ރައީސް މުއިއްޒުގެ ކޮރަޕްޝަން މައްސަލަތަކުގެ ތަފުސީލު ނުދީ އޭސީސީއިން މަޖިލީސް އިންތިހާބުގެ ނިމެންދެން ހިފެހެއްޓުމުން ހާމަވަނީ، އޭސީސީ އޮތީ ހަތަރެސްފައި ބަނދެވި ނުކުޅެދޭ ހާލުގައި ކަން!

ޤާނޫނު އަސާސީއިން ލިބިފައިވާ ބާރުގެ ތެރެއިން މިނިވަން މުއައްސަސާތައް އުފައްދާފައިވަނީ، ޚުދުމުހުތާރު ވެރިންގެ ކިބައިން ރައްޔިތުންނަށް ދޭންޖެހޭ ރައްކާތެރިކަން ފުރިހަމަ މާނާގައި ފޯރުކޮށްދިނުމުގެ މަތިވެރި މަގުސަދުގައެވެ. ނަމަވެސް އޭސީސީ އޮތީ ހަތަރެސްފައި ބެދި، ހެޔޮ ކަމެއް ކުރުމަށް ނުކުޅެދިފައެވެ. މުއިއްޒުގެ ކޮރަޕްޝަން ތަކުގެ މައްސަލަތަކުގެ ތަފްސީލް ވޯޓުގެ ކުރިން ހޯދައި، ރައްޔިތުންނަށް މީނާގެ ހަޤީގަތް ހާމަ ކޮށްދީ، މައުލޫމާތު ލިބިހުރެ ވޯޓު ދިނުމުގެ ހައްޤު ރައްޔިތުންގެ ކިބައިން ނިގުޅައި ގަތީ އޭސީސީއިންނެވެ.

ރައްޔިތުންނަށް ލިބިދޭން ޖެހޭ މައުލޫމާތުގެ ހައްޤާއި، އެ މައުލޫމާތުގެ ބޭނުން ހިފައިގެން ވޯޓު އެންމެ ހައްޤުވާ ފަރާތްދެނެގަނެ އެ ވޯޓު ލުމުގެ ހައްޤު ނިގުޅައިގަތުމުގެ އިތުރުން، އިންސާފު ހޯދުމަށް އޭސީސީ އިން އަދާ ކުރަން ޖެހޭ ދައުރު ދޫކޮށްލުމާއި، ކޮރަޕްޝަނަށް މަގުފަހި ކުރުވުން މީގެ ތެރޭގައި ހިމެނެއެވެ.

ރައީސް މުއިއްޒުގެ 20 އަށްވުރެ ގިނަ މައްސަލަ އޭސީސީއިން ބަލަމުންދާ ކަމަށް “އަދަދު” ނޫހުން ރިޕޯޓް ކޮށްފައި ވެއެވެ. އެކަމާއި ގުޅޭ މައުލޫމާތު ހޯދުމަށް ހުށައެޅީވެސް އެނޫހުން މީގެ މަސްދުވަސް ކުރިންނެވެ. ނަމަވެސް އޭސީސީއިން އެ މައުލޫމާތެއް ނުދިނެވެ.

އޭސީސީގެ ހަމަ އެކަނި ދައުރަކީ މުއިއްޒުގެ ވައްކަމާއި ކޮރަޕްޝަން ދޮވެ، އެކަންކަމުގައި ކޮރަޕްޝަނެ ނެތްކަން ދެއްކުމެވެ. އެނޫން އެއްވެސް ކަމެއް އޭސީސީ އަކުން ފާއިތުވި 2 އަހަރު ހިންގާފައި ނުވާ ކަމީ، އޭސީސީގެ ހާލު ރައްޔިތުންނަށް ފަހުމްވެގެންދާ ކަމެކެވެ.