މެލޭޝިޔާގައި އަބްދުﷲ މުހައްމަދު ހިފެހެއްޓީ އަނިޔާވެރިކަމާއި ޓެރަރިޒަމަށް ވާގިވެރިވާހެން ވާހަކަ ދައްކާތީ!

އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) މެލޭޝިޔާގެ އިމިގްރޭޝަނުގައި ހިފެހެއްޓުމަށް ފަހު މިރޭ މާލެ ފުރުވާލައިފި އެވެ.

އޭނާ ހިފަހައްޓާފައިވާ ވަކި ސަބަބެއް މެލޭޝިޔާ ސަރުކާރުން ސީދާ ހަމަ ނުކުރި ނަމަވެސް، މިފަދައިން ހައްޔަރުކޮށް ޤައުމުތަކުން ފޮނުވާލަނީ ޓެރަރިޒަމަށް ވާގިވެރިވާ ފަރާތްތަކުގެ ލިސްޓަށް ނަން އެރުމުންނެވެ. އެހެންކަމުން އިސްލާމީ ޤައުމުތައް ހިމެނޭހެން ދުނިޔޭގެ ގިނަ ޤައުމުތަކަށް އަބްދުﷲ މުހައްމަދަށް ދަތުރު ކުރުމަށް މިހާރު ދަތިވާނެއެވެ.

ޗެނަލް 13 ގައި އަބްދުﷲ މުހައްމަދު (ބޯފަން އަބްދުﷲ) ދައްކާފައި ހުންނަ ވާހަކަތަކުގައި ސުލްހަވެރި ޤައުމުތަކުގެ ސަރުކާރުތަކާއި މެދު، ނަފްރަތު އުފެއްދުމަށް އަނިޔާވެރިކަން އިސްކޮށް ދޮގު ވާހަކަ ފަތުރައިގެން ދެއްކުމަކީ މިކަމުގެ އަސްލެވެ. ޕީޕީއެމް އިން އިސްނަގައިގެން ހިންގި އިންޑިޔާ އައުޓު ކެމްޕެއިންގައި އިންޑިޔާއާއި މެދު އެއްވެސް އަސާސެއް ނެތި ނަފްރަތު އުފެއްދުމަށް ދޮގު ވާހަކަ ދައްކައި، އަނިޔާވެރިކަމަށް އަބްދުﷲ މުހައްމަދު ފަދަ ބޭފުޅުން ގޮވާލާފައިވަނީ ސިޔާސީ މަންފާއަކަށެވެ. ދުނިޔޭގެ ޤައުމުތަކުން މިފަދައިން ނަފްރަތުގެ ކުށް ކުރާ ފަރާތްތައް ދެނެގަނެ އެމީހުންނާއި މެދު އެކަށޭނެ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.

ރާއްޖޭގެ ތިބި އިންޑިޔާގެ 74 ސިފައިންގެ ތެރެއިން ގިނަ 3 ބައިކުޅަ ދެބައި ސިފައިންނަކީ ޕީޕީއެމް ސަރުކާރުގައި ރައީސް ޔާމީންގެ އެދުމުގެ މަތިން، ހެލިކޮޕްޓަރާއި، ޑޯނިޔާ ދުއްވުމަށް އެބޭފުޅުން ގެނައި ބައެކެވެ. ބާކީ ތިބީ ރައީސް ނަޝީދުގެ ސަރުކާރުގައި ގެނައި ބައެކެވެ.

އެހެންކަމުން ޕީޕީއެމްގެ ސަރުކާރުން އެދިގެން ގެނައި ބަޔަކު، ނުރައްކާތެރި ބައެއް ގޮތުގައި ސިޔާސީ ބޭނުމަށް ސިފަކޮށް އަދި އިންޑިޔާއާއި މެދު ނަފްރަތު އުފެދޭހެން ތަކުރާރުކޮށް މަސައްކަތް ކުރުމަކީ ދުނިޔޭގެ އެއްވެސް ޤައުމަކުން ޤަބޫލު ކުރާނެ ކަމެއް ނޫނެވެ. އަދި ބައިނަލްއަގްވާމީ ދުނިޔެއިން ބޯފަން އަބްދުﷲ ފަދަ ފަރާތްތަކަށް އަޅާފައިވާ ފިޔަވަޅުތައް ބަދަލު ކުރުމުގެ އެއްވެސް ބާރެއް މުއިއްޒުގެ ސަރުކާރަކަށް ލިބިގެން ނުވެއެވެ.