މަޖިލިސް އިންތިޚާބާއި ދިމާކޮށް, މުއިއްޒު ބޭނުންވާ ފަރާތްތަކަށް ބަދަލުގެ ގޮތުގައި 80 މިލިއަން ރުފިޔާ ބަހައިފި, ބަދަލު ދިން ފަރާތްތަކުން ދަނީ މަޖިލިސް ކެމްޕޭނަށް މުއިއްޒުއަށް ޚަރަދު ކޮށްދެމުން! ބަދަލު ދިނީ އޮޑިޓް ކުރުމަކާ ނުލާ!

ދައުލަތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި, ރައީސް މުއިއްޒު ބޭނުންވާ ފަރާތްތަކަށް 82 މިލިއަން ރުފިޔާ މަޖިލިސް އިންތިޚާބާ ދިމާކޮށް ފިނޭންސް މިނިސްޓްރީ ދޫކޮށްފައިވާކަން ހާމަ ވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ މަހުގެ 31 ގައި އާންމުކުރި މާލީ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ވޭތުވެދިޔަ ތިން މަސް ތެރޭ ވަނީ ގެއްލުމުގެ ބަދަލަށް ކަނޑައެޅި ބަޖެޓުގެ 80 ޕަސެންޓް ހޭދަކޮށްފަ އެވެ. މި އަހަރުގެ ބަޖެޓުގައި ބަދަލުގެ ގޮތުގައި ދޭން 101 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

“ދިޔަވަރު އޮންލައިން” އަށް މައުލުމާތުދިން ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި, ބަދަލުގެ ގޮތުގައި މިއަހަރަށް ކަނޑައެޅި 101 މިލިއަން ރުފިޔާގެ ތެރެއިން, 82 މިލިއަން ރުފިޔާ (ބަދަލު ދޭން ކަނޑައެޅި ބަޖެޓްގެ %80) އަވަސް އަރުވާލާއިގެން ދޫކޮށްފައިވަނީ ސީދާ ރައީސް މުއިއްޒު ނަން ދިން ފަރާތްތަކަށް އެކަނި ކަމުގައެވެ. އަދި އޭނާ ވިދާޅުވީ ބަދަލުގެ ގޮތުގައި ރައީސް މުއިއްޒު ބޭނުންވި ފަރާތްތަކަށް ފައިސާ ދޫކޮށްފައިވަނީ, އޮޑިޓް ކުރުމަކާވެސް ނުލާ ކަމުގައެވެ.

ބަދަލު ދިން ފަރާތްތަކުގެ އެއްވެސް މައުލޫމާތެއް ފިނޭންސް މިނިސްޓްރީން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ރައީސް މުއިއްޒު ވަނީ މަޖިލިސް އިންތިޚާބަށް ފައިނޭންސް ރެއިސް ކުރުމަށްޓަކާ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢުވެސް އަވަސް އަރުވާލައިގެ ފެށުމަށްފަހު, އެމަޝްރޫއުންވެސް ރިޝްވަތު ނަންގަވާފައެވެ.

އެގޮތުން އެމަޝްރޫއު ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ސީއެމްސީސީ ކުންފުނިން ވަނީ ރައީސް މުއިއްޒުއަށް ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް 100 މިލިއަން ރުފިޔާ ދިނުމަށް އެއްބަސްވެފައެވެ.

ރައީސް މުއިއްޒު ގެންދަވަނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ކާމިޔާބު ކުރުމަށް ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރަމުންނެވެ.