މުއިއްޒާއި ގާސިމްގެ ބައްދަލުވުން: އެމްޑީޕީއިން ގާސިމް އާއި މަޝްވަރާކުރުމުން، އޭގެ އެންމެ ބޮޑު ނާޖާއިޒް ފައިދާއެއް މުއިއްޒުގެ ފަރާތުން ހޯދުމަށް މަސައްކަތް ކުރާނެކަމަށް ބެލެވޭ!

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޖުމްހުރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސްއާ ގާސިމް ބައްދަލުކުރެއްވިކަން ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ޝަހީބު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. އަދި މިހާރު އެ ބައްދަލުވުން ނިމިފައިވާކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް ބައްދަލުވުމާ ގުޅޭ އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

ގާސިމް ރައީސްގެ އަރިހަށް ވަޑައިގެންފައި މިވަނީ އެންމެ ފަހުން ބޭއްވި މަޖިލިސް ޖަލްސާގައި، މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުން އަވަސް ކުރަން ޖެހޭ ކަމަށް ވިދާޅުވެ ގާސިމް ވާހަކަ ދެއްކެވުމަށް ފަހުގައެވެ. އަދި ޖޭޕީގެ ބައެއް ލީޑަރުން ވަނީ، މުއިއްޒާއި ބައްދަލުކޮށް އެކުގައި މަސައްކަތް ކުރުމުގެ މަޝްވަރާތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

އެއަށްފަހު ޖޭޕީއިން ވަނީ ކުރިއަށް އޮތް އިންތިހާބުތަކުގައި އެމްޑީޕީއާއެކު މަސައްކަތް ކުރުމަށް އެ ޕާޓީއާއެކު ވެސް މަޝްވަރާކޮށްފަ އެވެ. އެހެންކަމުން ބެލެވޭ ގޮތުގައި، ގާސިމްގެ މި ބައްދަލުވުން ވެގެން ދާނީ، ކުރިއަށް އޮތް މަޖިލީސް އިންތިހާބާއި ގުޅިގެން އެމްޑީޕީއިން ގާސިމް ކައިރިއަށް ގޮސް، ކޮށްފައިވާ މަޝްވަރާތަކުގެ ބޭނުން ހިފައިގެން، މުއިއްޒުގެ ފަރާތުން ލިބެން އޮތް އެންމެ ބޮޑު ފައިދާއެއް ހޯދުމެވެ.

ފާއިތުވި، ރިޔާސީ އިންތިހާބުގައި ޤާސިމު ވަނީ، ރައީސް ނަޝީދުގެ ބަހަށް ހެއްލި، އެމްޑީޕީއާއި ދުރަށް ގޮސްފައެވެ. އަދި އެމްޑީޕީއިން ގާސިމް އާއި ދޭތެރޭ ބެހެއްޓި ގާތްކަމާއި ކޮށްދިންހާ ކަމެއްގައި ކޮޅުފައިން ޖަހައި، އެމްޑީޕީއާއި ދެކޮޅަށް ތެދުވެ ވަޑައިގެންފައެވެ. ގާސިމަކީ މިއަދު ރައްޔިތުންގެ މެދުގައި މަގުބޫލު މީހަކަށް ނުވިއަސް، ބޮޑެތި ސިޔާސީ ޕާޓީތަކުން އޭނާ އާއި ބައްދަލު ކުރުމުން، އޭގެ ފައިދާ އޭނާ ދަނީ ނަގަމުންނެވެ.