ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ (ޑީ.އެމް.ޑީ)އާއިޝަތު މުޒްނާ ، ކުންފުނި ހިންގުމުގައި ބާރާއި ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް އަންނަނީ ކުރިމަތިވަމުންނެވެ. އެތެރޭގެ މަސްދަރުތަކުން ލިބުނު މައުލޫމާތަށް ބުރަވާއިރު، މުޒްނާގެ މި އަމަލުތައް ދިވެހި ތާރީޚުގައި އެނދި މަރިޔަބު (މަރިޔަމް ކަނބާފާނު) ވެރިކަން ކުރެއްވި ހުތުރު ނުބައި ގޮތްގޮތާ އެއްފަދަ ކަމަށް ބައެއް ފަރާތްތަކުން ސިފަކުރެއެވެ.
ދިވެހި ތާރީޚުން އެނގޭ ގޮތުގައި އެނދި މަރިޔަބަކީ ބާރާއި ނުފޫޒުން ވެރިކަން މިލްކުކުރައްވައި، ދިވެހި ތާރީޚު ނުދެކޭ ފަދަ ހުތުރު ނުބައި ވެރިކަމެއް ކުރެއްވި ބޭކަނބަލެކެވެ. ބޭރުގެ ސައްޔާޙުން އެކަމަނާ ސިފަކުރައްވަނީ ރޫސީވިލާތުގެ ރާނީ ކެތަރިން ދެވަނަ ފަދަ ބޭކަނބަލެއްގެ ގޮތުގައެވެ.
ސްޓެލްކޯގެ ހިންގުމުގައި ޑީ.އެމް.ޑީ މުޒްނާ އޭނާގެ ބާރާއި ނުފޫޒު ބޭނުންކުރައްވައި، އޭނާ ހިތްޕުޅާވާ މީހުންނަށް ވަޒީފާގެ ކުރިއެރުންތައް ހޯއްދަވައިދެއްވާ ކަމަށް ވަނީ ތުހުމަތުކުރެވިފައެވެ. ވަކިން ހާއްސަކޮށް، މުޒްނާގެ ފިރިކަލުންނަކީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ކަމަށްވާތީ، ހުޅުދޫއަށް ނިސްބަތްވާ މީހުން ބޮޑެތި މުސާރާގައި ކުންފުނީގެ މަގާމްތަކަށް ވެއްދިފައިވާ ކަމަށް މަސްދަރުތަކުން މައުލޫމާތު ދެއެވެ. ކުންފުނީގައި އިޚްލާސްތެރިކަމާއެކު 20، 30 އަހަރު މަސައްކަތްކުރި މުވައްޒަފުންނަށްވެސް ނުލިބޭ ވަރުގެ ބޮޑެތި މުސާރަ މިފަދަ މީހުންނަށް ދީފައިވާ ކަމަށް ވެއެވެ.
ކުންފުނިތައް ރެގިއުލޭޓް ކުރާ މުއައްސަސާ (ޕީ.ސީ.ބީ) އިން މިހާރު ވެސް ސްޓެލްކޯގެ މުވައްޒަފުންގެ މުސާރައާ ބެހޭ ގޮތުން މިނިވަން ތަހުގީގެއް ކޮށްފިނަމަ، ހުޅުދޫއަށް ނިސްބަތްވާ މުވައްޒަފުންގެ ބޭސިކް މުސާރަ އާދަޔާ ހިލާފަށް ބޮޑުކޮށްފައިވާ ހަގީގަތް ފެނިގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.
އަންހެން މުވައްޒަފުންނާ މުޒްނާ ޖައްސާލައްވާ ކަމަށްވެސް ތުހުމަތުތަކެއް ވަނީ ކުރިމަތިވެފައެވެ. މިގޮތުން، އެއްފަހަރަކު އަންހެން އެޗް.އޯ.ޑީއެއް ކާރީގައި މުޒްނާ ވިދާޅުވި ކަމަށްވަނީ “އަހަރެންގެ ރުހުން ނުލިބި އެއްވެސް އަންހެން މުވައްޒަފަކަށް މިތާ ކުރިއެރުމެއް ނުލިބޭނެ” ކަމަށެވެ.
