ނަހުލާއަށް ހުޅުމާލޭ ދެކުނު ދާއިރާގެ ޓިކެޓް ކަށަވަރު ކޮށް ނުދިނީ އަދުރޭ ޑިމާންޑް ކުރިވަރަށް ފައިސާ ނުދިނުމުން!

ކުރިޔަށް އޮތް ރައްޔިތުން މަޖިލިހުގެ އިންތިޚާބިގައި ހުޅުމާލޭ ދެކުނު ދާއިރާއަށް ވާދަކުރައްވަން ނިންމަވާފައިވާ, ކުރީ ސަރުކާރުގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރަކަށް ހުންނެވި އައިޝަތު ނަހުލާއަށް އެދާއިރާގެ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގެ ޓިކެޓް ދިނުމަށް ކުރިން އެއްބަސްވެފައި ވި ނަމަވެސް, ނަހުލާއަށް ޓިކެޓް ކަށަވަރު ނުވީ އަބުދުއްރަހީމް ޑިމާންޑް ކުރިވަރަށް ނަހުލާ އެއްފަހަރާ ފައިސާ ނުދީގެންކަން “ދިޔަވަރު އޮންލައިން”އަށް ކަށަވަރު ވެއްޖެއެވެ.

“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިން, ޕީއެންސީގެ އިސް އޮފިޝަލަކު ކިޔައިދިން ގޮތުގައި, ރައީސް މުއިއްޒުގެ އިސް މުޝީރުކަމުގައި ހުންނެވި އަބުދުއްރަހީމް ޑިމާންޑް ކޮށްފައިވަނީ, ޕީއެންސީގެ މަޖިލިސް ޓިކެޓް ކަށަވަރު ކުރުމުގެ ބަދަލެއްގެ ގޮތުން 5 މިލިއަން ރުފިޔާ ކަމުގައެވެ.

އެހެންނަމަވެސް ނަހުލާ އެއްބަސްވީ ފުރަތަމަ 2 މިލިއަން އަބްދުއްރަހީމަށް ދިނުމަށްފަހު, ޓިކެޓް ކަށަވަރު ވުމުން ބާކީ އޮތް 3 މިލިއަން ރުފިޔާ އަބުދުއްރަހީމަށް ދިނުނަމަށް ކަމަށްވެސް “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިން އިސް އޮފިޝަލް ވިދާޅުވިއެވެ.

އެގޮތުން, މި މުއާމަލާތުގެ ދަށުން ނަހުލާ އަބުދުއްރަހީމަށް ފުރަތަމަ ދިނުމަށް ނިންމި 2 މިލިއަން ރުފިޔާގެ ތެރެއިން 1 މިލިއަން ރުރިޔާ އަބުއްދުއްރަހީމްއާއި ހަވާލު ކޮށްފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވި ގޮތުގައި, ނަހުލާ ހުޅުމާލޭ ދެކުނު ދާއިރާއަށް ވާދަކުރައްވާކަން އިއުލާން ކުރެއްވީ, ޕީއެންސީގެ ޓިކެޓް ނަހުލާއަށް ދޭނެކަމުގެ ޔަގީންކަން އަބުދުއްރަހީމް ދެއްވުމުންނެވެ.

އެހެންނަމަވެސް އެދާއިރާގެ ޓިކެޓް ނަހުލާއަށް ދިނުމަށް އަބުދުއްރަހީމް އެންމެ ފަހުން ދެކޮޅު ހެއްދެވީ ނަހުލާ ދޭން ވައުދުވި ފައިސާ އެއްފަހަރާ ނުދިނުމުން ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މިހާރު ސޯޝަލް މީޑިއާގައި އާންމު ވެފައިވާ ވީޑިއޯއެއްގައިވެސް ނަހުލާ ވިދާޅުވެފައިވަނީ އޭނާ ހުޅުމާލޭ ދެކުނު ދާއިރާއަށް ވާދަކުރައްވާނެކަން އިއުލާން ކުރެއްވީވެސް އެ ދާއިރާގެެ ޓިކެޓް އޭނާއަށް ދޭނެކަމަށް އަބުދުއްރަހީމް ވައުދު ވުމުންނެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫނުވަނީ މިހާރުވެސް ގެންދަވަނީ ކެމްޕޭންވެސް ކުރައްވަމުންނެވެ.

ހުޅުމާލެ ދެކުނު ދާއިރާއަށް ނަހުލާ ވާދަކުރައްވާއިރު, ކުރީ ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރުކަމުގައި އޭނާ ހުންނެވިއިރު ވަނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަށް އަދިވެސް ވީ އޭސީސީގައެވެ.