ޔޫސުފް ނައީމްގެ މައްޗަށް ކުރި ޖަލު ހުކުމް ބާތިިލުކޮށް މައްސަލަ އަލުން ބަލަން ހުކުމް ކޮށްފި 

ވ. އާރަށުގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޝްވަތު ދިން ކަމަށް ބުނެ ދައުލަތުން ދައުވާ ކުރި ޔޫސުފް ނައީމްގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމުގައި ހުރި ގޯސްތައް ފާހަގަކޮށް މައްސަލަ އަލުން ބަލަން ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ހައި ކޯޓުން ދެންމެ ނިންމީ ދަށު ކޯޓުގެ ނިންމުން ބާތިލުކޮށް އަލުން ބަލަން މައްސަލަ އަނބުރާ ކްރިމިނަލް ކޯޓަށް ފޮނުވުމަށެވެ. އެގޮތަށް ނިންމީ މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ހައި ކޯޓުގެ ހުކުމުގައި ފާހަގަކުރީ ޔޫސުފް ނައީމްގެ ޝަރީއަތުގައި ދައުލަތުން އޭނާގެ ހެކިތަކަށް ރައްދު ދިނުމުގެ ގޮތުން އިތުރު ހެކިތަކެއް ހުށަހެޅި އިރު، އެ ހެކިތައް ކޯޓުން ބަލައިގަތީ ރަނގަޅަށް ނޫން ކަމަށް ހުކުމުގައި ނިންމާފައިވެއެވެ.

އޭގެ އިތުރުން، ޔޫސުފް ނައީމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓުން ނިންމާފައި ވަނީ ކުށުގެ އުންސުރުތައް ފުރިހަމަވާ ކަމާ މެދު އޭނާގެ ފަރާތުން އުފެއްދި ސުވާލުތަކަށް ރިއާއަތް ކުރުމެއް ނެތި ކަމަށް ހުކުމުގައިވެއެވެ.