަށް ބޭނުންވާ މީހުންގެ ކިއުދިގުވެ, އެފުރުސަތު ހޯދުމަށް ގިނަ ދިވެހިން ދިގު އިންތިޒާރެއް ކުރަން ޖެހުމެވެ. ގިނަ ދިވެހިންނަށް ހައްޖަށް ދެވެނީ އެތައް އަހަރެއްގެ ދިގު އިންތިޒާރީއަކަށްފަހުއެވެ.

އެހެންނަމަވެސް އިންސާފްވެރި ވެރިކަމެއް ކޮށްދޭނެކަމުގެ ވައުދުތަކާއެކީ ވެރިކަމަށް އައި މުއިއްޒުގެ ސަރުކާރުން މިހާރު މިވަނީ ދިވެހިރައްޔިތުން ހައްޖަށް ދިއުމަށް ސައުދީ ސަރުކާރުން ދެމުން އަންނަ ހައްޖު ކޯޓާއިން ވައްކަންކޮށް, އެއްވެސް އިންސާފެއްނެތި, ސަރުކާރުގެ ބޮޑުންނާއި ބޮޑުންގެ އާއިލީ މީހުންނާއި އެކުވެރިންގެ އިތުރުން ވެރިކަންކުރާ ޕީއެންސީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައި ތިބި އެތައް ބަޔަކަށް ނާއިންސާފުން ހައްޖަށް ދިއުމުގެ ފުރުސަތުދީ, ނިކަމެއްތި ރައްޔިތުންގެ ކިބައިން ހައްޖަށް ދިއުމުގެ ހައްގުވެސް ނިގުޅައިގެންފައެވެ.

އެގޮތުން މިހާރު ސޯޝަލް މީޑިއާގައިވެސް އާންމުވެފައިވާ, ސަރުކާރުގެ އެހީގައި ނިކަމެތިން ހައްޖަށް ފޮނުވުމުގެ ނަމުގައި މި ސަރުކާރުން މިއަހަރު ހިލޭ ހައްޖު ކުރުމުގެ ފުރުސަތުދިން 50 މީހުންގެ ތެރޭގައި ގިނައީ ޕީއެންސީގެ މެމްބަރުންނާއި އަދި މިސަރުކާރުގެ އިސްވެރިންގެ އާއިލީ މީހުންކަން މިހާރު ހުރީ ވަރަށްވެސް ރަގަޅަށް ހާމަކޮށް ފެންނާށެވެ.

ފަގީރުންގެ ނަމުގައި ސަރުކާރު ޚަރަދުގައި ހައްޖަށް ފޮނުވާފައިތިބި ގިނަ މީހުންނަކީ ވެރިކަންކުރާ ޕީއެންސީގެ ދަފްތަރުގައި ތިބި މީހުން

އޭގެ ތެރޭގައި, ވެރިކަންކުރާ ޕީއެންސީގެ ދަފްތަރުގައި ތިބި ފަރާތްތަކަށް ވާއިރު, މިސަރުކާރުގެ ވަޒީރުންނާއި އެމްޑީންނާއި އަދި އެނޫންވެސް ބޮޑުންގެ އާއިލީ މީހުންނާއި އެކުވެރިންގެ އިތުރުން, ބޮޑެތި މުސާރަލިބޭ މަގާމްތަކުގައި ތިބި ފަރާތްތައްވެސް ހިމެނޭކަން ސާފުކޮށް ފެންނާން އެބަހުއްޓެވެ.

އެހެންނަމަވެސް ސަރުކާރުން ބުނެފައިވަނީ, ސަރުކާރުގެ ޚަރަދުގައި ހައްޖަށް ދިޔައީ ނިކަމެތިންނާއި ފަގީރުން ކަމުގައެވެ. އަދި އެ 50 މީހުންނަކީ ފަގީރުންގެ ލިސްޓުގައި ތިބި ފަރާތްތައްކަމަށްވެސް ސަރުކާރުން ބުނެފައި ވެއެވެ.

އަދި އޭގެ އިތުރުން ހައްޖު ކޯޕަރޭޝަންއިން ހައްޖަށް ދިޔަ މީހުންގެ ތެރޭގައިވެސް, “ހައްޖު ކިއު ފަޅާލުމަށްފަހު” ސަރުކާރުން އިސްވެރިންނާއި ގުޅައިގެން މިއަހަރު ހައްޖަށް ދިއުމުގެ ފުރުސަތު ހޯދި ފަރާތްތައް ހިމެނެއެވެ. އޭގެ ތެރޭގައި 2028 ގައި ހައްޖަށް ދިއުމަށް ފުރުސަތު ލިބި ކިއުގައި ތިބި ފަރާތްތަކާއި އަދި ކިއުގައި ނުޖެހި މުޅިން އަލަށް ފުރުސަތު ހޯދި މީހުންވެސް އޭގެ ތެރޭގައި ހިމެނެއެވެ.

ހަމަ އެއާއެކު, ސައުދީ ސަރުކާރުން މިސަރުކާރަށް އިތުރަށް 150 ހައްޖު ކޯޓާ ދޫކުރިކަން މި ސަރުކާރުން މީޑިއާތަކަށް ހާމަނުކޮށް, މި 150 ހައްޖު ކޯޓާވެސް އިސްލާމިކް މިނިސްޓްރީއާއި ހައްޖު ކޯޕަރޭޝަންއިންވަނީ ބޮޑުންގެ މެދުގައި ބައިއަޅާ ބަހާލާފައެވެ.

