ޕީއެންސީގެ މަޖިލީސް މެމްބަރުން، އިޒްރޭލް ޕާސްޕޯޓް ބޭން ކުރުމަށް މަޖިލީހުގައި ދެކޮޅު ހަދައިފި. އަމަލު ކުރަމުން ދަނީ މުއިއްޒުގެ އަމުރަށް!

އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމަށް ދެކޮޅު ހަދައި، ޕީއެންސީ މެމްބަރުން މަޖިލީހުގައި މިއަދު ދެއްކީ ހުސް ލާދީނީ ވާހަކައެވެ. އެމްޑީޕީއިން ހުށައެޅި އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމުގެ އިސްލާހަށް ތާޢީދު ކޮށް ޕީއެންސީގެ އެންމެ ފަރާތެއް ވާހަކަ ދައްކާފައި ނުވާ އިރު، ފަލަސްތީނުގެ ދިފާޢުގައި މިއަދު ވާހަކަ ދައްކާފައި ވަނީ އެކަނި އެމްޑީޕީގެ މެމްބަރުން އެކަންޏެވެ.

މުއިއްޒު ވަނީ ފަލަސްތީނުގެ ޕާސްޕޯޓު މަޖިލީހުން ބޭން ކުރުމަށް އިސްލާހެއް ހުށައަޅާނެ ކަމަށް ބުނެފައެވެ. ނަމަވެސް މިހެން މުއިއްޒު ބުނެފައިވަނީ އެމްޑީޕީއިން މާ ކުރިން އެ އިސްލާހު މަޖިލީހަށް ހުށައަޅާފައި ވަނިކޮށެވެ.

އެހެން މިކަން އޮތް އިރު އެކަމަށް ތާއީދު ނުކުރަން މަޖިލީސް މެމްބަރުން ނިންމާފައިވަނީ މުއިއްޒު އަންގައިގެން ކަމަށް ބެލެވެއެވެ.

މިއަދު މަޖިލީހުގައި މުއިއްޒުގެ މެމްބަރުން އިޒްރޭލް ޕާސްޕޯޓް ބޭން ކުރުމާއި ދެކޮޅަށް ގިނަ ވާހަކަ ތަކެއް ދައްކާފައި ވެއެވެ. މި ގޮތުން އިޤްތިޞާދީ ގޮތުން އެކަމަށް އަސަރު ކުރާނެ ކަމަށް ބުނެ ވަނީ ވާހަކަ ދައްކާފައެވެ. އިޤްތިޞާދީ ގޮތުން އަސަރު ކުރާނަމަ އެފަދަ ނިންމުމެއް ނިންމަން މުއިއްޒުގެ ކެބިނެޓަކުން އެއްބަސް ނުވާނެ ކަމަށް ޕީއެންސީގެ އާންމު މެމްބަރުން ދަނީ ބުނަމުންނެވެ. އަދި ގިނަ ބަޔަކު މިކަމާއި ދަނީ ފާޑު ކިޔަމުންނެވެ.

އިތުރަށް ޕީއެންސީގެ މެމްބަރުން ދައްކާފައިވާ ވާހަކަ އަކީ އެމްޑީޕީގެ ސަރުކާރުގައި ޕާސްޕޯޓް މަނާ ނުކުރި ސަބަބު ހާމަ ކޮށް ދިނުމަށެވެ. ފަލަސްތީނުގެ ހަނގުރާމަ ފެށިގެން ދިޔައީ ރިޔާސީ ކެމްޕެއިން ތެރޭގައެވެ. އަދި ކެމްޕެއިން ނިމިގެން އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް ގޮވާލައި އޭރު އިނދިކޮޅުގައި ތިބި ޕީޕީއެމް މީހުން އެކަމަށް ގޮވާލި އިރު މުއިއްޒު އަށް ވަނީ ވެރިކަން ލިބިފައެވެ. އެހެން ޑިމޮކްރަޓިކް އުސޫލުން ބަލާއިރު އެއީ މުއިއްޒު ނިންމަން ޖެހޭ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.