އައިޕީޔޫގެ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ ކޮމިޓީގެ ޗެއާއަކަށް މެމްބަރު ޖީހާން

އިންޓަ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ ކޮމިޓީގެ ރައީސަކަށް ރައްޔިތުންގެ މަޖިލީހުގެ ހިންވަރު ދާއިރާގެ އެމްޑީޕީ މެމްބަރު ޖީހާ މަހުމޫދު އިންތިހާބު ވެއްޖެ އެވެ.

އޭނާ އިންތިހާބުވީ 2025 ވަނަ އަހަރާ ހަމައަށް އެެ މަގާމުގައި ދެމިހުންނަވާ ގޮތަށެވެ.

އޭނާ އެމަގާމަށް ވަޑައިގެންނެވިކަން ރައްޔިތުންގެ މަޖިލީހުން މިއަދު ހާމަކުރި ނަމަވެސް އެކަމާ ބެހޭ މާގިނަ ތަފްސީލެއް ނުދެ އެވެ. ޖީހާނަށް އެމަގާމަށް ވަޑައިގެންނެވުނީ ކޮންކޮން ގައުމެއްގެ ކިތައް ބޭފުޅުންނާ ވާދަކުރައްވައިގެން ކަމެއް އަދި ނޭނގެ އެވެ.

މެމްބަރު ޖީހާނަކީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ވެސް ޗެއާ އެވެ.

އައިޕީޔޫގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުން އެ ޔޫނިއަންގެ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ ކޮމިޓީގެ މައިގަނޑު މަަސައްކަތަކީ ޑިމޮކްރަސީ ކުރިއެރުވުމާއި އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ ދާއިރާއިން ހުރިހާ މުޖުތަމައަކަށް ޓަކައި މަސައްކަތްކުރުމެވެ.

އެ ދާއިރާއިން ކުރިމަތިވެފައިވާ އަދި ކުރިމަތިވަމުންދާ ގޮންޖެހުންތައް ބަލައި ދިރާސާކުރުމަކީ ވެސް އެކޮމިޓީގެ މަސައްކަތުގެ ބައެކެވެ.