އިންތިޚާބުވިތާ 2 ހަފްތާ ނުވަނީސް, 1.5 މިލިއަން ރުފިޔާއަށް, މުއިއްޒު މާލޭސިޓީގެ މެދުހެންވޭރު ދާއިރާގެ ކައުންސިލަރު ގަނެލައިފި

މާލޭ ސިޓީގެ މޭޔަރާއި ބައެއް ކައުންސިލަރުން އިންތިޚާބު ކުރުމަށް ބޭއްވި ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި އިންތިޚާބުވި, މާލޭ ސިޓީގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އަހުމަދު ރިޝްވާން, ރިޝްވަތުގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ނަންގަވައިގެން މިއަދު ޕީއެންސީއަށް ސޮއި ކުރައްވައިފިއެވެ.

ފާއިތުވި ކައިންސިލް ބައި އިލެކްޝަންގައި އިންތިޚާބުކުރި ކައުންސިލްގެ ތިން ގޮނޑީގެ ތެރެއިން މެދު ހެންވޭރު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް، އަހުމަދު ރިޝްވާން ކާމިޔާބު ކުރިއިރު، ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓް އައިމިނަތު ރިޝްފާ އެވެ. އަދި މާފަންނު ދެކުނު ދާއިރާގެ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ހަސަން ނިޒާމެވެ.

“ދިޔަވަރު އޮންލައިން” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަހުމަދު ރިޝްވާން ޕީއެންސީއަށް މިއަދު ސޮއި ކުރެއްވީ, 1.5 މިލިއަން ރުފިޔާ ވަގުތުން ކޭޝް ކުރުމަށްފަހު, މިހާރު ކުރިޔަށްދާ މާލޭ ސިޓީގެ ކައުންސިލްގެ ދައުރު ނިމުމުން އޭނާއަށް ސްޓޭޓް މިނިސްޓަރުކަމުގެ ވަޒީފާ ދޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވުމުންނެވެ.

މީގެ ކުރިން ރައީސް މުއިއްޒުވަނީ މާލޭ ސިޓީގެ އެހެން ދެ މެމްބަރަކުވެސް ރިޝްވަތުގެ ފައިސާއަށް ގަނެލާފައެވެ.

އެފަހަރު ޕީއެންސީއަށް ސޮއިކުރީ މާލެ ސިޓީގެ ގަލޮޅު މެދު ދާއިރާގެ ކައުންސިލަރުން މަރިޔަމް ރީހާން ނާޒިމް އާއި ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު އައިޝަތު ނިޒްލީ ރަޝީދުއެވެ. އެ ދެކައުންސިލަރުން ޕީއެންސީއަށް ސޮއި ކޮށްފައިވަނީ މީހަކަށް ދޮޅު މިލިއަން ރުފިޔާ ދީގެންނެވެ.

މި ދެ ކައުންސިލަރުން ޕީއެންސީއާ ގުޅުނީ މާލެ ސިޓީގެ ހުސްވެފައިވާ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި އައިޝަތު އާޒިމާ ޝަކޫރުގެ މެނިފެސްޓޯ އިފްތިތާހުކުރަން ބޭއްވި ހަފުލާއެއްގެ ތެރެއިންނެވެ.

މުއިއްޒު ވަނީ މީގެ ދުވަސްކޮޅެއް ކުރިން، މީހަކަށް 4 މިލިއަންގެ މަގުން ރައްޔިތުންގެ މަޖިލިހުގެ 13 މެމްބަރުންވެސް ގަނެލާފައެވެ.