ކޮރަޕްޝަނަށް މަގުފަހި ކުރުމަށް، މުއިއްޒުގެ މަސައްކަތް ކުރާތީ، 10 އަހަރު ފަހުން، ކޮލި މުހައްމަދު އުމަރު މަނިކު އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުން އިސްތިއުފާ ދީފި

ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް)ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެ މަގާމުން އިސްތިއުފާ ދެއްވަން ހުށަހަޅުއްވައިފި އެވެ.

މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހާއި ޕްރައިވެޓައިޒޭޝަން އެންޑު ކޯޕަރޭޝަން ބޯޑު (ޕީސީބީ)ގެ ބަހެއް ނުލިބުނެވެ.

ނަމަވެސް، އެ މައުލޫމާތު އެނގޭ މީހަކު ވަނީ، އެމްޔޫ މަނިކު އިސްތިއުފާ ހުށަހެޅުއްވިކަން ކަށަވަރު ކޮށްދެއްވައިފަ އެވެ.

“އިސްތިއުފާގެ ސިޓީ މީގެ ދެ ދުވަހެއް ކުރިން ރައީސް އޮފީހަށް ވަނީ ފޮނުވާފައި،” އޭނާ ވިދާޅުވި އެވެ.

އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުގައި 10 އަހަރު ހުންނެވުމަށް ފަހު އެމްޔޫ މަނިކު އިސްތިއުފާ ދެެއްވަން ނިންމެވީ، ކުންފުނިން ވަކިކޮށްފައި ތިއްބެވި ބަޔަކު އަނބުރާ ކޮރަޕްޝަން ހިންގުމަށް، އަލުން ގެނައުމަށް މެނޭޖުމެންޓުން މަސައްކަތް ކުރުމާއި، އުސޫލާ ހިލާފަށް ކޮރަޕްޝަނަށް މަގުފަހިވާހެން، ބައެއް ކަންކަން ކުރަން މަސައްކަތް ކުރާތީ ކަމަށް، ނޫހާ ވާހަކަ ދެއްކެވި މީހާ ވިދާޅުވި އެވެ.

“އުސޫލާ ހިލާފަށް ކަންކަން ދާން [އެމްޔޫ މަނިކު] ބޭނުމެއް ނުވާނެ. ގައުމަށް ދެރައެއް ލިބެން ބޭނުމެއް ނުވާނެ. އެހެންވެ އިސްތިއުފާ ދެއްވަން ހުށަހެޅުއްވީ،” އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން އެމްއޭސީއެލްގެ ވެސް ބަހެއް ނުލިބުނެވެ.

އެމްއޭސީއެލްގެ ޗެއާމަން އަކަށް އެމްޔޫ މަނިކު އައްޔަން ކުރެއްވީ 2013 ވަނަ އަހަރު އެވެ. އެއަށް ފަހު ބަދަލުވި އެއްވެސް ވެރިކަމެއްގައި އެއާޕޯޓުގެ ޗެއާމަންގެ މަގާމަށް ބަދަލެއް ނުގެނެ އެވެ. އަދި އެ ބޯޑަށް ވެސް ބޮޑު ބަދަލެއް ގެނެސްފައެއް ނެތެވެ.

ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ އެމްޔޫ މަނިކަކީ ޔުނިވާސަލް އެންޓަޕްރައިޒަސް އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ވެސް ޗެއާމަނެވެ.