ބަދަލު ނުދޭނޭ ކަމަށް ބުނުމަށްފަހު، 101 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި 2 ހަފްތާ ތެރޭ ދީފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދެ ހަފުތާ ތެރޭގައި ސަރުކާރުން ބަދަލުގެ ގޮތުގައި 101.7 މިލިއަން ރުފިޔާ ދޫކޮށްފި އެވެ. ވެރިކަމަށް އައިސް ކުރީ ސަރުކާރުން ބަދަލު ދީފައި ގާނޫނާއި ޚިލާފަށް ކަމަށް ބުނެ، ފާޑުކޮށް އަމިއްލަފުޅަށް ޓްވީޓް ކުރެއްވުމަށް ފަހު 101.7 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމުން ރައްޔިތުން ތިބީ ސިހުމެއްގެ ތެރޭގައެވެ.

ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓު ދައްކާ ގޮތުން މިއީ ނޮވެމްބަރު 17 އިން ނޮވެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ބަދަލުގެ ގޮތުގައި ދިން އަދަދެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މިއަހަރުގެ ނޮވެމްބަރު 16 ވަނަ ދުވަހުގެ ނިޔަލަށް ބަދަލުގެ ގޮތުގައި ޖުމްލަ 438.1 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ނޮވެމްބަރު 17 އިން ނޮވެމްބަރު 23 އަށް ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ދޫކޮށްފައިނުވެ އެވެ. ނަމަވެސް ނޮވެމްބަރު 24 އިން ނޮވެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ބަދަލުގެ ގޮތުގައި 101.7 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

މި އަދަދާއެކު މިއަހަރުގެ މިހާތަނަށް ބަދަލުގެ ގޮތުގައި ސަރުކާރުން ދޫކުރި ފައިސާ 539.8 މިލިއަން ރުފިޔާއަށް އަރަ އެވެ. 

މިއީ މިއަހަރުގެ ބަޖެޓުގައި ބަދަލު ދޭން ކަނޑައެޅި 101.2 މިލިއަން ރުފިޔާއަށްވުރެ 438.6 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ވެރިކަން ކުރާ ޕީޕީއެމް ޕީއެންސީގެ ބޭފުޅުން އިދިކޮޅުގައި ތިބިއިރު ނިމިދިޔަ ސަރުކާރާށް އެންމެ ބޮޑަށް ފާޑުކިޔާފައިވާ މައްސަލަތަކުގެ ތެރޭގައި ބަދަލުދިނުން ހިމެނެ އެވެ.