ގެއްލުނު ދޯނި ހޯދީ ޑްރޯންގެ އެހީގައި ކަމަށްބުނެ އެމްއެންޑީއެފްއިން ހެދީ ދޮގު! ދޯނި ފެނިފައިވަނީ މަހަށް ނުކުމެ އުޅުނު ދޯންޏަކަށް ގެއްލުނު ދޯނި ފެނިގެން ރިޕޯޓު ކުރުމުން!

މ. ރަތްމަންދޫ ބޭރުން ތިން މީހުންނާއެކު ގެއްލުނު ކަމަށް ބުނާ ކުޑަ ޑައިވް ދޯނި ގެއްލުނުތާ 14 ގަޑި އިރުފަހުން ދާނި ފެނުނީ ޑްރޯންގެ ބޭނުން ކޮށްގެންކަމަށް ބުނެ އެމްއެންޑީއެފްއިން ދޮގު ހަދައިފިއެވެ.

އެމްއެންޑީއެފްއިން މިއަދު ބުނެފައިވަނީ އެ ދޯނި ހޯދުމަށް 440 އަކަ ނޯޓިކަލް މޭލު ބަލާފައިވާ ކަމުގައެވެ. އަދި އެއަށްފަހު މިއަދުގެ މެންދުރުގެ ފަހުގެ ވަގުތެއްގައި އެމްއެންޑީއެފްއިން ބުނީ ރަތްމަންދޫގެ 23 ނޯޓިކަލް ބޭރުން ދޯނި ހޯދިފައިވާ ކަމަށެވެ. އަދި ދޯނި ހޯދިފައިވަނީ ޑްރޯންގެ ބޭނުން ކުރުމުންކަމަށް ދޭހަވާގޮތަށް އެމްއެންޑީއެފްއިން ވަނީ ދޮގު މައުލޫމާތު މީޑިއާތަކުގައި ފަތުރާފައެވެ.

“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދެމުން އެމްއެންޑީއެފްގެ އޮފިޝަލަކު ނަން ހާމަ ނުކުރުމަށް އެދި ވިދާޅުވެފައިވަނީ ދޯނި ފެނިގެން ފުރަތަމަ ރިޕޯޓު ކޮށްފައިވަނީ މަސްވެރި ދޯންޏެއް ކަމުގައެވެ. އަދި އެމައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްއިން ޑްރޯން ބޭނުން ކޮށްގެން ދޯނި އޮތް ސަރަހައްދުގެ ފޮޓޯތައް ނަގާ އެކްސްގައި އާންމު ކޮށްފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ 14 ގަޑިއިރު ދުއްވިއިރުވެސް ޑްރޯން ބޭނުންކޮށްގެން ގެއްލުނު ދޯނި ފެނިފައި ނުވާކަމަށާއި, މަސް ދޯންޏަކަށް ގެއްލުނު ދޯނި ފެނިގެން ރިޕޯޓު ކުރުމާއެކު އެ ލޮކޭޝަނަށް ޑްރޯން އުދުއްސާލާފައި ވާކަމަށެވެ. ޑްރޯންއިން ގެއްލުނު ދޯނީގެ މަންޒަރުތައް ކެމެރާ ކޮށްފައިވަނީ އެންމެ ފުރަތަމަ އޮތް ސަރަހައްދު ނޫން އެހެން ލޮކޭޝަނަށް ދޯނި ގެންދިއުމަށްފަހު ކަމަށްވެސް “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވިއެވެ.

ގެއްލުނު ދޯނި ފެނިފައިވަނީ މ. ރަތްމަންދޫގެ 23 ނޯޓިކަލް މޭލު ބޭރުން އިންޖީން ހުއްޓިފަައިވަނިކޮށެވެ. އެ ދޯނި ގެއްލުނީ ފަރުމަސް ބާނަން ނުކުތް ގޮތަށް ކަމަށް ސިފައިން ބުނެފައިވެ އެވެ. މާސް ބާނަން ފުރީ މ. މަޑުއްވަރީ ކައިރިންނެވެ.