”ދިޔަވަރު އޮންލައިން“އަށް ކަށަވަރު ވެފައިވާ ގޮތުގައި ސައުދީ ސަރުކާރުން އިތުރަށް ދިން 150 ހައްޖު ކޯޓާގެ ތެރެއިން 100 ކޯޓާ ދޫކުރީ ހައްޖު ކޯޕަރޭޝަންއަށެވެ. އަދި 50 ކޯޓާ އިސްލާމިކް މިނިސްޓްރީއަށް ނަގައިގެން ސަރުކާރުގެ ބޮޑުންގެ މެދުގައި ބައި އަޅާ, އެކޯޓާ ބޮޑުންގެ މެދުގައިވަނީ ބަހާލާފައެވެ.

އަދި ސައުދީ ސަރުކާރުން އިތުރަށް ދޫކުރި 150 ހައްޖު ކޯޓާގެ ތެރެއިން ހައްޖު ކޯޕަރޭޝަންއަށް ދޫކުރި 100 ކޯޓާވެސް ވަނީ ހައްޖު ކޯޕަރޭޝަން ބޭނުންވާ ބަޔަކަށް ދީ, އެއްވެސް އިންސާފެއް ނެތި ބަހާލާފައެވެ. އެގޮތުން ހައްޖު ކޯޕަރޭޝަނަށް ދޫކުރި މި 100 ކޯޓާގެ ފުރުސަތުގެ ތެރެއިން ބައެއް ފުރުސަތު, 2027 ގައި ހައްޖަށް ދިއުމަށް ހަމަޖެހިފައިވާ ބައެއް ފަރާތްތަކަށްވެސް ވަނީ ދޫކޮށްފައެވެ.

ނިކަމެތި އެތައް ބަޔަކު ހައްޖަށް ދިއުމުގެ އިންތިޒާރީގައި ތިއްބާ, ސައުދީ ސަރުކާރުން އިތުރަށް ދޫކުރި 150 ހައްޖު ކޯޓާ މިސަރުކާރުން ބަހާލާފައިވަނީ, އެއްވެސް އިންސާފެއް ނެތި, ބޮޑުންނާއި ބޮޑުންގެ ގާތްތިމާގެ މީހުންނާއި އެކުވެރީންގެ މެދުގައެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ރާއްޖެއިން 1,150 ޙައްޖާޖީން ބައިވެރިވާނެއެވެ. އެއީ ސައުދީ ސަރުކާރުން ދިން 1000 ކޯޓާގެ ފުރުސަތު ލިބުނު 1000 މީހުންގެ އިތުރަށް ސައުދީން އިތުރަށް ދިން 150 ކޯޓާގައި ހައްޖަށް ދާ, މިސަރުކާރުން ބޮޑުންނާއި ބޮޑުންގެ ގާތްތިމާގެ އަދި އެކުވެރިން ހިމެނޭ ގޮތުންނެވެ.

ކޮންމެ އަހަރަކުވެސް ސައުދީ ސަރުކާރުން ދޫކުރާ ރަސްމީ 1,000 ހައްޖު ކޯޓާގެ އިތުރަށް ރާއްޖެއަށް ކޯޓާ ދޫކުރެއެވެ. އެގޮތުން ބައެއް އަހަރުތަކުގައި އިތުރަށް 500 ކޯޓާވެސް އަދި އަނެއްބައި އަހަރުތަކުގައި އިތުރަށް 1,000 ހައްޖު ކޯޓާވެސް ދޫކޮށްފައި އެބަހުއްޓެވެ. އެހެންކަމުން މިއަހަރު ހިމެނިގެން މިދިޔައީ ރާއްޖެއަށް ސައުދީ ސަރުކާރުން މިހާތަނަށް އެންމެ މަދުން ކޯޓާ ދޫކުރި އަހަރު ކަމުގައެވެ.

އިސްލާމިކް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ ކޮންމެ އަހަރަކުވެސް ސައުދީ ސަރުކާރުން އިތުރަށް ދޫކުރާ ހައްޖު ކޯޓާ, މިއަރު އާދަޔާ ޚިލާފަށް މަދުން ރާއްޖެއަށް ދޫކުރުމުން, މި ސަރުކާރާ ސައުދީ ސަރުކާރުގެ ގުޅުމަށް އަދިވެސް އެއްވެސް ވަރެއްގެ ކުރިއެރުމެއް ލިބިގެން ގޮސްފައި ނުވާކަމަށް ދޭހަކޮށްދޭ ކަމުގައެވެ.

މި ސަރުކާރު ވެރިކަމަށް އައިތާ 6 މަހެއްހާދުވަސް ފާއިތުވެގެން ގޮސްފައިވާއިރު, މިއަދު ފެންނަމުން ދަނީ ދީނީ ތާކިހާ އަޅައިގެންތިބެ, ދީނީ މާތް އަޅުކަމުގެ ތެރެއަށްވެސް ކޮރަޕްޝަނާއި ފަސާދަ ވައްދާ, ނިކަމެތި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަމުންދާ ތަނެވެ.

އެހެންނަމަވެސް ސާފުކޮށް ފެންނާންހުރި ކޮރަޕްޝަންގެ މި އަމަލުތަކަށްވެސް އޭސީސީ އޮތީ ދެލޯ މަރާލައިގެން ހަނުއެވެ.