ޕީއެންސީގެ ޖަލްސާއަށް ދާން އުޒުރުވެރިވާ ސްޓެލްކޯގެ މުވައްޒަފުންގެ އެޓެންޑެންސް ކަނޑާލާ ބިރު ދައްކަނީ، މުވައްޒަފުންނަށް ބިރު ދެއްކުމުގަ އިސްކޮށް ތިބީ ނިމާލްގެ ދަރި އަޒްޔާންއާއި ޕީއެންސީގެ ސިޔާސީ އެކްޓިވިސްޓު ސުހާ

މާދަމާ ރޭ އޮންނަ ޕީއެންސީގެ ޖަލްސާއަށް ދާން އުޒުރުވެރިވާ ސްޓެލްކޯގެ މުވައްޒަފުންގެ އެޓެންޑެންސް ކަނޑާލާ، ބިރު ދައްކަން ފަށައިފިއެވެ. “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ހިއްސާކުރި ސްޓެލްކޯގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ސްޓޯލްގެ މުވައްޒަފުންނަށް ބިރު ދެއްކުމުގަ އިސްކޮށް ތިބީ ކުންފުނީގެ ބިޒްނަސް ސެންޓަރ ޔުނިޓްގެ ހެޑް އޮފް ރިސާޗް އެންޑް ޑިވެލޮޕްމަންޓްގެ މަގާމުގައި އިބްރާހިމް އަޒްޔާން ނިމާލްއާއި ބިޒްނަސް ސެންޓަރ މާރކެޓިންގެ ޔުނިޓްގެ ޑެޕިއުޓީ މެނޭޖަރގެ މަގާމްގައި ހުރި ސުހާ މޫސާއެވެ. މުވައްޒަފުންނަށް ބިރު ދައްކަމުންދާ އިބްރާހިން އަޒްޔާންއަކީ އެލްޖީއޭގެ ސީއީއޯގެ މަގާމްގައި ހުރި ނިމާލްގެ ދަރިއެވެ. އޭނާއަށް މަހަކު 35،000 ރުފިޔާގެ މުސާރައެއް ލިބެއެވެ. އަދި ސުހާއަކީ ޕީއެންސީގެ އެކްޓިވިސްޓެއްގެ އިތުރުން އޭނާއަކީ ޔޫތު މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑައިރެކްޓަރގެ މަގާމްގައި ހުރި، ޕީއެންސީގެ ސޯޝަލް މީޑިއާ ބޮޓެއް ކަމުގައިވާ އައުފުގެ އަންހެނުންނެވެ. ސުހާއަށް މަހަކު 30،000 ރުފިޔާގެ މުސާރައެއް ލިބެއެވެ.

“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ހިއްސާކުރި ސްޓެލްކޯގެ އިސް އޮފިޝަލު ވިދާޅުވި ގޮތުގައި މި ދެމީހުން މިހާރުވެސް ވަނީ އެމީހުންގެ ދަށުން މަސައްކަތް ކުރަމުންދާ ދެ މުވައްޒަފެއްގެ އެޓެންޑެންސް ކަނޑާލާފައެވެ. އެއީ ޕީއެންސީގެ ޖަލްސާއަށް ދިއުމަށް އުޒުރުވެރިވާކަމަށް އެ މުވައްޒަފުން ބުނެގެންނެވެ. މި މުވައްޒަފުންނަށް އިންޒާރު ދެމުން، ސްޓެލްކޯ އާދައިގެ މުވައްޒަފުންނަށް ނިސްބަތްކޮށް “ހަދާލާނީ އަހަމެން ބޭނުން ގޮތެއް” ކަމަށް ސުހާއާއި އަޒްޔާން ބުނަމުންދާ ކަމަށްވެސް އެނގިފައި ވެއެވެ.

އަހަރުމެން ދެމީހުން ބޭނުން އެއްޗެއް ހަދާނީ، އެޓެންޑެންސް ކަނޑަންވީމަ ތިމަންނާވެސް އަޒްޔާންވެސް ކަނޑާނެ، ކަލޭމެން ތިހެން އެއްޗެހި ކިޔަކިޔާ ތިބެން ޖެހޭނީ

ސުހާ މުވައްޒަފުންނަށް ނިސްބަތްކޮށް ބުނެފައި ވެއެވެ.

މުވައްޒަފުންނަށް ބިރުދައްކާ އިންޒާރު ދެމުންދާ އަޒްޔާންއާއި ސުހާއަކީ ކުންފުނީގެ މަސައްކަތެއް ނުކޮށް ހަމައެކަނި ސިޔާސީ މަސައްކަތް ކުރަމުންދާ ދެ މީހުންނެވެ. އަދި ސުހާ ކުންފުނީގެ އެއްވެސް މަސައްކަތެއް ނުކޮށް، އޮފީސް ގަޑީގައިވެސް ކުރާކަމަކީ ބޭބީ ޕްރޮޑަކްތައް ސާޗްކޮށްގެން ހޯދުމާއި އޭނާގެ އިންސްޓަގްރާމް ޕޭޖް ބޫސްޓުކުރުމުގެ މަސައްކަތްތަކެވެ. އެހެންނަމަވެސް މި މުވައްޒަފުންނާމެދު އެއްވެސް ފިޔަވަޅެއް އެޅުމަށް ސްޓެލްކޯގެ މެނޭންޖްމަންޓްގެ އިސް ބޭފުޅުންވެސް ތިބެނީ ބިރުންނެވެ.

ސްޓެލްކޯގެ ބިޒްނަސް ސެންޓަރ ޔުނިޓްގެ ހެޑް އޮފް ރިސާޗް އެންޑް ޑިވެލޮޕްމަންޓްގެ މަގާމުގައި އަޒްޔާން ވަނީ، މާދަމާގެ ޖަލްސާއަށް ދާ އެކުންފުނީގެ މުވައްޒަފުންނަށް އޯޓީ ދޭނެކަމަށްވެސް ބުނެފައެވެ. މިއީ ވަޒީފާގެ ގާނޫނާއި އަދި ދައުލަތުގެ މާލިއްޔަތު ގާނޫނާވެސް ޚިލާފަށް ސްޓެލްކޯގެ މެނޭޖްމަންޓުން ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތަކެވެ.

މި ސަރުކާރުގެ ކުންފުނިތަކުން ދަނީ މާދަމާގެ ޖަލްސާއަށް ހާޒިވުމަށް ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒިފާގެ ބިރު ބިރުދައްކަމުންނެވެ. އަދިރަށްރަށުގައި ސިޔާސީ ވަޒީފާތަކުގައި ތިބި މީހުންނާއި އެމީހުންގެ އަނބިދަރިން މިހާރުވަނީ ފްލައިޓްތަކުގައި މާލެއަށް ގެންނަން ފަށާފައެވެ. މުވައްޒަފުންނަށް ސިޔާސީ ބިރު ނުދައްކާނެކަމަށް ބުނެ ރައީސްކަމަށް ވަޑައިގެންނެވި މުއިއްޒު ގެންދަވަނީ، އެއްވެސް ސަރުކާރެއްގައި މުވައްޒަފުންނަށް ބިރު ދައްކާފައި ނުވާ މިންވަރަށް މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުންނެވެ.