ބޯހިޔާވަހިކަމުގެ ދެވަނަ ބުރުގެ ގޯއްޗާއި ފްލެޓް ލިބޭނީ ފައިނަލް ލިސްޓު އާންމުކޮށްފިނަމަ – މުއިއްޒު

ހައުސިންގ މިނިސްޓްރީއިން މީގެ ކުރިން ހާމަ ކޮށްފައިވަނީ ދައުރު ނިމެންވާއިރަށް އެ ހުރިހާ ފޯމެއް އިވެލުއޭޓް ކުރުމުގެ މަސައްކަތް ނުނިމޭނެކަމަށް

މިއަދު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި މުއިއްޒު ވިދާޅުވީ، ދެވަނަ ބުރުގައި ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށް، ރައްޔިތުންނަށް ގެދޮރުގެ ޔަގީންކަން ލިބޭ ހިސާބަށް ގެންގޮސްފި ނަމަ އެ ގެންދިޔަ ހިސާބަކުން އެ މަނިކުފާނުގެ ސަރުކާރުގައި މަސައްކަތް ފަށާނެ ކަމަށެވެ.

“ގެދޮރުވެރިކަމަކީ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެންމެ މުހިންމު ސިޔާސަތުކަން އަޅުގަނޑުމެން ވާނީ ކެމްޕެއިންގައި ތަކުރާރުކޮށް ދަންނަވާފައޭ. އެހެންވީމަ އެއްވެސް ހިސާބަކަށް ގެންގޮސްފައިވާ ގެދޮރުވެރިކަމުގެ އެއްވެސް މަޝްރޫއެއްގެ ސަބަބުން ރައްޔިތަކަށް އެއްވެސް ވަރެއްގެ އުންމީދެއް ލިބުމާ ހަމައަށް ގޮސްފައިވާ އެއްވެސް ކަމެއް ބާތިލެއް ނުކުރަނަމޭ،” މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މީގެ ކުރިން ވިދާޅުވެފައިވަނީ، މި ދައުރު ނިމެންވާއިރަށް އެ ހުރިހާ ފޯމެއް އިވެލުއޭޓް ކުރުމުގެ މަސައްކަތް ނުނިމޭނެ ކަމަށެވެ.

ކަންކަން ބައްޓަންކުރަން ބޭނުންވަނީ މިހާރަށް ވުރެ ގިނަ ރައްޔިތުންނަށް ފައިދާ ވާގޮތަށް، މިހާރަށްވުރެ އިންސާފުވެރިކޮށް ކަން ޑރ. މުއިއްޒު ފާހަގަ ކުރެއްވިއެވެ.ނަމަވެސް އެގޮތަކީ ކޮބައި ކަމެއް މުއިއްޒު ވިދާޅުވެފައެއް ނުވެއެވެ!

މުއިއްޒުގެ ހައުސިންގ މިނިސްޓަރ ކަމުގައި ހުންނަވައިގެން ބޭއިންސާފުން ޕީޕީއެމް އެތައް ބަޔަކަށް ހިޔާ ފްލެޓްތައް ލިބުމުން، ލިބެންޖެހޭ އެތައްހާސް ބަޔަކަށް ވަނީ އެފުރުޞަތު ގެއްލިފައެވެ. އަލުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފެއްޓެވީ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުންނެވެ.