މުއިއްޒު ޖަމާ ކޮށްފައިވާ ރިޝްވަތުގެ ފައިސާއިން އެތައް މިލިއަން ރުފިޔާއެއް ޚަރަދު ކޮށްގެން، ރަށްރަށުގައި ސިޔާސީ ވަޒީފާތަކުގައި ތިބި ގިނަ އަދަދެއްގެ މީހުންނާއި އެމީހުންގެ އަނބިދަރިން މާލެ ގެނެސްފި

މިރޭ ވެރިކަންކުރާ ޕީއެންސީން ބޭއްވުމަށް ހަމަޖައްސާފައިވާ ޖަލްސާއަށް ބޮޑު ޚަރަދެއް ކޮށްގެން ރަށްރަށުގެ ސިޔާސީ ވަޒީފާތަކުގައި ތިބި މީހުން މާލެ ގެނެސްފިއެވެ. ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ޕީއެންސީގެ އިސް އޮފިޝަލަކު ވިދާޅުވީ މި ޖަލްސާއަށް ރަށްރަށުން މީހުން ގެނައުމަށް 5 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމުގައެވެ. އަދި މުޅި ޖަލްސާއަށް ޖުމަލް 15 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސާފައިވާ ކަމަށްވެސް ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ޕީއެންސީގެ އިސް އޮފިޝަލް ވިދާޅުވެފައި ވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ރަށްރަށުން މާލެ އަންނަ، ސިޔާސީ ވަޒީފާތަކުގައި ތިބި މީހުން މާލެ އައުމަށް ޓިކެޓް ހަމަޖައްސާ ދިނުމުގެ އިތުރުން ތިބުމާއި ކެއުމުގެ ޚަރަދުގެ އިތުރަށް އެލަވަންސްގެ ގޮތުގައި ކޮންމެ މީހަކަށް 1500 ރުފިޔާ ދިނުމަށްވެސް ނިންމާފައިވާ ކަމުގައެވެ.

އޭނާ ވިދާޅުވީ ސިޔާސީ ވަޒީފާތަކުގައި ތިބި މީހުން އާއިލީ މީހުންވެސް މާލެ ގެނައުމަށް އަންގާފައިވާ ކަމަށާއި، އޭގެ ތެރޭގައި އަނބިދަރިންވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިޖަލްސާއަށް މީހުން އިތުރު ކުރުމަށް، މާލެއިން ޖަލްސާއަށް ދާ ކޮންމެ މީހަކަށް 1،000 ރުފިޔާ ލިބޭނެކަމަށް އަންގާފައިވާކަމަށްވެސް ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން އިސް އޮފިޝަލު ވިދާޅުވެފައި ވެއެވެ. އެގޮތުން މާލެއިން 1,000 ރުފިޔާއަށް ޖަލްސާއަށް ދާން ބޭނުންވާ ފަރާތްތަކުގެ ލިސްޓުތައް މިހާރު މާލޭ ދާއިރާތަކުގެ މެމްބަރުން މެދުވެރިކޮށް އެކުލަވާލަމުންދާ ކަމަށްވެސް މައުލުމާތު ލިބިފައި ވެއެވެ.

މުއިއްޒުވަނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ބޭނުން ކޮށްގެން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ކޮރަޕްޝަންގެ އުސޫލުން ނަންގަވާފައެވެ. އެގޮތުން ޕީއެންސީގެ ސިޔާސީ ހަރަަކާތްތައް ހިންގެވުމަށް މުއިއްޒު މިހާރު ބޭނުން ކުރައްވަމުން ގެންދަވަނީ މި ފައިސާއެވެ.