މިފަހުން ކުންފުންޏާ ހަވާލުވި އެމް.ޑީ ސަމާހުއާވެސް މުޒްނާވަނީ ޖައްސާލައްވާފައި ކަމަށް މައުލޫމާތު ލިބެއެވެ. މިގޮތުން، އެމް.ޑީގެ ސެކްރެޓަރީއަށް ވެއްދި އަންހެން މުވައްޒަފެއް މެދުވެރިކޮށް ބޮޑު ޕްލޮޓެއް ރާވައި، އެމް.ޑީ ސަމާހު އެކުއްޖާ ގްރޫމްކުރަން މަސައްކަތްކުރިކަމަށް ދައްކަން މަސައްކަތްކުރި ކަމަށް ތުހުމަތުކުރެވެއެވެ. މި ޓާސްކު އެކުއްޖާ ލައްވައި ކުރެއްވުމަށް ހަވާލުކުރީ މުޒްނާގެ ގާތް މުވައްޒަފުން ކަމަށްވާ ނަޒްމާ ޒަޢިމް (ނަންނު) އަދި ކޮރެޔާ ޝާން ކަމަށް ވެއެވެ. މި ދެ މީހުންނަށް ވަނީ ވަރަށް ފަހުން ބޮޑު ޕްރޮމޯޝަނެއް ދީފައެވެ. މި ޕްލޮޓް ކާމިޔާބުނުވުމުން ނަންނު މެދުވެރިވެ އެކުއްޖާއި ޖައްސާލައި ބުލީގެ ޝިކާރައަކަށްވެ އެކުއްޖާވަނީ އެކަންތައް ތަހައްމަލު ނުކުރެވިގެން ކުންފުނީގެ ވަޒީފާއިން ވަކިވެފައެވެ. މުޒްނާގެ މިފަދަ ނޭއްގާނީ އަމަލުތަކަށް ހިތްވަރު ދޭމީހުންގެ ތެރޭގައި ޖެނެރަލް މެނޭޖަރުންގެ ގޮތުގައި ތިބި އަސްފާ، އީނާޒް، ލީނާ ފަދަ މީހުން ހިމެނޭ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ޝާންގެ އަސާސީ މުސާރަ މިހާރު ވަނީ 20،000 ރުފިޔާ ބޮޑުކޮށްފައި ކަމަށްވެސް އެތެރޭގެ މަސްދަރުތަކުން މައުލޫމާތު ލިބެއެވެ. ޝާންއަކީ ކުރީ ސަރުކާރުގައި، އެމް.ޑީ.ޕީގެ ވެރިކަމުގައި ސްޓެލްކޯގެ އެމް.ޑީ ކަމުގައި ހުންނެވި ޝަރީފްގެ ސެކެޓްރީއެވެ. އެދުވަސްވަރު މުޒްނާމެންނާ ބެހޭ އެކިއެކި ވާހަކަތައް ޝަރީފުމެންގެ މަޖިލިސް ތަކަށް ގެނެސްދެމުން އައީ ޝާންކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް، މި ސަރުކާރު ވެރިކަމަށް އައުމާއެކު ޝާން ވަނީ ކުލަ ބަދަލުކޮށްފައެވެ. މިގޮތުން، ފުރަތަމަ ވެރިކަން ކުރާ ކޯލިޝަންގެ ކެމްޕޭނެއްގައި، ޚާއްސަކޮށް ޝާޑުގެ މަޖިލިސް ކެމްޕޭނުގެ ތެރޭގައި އުޅެ، އޭނާ ވަނީ ފުރަތަމަ ޕްރޮމޯޝަން ހޯދާފައެވެ. މިހާރު ޝާން މަސައްކަތްކުރަމުންދަނީ މުޒްނާގެ “ޕާރސަނަލް ބަޓްލަރެއް” ގެ ގޮތުގައެވެ. މި މަސައްކަތުގެ ތެރޭގައި މުޒްނާގެ ގޭތެރޭގެ ބާޒާރުކުރުވުމާއި، ސްކޫލް ދޮށަށް ދަރިފުޅު ބަލައި ފޮނުވުންފަދަ އަމިއްލަ ކަންކަން ކުރުވުން ހިމެނޭކަމަށްވެއެވެ. ޑީ.އެމް.ޑީ އަކަށް ވުމުގެ ކުރިންވެސް މުޒްނާއަކީ އޭނާގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންލައްވައި އޭނާގެ އަމިއްލަ މަސައްކަތްކުރުވާކަމުގެ ތާރީޚެއް އޮތް ބޭފުޅެއްކަން ފާހަގަކުރެވިފައިވެއެވެ. މުޒްނާ ޝާންއަށް މިދިން ޕްރޯމޯޝަނާއި އެކު ކުންފުނިތެރޭގައި ވަނީ ވަރަށް ބޮޑަށް މަސްލަހަތު ގެއްލިފައި ވަކިން ހާއްސަކޮށް ރައީސް މުއިއްޒު ވެރިކަމަށް ގެންނާން މަސައްކަތްކުރި އަދި ކެމްޕެއިންގައި އުޅުނުމީހިންނަށް ރަގަޅުގޮތެއްނުވެ އޭރު އިދިކޮޅަށް ހުރިމީހަކަށް މިފަދަބޮޑު ކުރިއެރުމެއް ދިނީމަ، މިކަން ސީރިއަސްވެ ރައީސްއާއި ހަމަޔަށްވެސް ދިޔަކަމަށް ހަބަރު ލިބެއެވެ.
