މުއިއްޒު ރައްޔިތުންނާއި ބައްދަލުކޮށް, މަޖިލިސް ކެމްޕޭނަށް, ށ. ފުނަދޫ ސްކޫލް ބޭނުން ކުރައްވާތީ, ދަރިވަރުންގެ ކިޔެވުން ކެންސަލް ކޮށްފި

ރައީސް މުއިއްޒު ރާއްޖޭގެ އުތުރުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ށ. ފުނަދޫއަށް ވަޑައިގެން, އެރަށު ސްކޫލް ބޭނުން ކުރައްވާތީ ސްކޫލު ދަރިވަރުންގެ ކިޔެވުމުގެ ހެދުނު ދަންފަޅީގެ ބައެއް ކެންސަލް ކޮށްފިއެވެ.

މުއިއްޒު މިއަދު ފުނަދޫއަށް ވަޑައިގެން ނެވުމަށްފަހު, ދަތުރުގެ އިންތިޒާމްތަކުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން ސްކޫލުގެ ބެލެނެވެރިންނަށް އަންގާފައިވާ ގޮތުގައި, މުއިއްޒު އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރުމަށް މިހާރު ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 8:30 ގައެވެ. އެ ބައްދަލުވުން އެރަށު ސްކޫލުގައި ބާއްވާތީ ދަރިވަރުން ކިޔެވުން 8:25ގައި މެދު ކަނޑާލާގޮތަށް ވަނީ ހަމަޖައްސާފައެވެ. އެއަށްފަހު ދެން ކިޔެވުން ފަށާގޮތަށް ހަމަޖައްސާފައިވަނީ 10:30 ގައެވެ.

މިއީ ރާއްޖޭގެ ރައީސަކު ރަށަކަށް ވަޑައިގަންނަވާތީ ރަށެއްގެ ސްކޫލުގެ ދަރިވަރުންގެ ކިޔެވުން ކެންސަލްކުރި ފުރަތަމަ ފަހަރެވެ.

ރައީސް މުއިއްޒު ރައްޖޭގެ އުތުރުގެ އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި, މިއަދު ށ. ފުނަދޫއަށް ވަޑައިގަންނެވުމުން އެރަށުން ވަނީ އެމަނިކުފާނަށް ހުސް ގޮނޑިވެސް ދައްކާލާފައެވެ.

އެގޮތުން ރައީސް މުއިއްޒު އެރަށަށް ފައިބައިވަޑައިގަންނަވަން ވާއިރަށް, ރައީސް ޔާމިންގެ ނަންޖެހި ހުސްގޮނޑިއެއް ވަނީ ބަނދަރު ސަރަހައްދުގައި ބަހައްޓާފައިވާ އުސް ބިނާއަކަށް އަރުވާ, އަދި ގޮނޑިއަށް ހިޔާ ދިނުމަށް ކުޑައެއްވެސް ނަގާފައިވެއެވެ.

އެރަށުގެ ބަދަރު ސަރަހައްދުގައި މި ހުސް ގޮނޑި އުސް ބިނާއަކަށް އެރުވުމަށް މަޝްހުރު ދިވެހި ލަވަ ”ތީހޭ ކަލާގެ ޒާތަކީ ވެދިއުންހެ ބޭވަފާ“ މިލަވަވެސް އަޑުގަދަކޮށް ޖަހާފައިވެއެވެ.

ނިމިދިޔަ ރިޔާސީ ކެމްޕޭންގައި މުއިއްޒު ރަށްރަށަށް ވަޑައިގެން ބޭއްވި ހުރިހާ ކެމްޕޭން ޖަލްސާއެއްގަވެސް, ޝަރަފްވެރި މެހުމާން އިންނަވާ ގޮނޑިކޮޅު ހުސްކޮށް ބަހައްޓާފައިވަނީ އެ ގޮނޑިކޮޅުގައި ރައީސް ޔާމިންގެ ނަން ޖަހާފައެވެ. އޭރު ރައީސް ޔާމިން އޮންނެވީ ޖަލުގައެވެ.

އަދި އެއިން ކޮންމެ ޖަލްސާއެއްގަވެސް މުއިއްޒު ދެއްކެވި ވާހަކަ ފައްޓަވާފައިވަނީ ވެރިކަން ލިބިއްޖެނަމަ އެންމެ ފުރަތަމަ ދުވަހުވެސް ރައީސް ޔާމިން މިނިވަންކުރާނެކަމަށް ވައުދާއި އަހުދާއި ހުވާ ކުރައްވަމުންނެވެ.

އެހެންނަމަވެސް ވެރިކަން ލިބުމާއެކު މުއިއްޒުވަނީ މިވައުދުތަކަށް ޚިޔާނާތްތެރިވެ, ކޯޓުތަކަށް އަތް ބާނާގައިގެން ރައީސް ޔާމިންގެ ޝަރީއަތް ހުއްޓުވާފައެވެ.

މުއިއްޒު ރައީސް ޔާމިނަށް އަނިޔާވެރިވަމުން ދިއުމާއި ގުޅިގެން, މުއިއްޒު ވަޑައިގަންނަވަމުން ގެންދަވާ ކޮންމެ ރަށަކުންވެސް, ރައީސް ޔާމިންގެ ސަޕޯޓަރުން ގެންދަނީ, ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑިއެއް ދައްކާ, ރައީސް ޔާމިން މިނިވަން ކުރާނެކަމަށް ވިދާޅުވެ މުއިއްޒު ވެވަޑައިގެންނެވި ވައުދުތަކުގެމަތިން މުއިއްޒުއަށް ހަދާން ކޮށްދެމުންނެވެ.

ށ. ފުނަދޫއިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ބޭނުމަކީ މުއިއްޒު ވީ ވައުދުތަކުގެ މަތިން ހަނދާން ކޮށްދިނުން ކަމުގައެވެ. ފުނަދުއަކީ ރައީސް ޔާމިނަށް ތާއީދުކުރާ ގިނަބަޔަކު ތިބި ރަށެއްކަން ފާހަގަ ކޮށްލެވެއެވެ.