ފ. ނިލަންދޫ ޖެންޑަރ ޑިޕާޓްމަންޓަށް މުއިއްޒުގެ ކޮއްކޮ ސައުދާގެ އާއިލީ މީހެއް އައްޔަން ކޮށްފި, މުސާރަ 30,000 ރުފިޔާ! ޖެންޑަރ މިނިސްޓްރީގަ އެކަނިވެސް ސިޔާސީ މަގާމްތަކުގަ 49 މީހުން!

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ފ. ނިލަންދޫ ދާއިރާއަށް ވާދަކުރަމުންދާ, ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޮ ފާތުމަތު ސައުދާގެ އާއިލީ މީހަކު ނިލަންދޫ ޖެންޑަރ ޑިޕާޓްމަންޓްގެ ސީނިއަރ ޕޮލިޓިކަލް ޑައިރެކްޓަރގެ މަގާމަށް އައްޔަން ކޮށްފިއެވެ.

“ދިޔަވަރު އޮންލައިން”އަށް މައުލޫމާތުދިން ޖެންޑަރ މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ފ. ނިލަންދޫ ޖެންޑަރ ޑިޕާޓްމަންޓްގެ ސީނިއަރ ޕޮލިޓިކަލް ޑައިރެކްޓަރގެ މަގާމަށް އައްޔަން ކޮށްފައިވަނީ އަޒްމީރާ އިބުރާހިމް އެވެ. އެނާގެ މަހު މުސާރައަކީ 30,000 ރުދިޔާއެވެ.

“ދިޔަވަރު އޮންލައިން”އާއި ވާހަކަ ދައްކަވަމުން އޮފިޝަލް ވިދާޅުވީ މިއީ ޖެންޑަ މިނިސްޓްރީގެ ސިޔާސީ މަގާމްތަކަށް އައްޔަންކުރި 49 ވަނަ މީހާ ކަމުގައެވެ.

ނިލަންދޫ ދާއިރާއަށް ވާދަކުރަމުންދާ މުއިއްޒުގެ ކޮއްކޮ ސައުދާއަށް ގޮނޑި ކާމިޔާބު ކޮށްދިނުމަށް މުއިއްޒުދަނީ އިންތިޚާބަށް ނުފުޒު ފޯރުވުމުގެ ނިލަންދޫގެ ގިނަ ބަޔަކަށް ސިޔާސީ މަގާމްތައްވެސް ދެމުންނެވެ. އެގޮތުން ނިލަންދޫގެ 40 ފަރާތަކަށް މިހާތަނަށް އައިއިރު ސިޔާސީ މަގާމްތައް ހަމަޖައްސާދީފައިވާކަމަށް “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ލިބިފައި ވެއެވެ.

“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިން ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރި އެދާއިރާގެ އިސް ބޭފުޅަކު ވިދާޅުވީ, ސަރުކާރުގެ އެކި އޮފީސްތަކުންނާއި, އަދި އެރަށުގައި ހުންނަ ހެލްތު ސެންޓަރުންވެސް ގިނަބަޔަކަށް މިހާރު ސިޔާސީ މަގާމްތައް ދީފައިވާ ކަމުގައެވެ.

ހަމަ އެއާއެކު, ފ. މަގުދޫގައި ރައީސް ސާލިހުގެ ސަރުކާރުން އަޅަންފެށި އެއަރޕޯޓުގެ މަސައްކަތް މިސަރުކާރުން ހުއްޓާލާ, ސައުދާއަށް ވޯޓު ހޯދުމުގެ ބޭނުމުގައި ފ. ނިލަންދޫގައި އެޅުމަށް ހަމަޖެހިފައިވާ އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ސަރުކާރުގެ އެއްވެސް އޮފީހަކުން މުވައްޒަފުންގެ މުސާރަތައް ބޮޑު ނުކުރުމަށާއި, އަދި އެއްވެސް މުވައްޒަފަކަށް ޕްރޮމޯޝަންވެސް ނުދިނުމަށް ފިނޭންސް މިނިސްޓްރީން އެންގުމަށްފަހު, ރައީސް މުއިއްޒު ގެންދަވަނީ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބާ ދިމާކޮށް, ބޮޑެތި މުސާރަލިބޭ ސިޔާސީ މަގާމްތަކަށް ގިނަ އަދަދެއްގެ ބަޔަކު ވައްދަމުންމެވެ.

އެގޮތުން މިހާތަނަށް ސިޔާސީ އެންމެ ގިނައިން ދީފައިވާ އެއް ދާއިރާއަށް ވެގެން ގޮސްފައިވަނީ މުއިއްޒުގެ ކޮއްކޮ ސައުދާ ވާދަކުރަމުންދާ ނިލަންދާ ދާއިރާކަން ފާހަގަ ކޮށްލެވެއެވެ.