މިހާރު މުޒްނާގެ އެންމެ ބޮޑު މަސައްކަތަކަށް ވެފައިވަނީ، ސްޓެލްކޯގެ ބޯޑުގައި މިހާރު ހުންނެވި އަދި ކުންފުނީގެ ޑީ.އެމް.ޑީ ޑރ. އަޒްވަރު އިބްރާހިމް ބޯޑުން ބޭރުކޮށް، އަދި ކުންފުނިންވެސް ވަކިކުރުމަށް މަސައްކަތްކުރުން ކަމަށް މައުލޫމާތު ލިބެއެވެ. މިކަމަށް ސަބަބެއްގެ ގޮތުގައި މުޒްނާ ދައްކަނީ ޑރ. އަޒްވަރުއަކީ އެމް.ޑީ.ޕީއަށް ނިސްބަތްވާ މީހެއްކަމާއި، އަދި ދާދިފަހުން އައްޑޫސިޓީ ބައިކުރުމަށް ނެގުނު ވޯޓުގައި، ޑރ. އަޒްވަރުމެން ފޭދޫކޮޅުން އަޑީގައި ތިބެ، ފޭދޫ ވަކިވާން ބޭނުންނުވާކަމަށް ސައިލެންޓް ކެމްޕޭނެއް ކުރިކަމަށެވެ. މިކަމުގެ އަޑީގައި ފިރިކަލުން ޝާޑު އަދި ފޭދޫދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައި.ބ) އަދި ހޯމް މިނިސްޓަރު އިހްސާންގެ ނުފޫޒު އޮތްކަމަށް މުރާސިލުން މައުލޫމާތުދެއެވެ.
އަދި ހަމަ މިގޮތަށް ޑރ. އަޒްވަރު ކުންފުނީގެ ބޯޑުން ބޭރުކުރުމަށްފަހު އެ މަގާމަށް ކުންފުނީގެ ޑީ.އެމް.ޑީ އަކަށް ހުރި ނާޒިރު ދަނީ ވަރަށް ސިއްރިޔާތުގައި މުޒްނާއާއި ބައިއަތު ހިފައިގެން މިކަމުގައި ބައިވެރިވަމުން ކަމަށްވެސް މައުލޫމާތު ލިބެއެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ މީނާއަކީ އަންނަ ކޮންމެ ސަރުކާރެއްގައި އަދި އަންނަ ކޮންމެ އެމް.ޑީ އަކަށް ހިނިފުޅު ވަޑުވައިގެން، “ރަނޑުރާގަކަށް” ސަނާކިޔާގެން ހިފަހައްޓާގެން ހުންނަ މީހެކެވެ.
ޑރ. އަޒްވަރު އަކީ މިހާރު ކުންފުނީގައި ހުރި ސީނިއަރ މުވައްޒަފުންގެ ތެރެއިން، ކުންފުނީގެ އެމް.ޑީ ކަމަށް އެންމެ ގާބިލު ބޭފުޅާކަމަށް ގިނަ ބަޔަކު ދެކެއެވެ. މިފަދަ މުވައްޒަފުންނަށް ސިޔާސީ ނުފޫޒުތަކުގެ ސަބަބުން ކުންފުނިން ވަކިކުރުމަށް މަސައްކަތްކުރުމަކީ ކުންފުނީގެ ހިންގުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއްކަމަށް ބައެއް ތަޖުރިބާކާރުން ބުނެއެވެ.
ނިންމަމުން ، މުޒްނާ ގަޔާނުވާ މުވައްޒަފުން ތަންތަނަށް އެހެލުމާއި މުވައްޒަފުން ބާކީ ކުރުމާއި މިފަދަ ނޭއްގާނީ ކަންތައް ކުރަމުންދާއިރު ހެއްދެވި ފަރާތަށް ބިރުވެތިވެސް ނުވަނީތޯއެވެ؟ ނުވަތަ މުޅި އުމުރަށް މަގާމްގައި ހުންވާނެކަމަށް ޔަގީންވަނީތޯއެވެ؟ އަނިޔާލިބޭ މީހުންގެ ދުޢާއަކީ ކިހާ ބާރުގަދަ އެއްޗެއްކަން ނޭނގެނީތޯއެވެ؟ މިނޫން ދުވަހެއް އޮތްކަމާއި އެދުވަހު ކުރި ކަންތަކަށް ޖަވާބުދާރިވާން ޖެހޭކަން ނޭނގެނީތޯއެވެ؟ އެދުވަހު ތި ނުފޫޒުގެ ބޭނުމެއް ކުރެވޭނެތޯއެވެ؟ އަދި ރައީސް މުޢިއްޒު ހުންނަވާނެ ތޯ؟ އެނދި މަރިޔަބުގެ ނިމުން އައި ގޮތް ދިވެހި ތާރީހުގެ ފަތްފުތްތައް ކިޔާލީމަ ސާފުވެނެ……..! ދެއެތޯ؟






