ޕީއެންސީގެ ޖަލްސާއަށް އައްޑޫއިން، މޯލްޑިވިއަން އެއަރބަސް އޭ 330 މަރުކާގެ 5 ފްލައިޓުގައި މީހުން ގެނެސްފި، ގެނައީ މުޅިންވެސް ސިޔާސީ މުވައްޒަފުންނާއި މުވައްޒަފުންގެ އަނބިދަރިން

މާދަމާ ރޭ އޮންނަ ޕީއެންސީގެ ޖަލްސާއަށް އައްޑޫއިން މޯލްޑިވިއަން އޭ 330 މަރުކާގެ 5 ފްލައިޓުގައި މިއަދު މާލެއަށް މީހުން ގެނެސްފިއެވެ. ޕީއެންސީގެ އިސް އޮފިޝަލަކު ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ގޮތުގައި މި ފްލައިތްތަކުގައި މުޅިންވެސް އުފުލާފައިވަނީ ސިޔާސީ މުވައްޒަފުންނާއި މުވައްޒަފުންގެ އަނބިދަރިން ކަމުގައެވެ. ހަމަ އެކަނި ސިޔާސީ މުވައްޒަފުންނާއި މުވައްޒަފުންގެ އަނބި ދަރިން މާލެ ގެންނަން ޖެހުނީ އާންމު ރައްޔިތުންގެ ފަރާތުން މި ޖަލްސާއަށް މާލެ އަންނަ އެކަށީގެންވާ ތަރުހީބެއް ނުލިބުމުން ކަމަށްވެސް ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ޕީއެންސީގެ އިސް އޮފިޝަލް ވިދާޅުވިއެވެ.

މާދަމާރޭ ވެރިކަންކުރާ ޕީއެންސީން ބޭއްވުމަށް ހަމަޖައްސާފައިވާ ޖަލްސާއަށް ބޮޑު ޚަރަދެއް ކޮށްގެން ރަށްރަށުގެ ސިޔާސީ ވަޒީފާތަކުގައި ތިބި މީހުން އުފުލަން ފަށާފައިވަނީ އިއްޔެއާއި މިއަދުއެވެ. ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ޕީއެންސީގެ އިސް އޮފިޝަލު ވިދާޅުވީ މި ޖަލްސާއަށް ރަށްރަށުން މީހުން ގެނައުމަށް 5 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމުގައެވެ. އަދި މުޅި ޖަލްސާއަށް ޖުމަލް 15 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސާފައިވާ ކަމަށްވެސް ޕީއެންސީގެ އިސް އޮފިޝަލް ވިދާޅުވެފައި ވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ރަށްރަށުން މާލެ އަންނަ، ސިޔާސީ ވަޒީފާތަކުގައި ތިބި މީހުން މާލެ އައުމަށް ޓިކެޓް ހަމަޖައްސާ ދިނުމުގެ އިތުރުން ތިބުމާއި ކެއުމުގެ ޚަރަދުގެ އިތުރަށް އެލަވަންސްގެ ގޮތުގައި ކޮންމެ މީހަކަށް 1500 ރުފިޔާ ދިނުމަށްވެސް ނިންމާފައިވާ ކަމުގައެވެ.

އޭނާ ވިދާޅުވީ ސިޔާސީ ވަޒީފާތަކުގައި ތިބި މީހުން އާއިލީ މީހުންވެސް މާލެ ގެނައުމަށް އަންގާފައިވާ ކަމަށާއި، އޭގެ ތެރޭގައި އަނބިދަރިންވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިޖަލްސާއަށް މީހުން އިތުރު ކުރުމަށް، މާލެއިން ޖަލްސާއަށް ދާ ކޮންމެ މީހަކަށް 1،000 ރުފިޔާ ލިބޭނެކަމަށް އަންގާފައިވާކަމަށްވެސް ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން އިސް އޮފިޝަލު ވިދާޅުވެފައި ވެއެވެ. އެގޮތުން މާލެއިން 1,000 ރުފިޔާއަށް ޖަލްސާއަށް ދާން ބޭނުންވާ ފަރާތްތަކުގެ ލިސްޓުތައް މިހާރު މާލޭ ދާއިރާތަކުގެ މެމްބަރުން މެދުވެރިކޮށް އެކުލަވާލަމުންދާ ކަމަށްވެސް މައުލުމާތު ލިބިފައި ވެއެވެ.

މުއިއްޒުވަނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ބޭނުން ކޮށްގެން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ކޮރަޕްޝަންގެ އުސޫލުން ނަންގަވާފައެވެ. އެގޮތުން ޕީއެންސީގެ ސިޔާސީ ހަރަަކާތްތައް ހިންގެވުމަށް މުއިއްޒު މިހާރު ބޭނުން ކުރައްވަމުން ގެންދަވަނީ މި ފައިސާއެވެ.