ސުޕަރ މެޖޯރިޓީ ހުވާ ކުރުމާއެކު ސުޕްރިމް ކޯޓުގެ ބެންޗަށް ބަދަލު ގެންނަނީ! ފުރަތަމަ ބަދަލެއްގެ ގޮތުގަ ހުސްނުއްސުއޫދު ބޭރުކޮށް އެމްއެމްޕީއާރުސީސީގެ ބޮޑު ޚިޔާނާތުގައި ބައިވެރިވި ކުރީގެ ފަނޑިޔާރު ދީދީ ބެންޗަށް އައްޔަން ކުރަނީ!

ނިމިދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުނު ސުޕަރ މެޖޯރިޓީ އަންނަމަހު ހުވާކުރުމާއެކު ސުޕްރިމް ކޯޓުގެ ބެންޗަށް ބަދަލު ގެނައުމަށް ރައީސް މުއިއްޒު ނިންމަވައިފިއެވެ.

“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސުޕްރިމް ކޯޓުގެ ބެންޗަށް ބަދަލު ގެނައުމަށް މުއިއްޒު ނިންމަވާފައިވަނީ, ޝަރުއީ ދާއިރާއަށް ބޮޑެތި ބަދަލުތައް ގެނައުމުގެ ފެށުމެއްގެ ގޮތުގައެވެ.

ނަން ހާމަނުކުރުމަށް އެދި “ދިޔަވަރު އޮންލައި”އާއި މައުލޫމާތު ހިއްސާކުރި މި ސަރުކާރު އިސް އޮފިޝަލަކު ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެންނަން ފެށުމުން މުޅި ޖުޑިޝަރީވެސް ކޮންޓްރޯލް ކުރެއްވޭނެކަމަށް މުއިއްޒު ގަބޫލުކުރައްވައެވެ. އަދި މި ބަދަލުތަކާއެކު ސުޕްރިމް ކޯޓުގެ ބެންޗުގެ ގިނަ ފަނޑިޔާރުންނާއި އަދި ހައިކޯޓާއި ކުރިމިނަލް ކޯޓުގެ ފަނޑިޔާރުންވެސް ބަދަލު ކުރުމަށް މުއިއްޒު މަގުޗާތެއް އެކުލަވާލައްފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އަންނަ މޭމަހުގެ 28 ވަނަ ދުވަހު ސުޕަރ މެޖޯރިޓީ ހުވާކުރުމާއެކު ސުޕްރިމް ކޯޓުގެ ބެންޗަށް ބަދަލު ގެނައުމަށް މުއިއްޒު ނިންމަވާފައިވާއިރު, އެންމެ ފުރަތަމަ ގެނައުމަށް ނިންމަވާފައިވާ ބަދަލަކީ ބެންޗުގައި މިހާރު އިންނެވި ހުސްނުއްސުއޫދު ވަކިކޮށް, އެމަގާމަށް, އެމްއެމްޕީއާރުސީސީގެ ބޮޑު ޚިޔާނާތުގައި ބައިވެރިވި ސުޕްރިމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ބެންޗަށް އައްޔަން ކުރުމެވެ.

ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ސުލޫކީ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ވަކިކުރި އަބްދުﷲ ދީދީ (ޑީޑީ) އަށް ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން މުއިއްޒު ވަނީ މަޖިލިސް އިންތިޚާބު ނިމުމާއެކު ދެއްވާފައެވެ.

އަބްދުﷲ ދީދީ އައްޔަންކުރައްވައިފައި ވަނީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް ސްޓޭޓް މިނިސްޓަރުކަމަށެވެ.

އަބްދުﷲ ދީދީ އެ މަގާމަށް އައްޔަން ކުރެއްވިއިރު އޭނާގެ މައްޗަށް އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ މައްސަލައެއް ޕީޖީ އޮފީހުން އަންނަނީ ބަލަމުންނެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރުކަން ވެސް ކުރެއްވި އަބްދުﷲ ދީދީ އަށް ތުހުމަތުކުރާ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނެ އެ މައްސަލަ ބަލައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޮގަސްޓް 2019 ގައި ނިންމީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އޭނާ ވަކިކުރުމަށެވެ. އަދި އެ ނިންމުމާ އެއްގޮތަށް މަޖިލީހުން 28 އޮގަސްޓް 2019 ގައި އޭނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި އެވެ.

އަބްދުﷲ ދީދީ އަކީ ރައްޔިތުންގެ މަޖިލީހުން މަގާމުން ވަކިކުރި ސުޕްރީމް ކޯޓުގެ ފުރަތަމަ ފަނޑިޔާރެވެ.

އޭނާގެ މައްސަލަ ފުލުހުން ވެސް ތަހުގީގު ކުރަން ފަށާފައިވަނިކޮށް، މެލޭޝިއާ އަށް ވަޑައިގެންނެވި ގޮތަށް އުޅުއްވީ އެ ގައުމުގަ އެވެ. އެނގިފައިވާ ގޮތުގައި އޭނާ ރާއްޖެ އަށް އެނބުރި ވަޑައިގެންނެވީ ކުރީގެ ސަރުކާރު ބަދަލުވުމާ އެކު އެވެ.

އަބްދުﷲ ދީދީގެ މައްޗަށް ކުރާ އެންމެ ބޮޑު ތުހުމަތަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހަކު ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ފައިސާ ދިން އިރު ފަނޑިޔާރަށް ވެސް ފައިސާ ލިބިފައި އޮތް ކަމަށް ތުހުމަތުކުރެވުމެވެ.

އޭނާގެ ބަދަލުގައި ސުޕްރިމް ކޯޓުގެ ބެންޗުން ވަކިކުރުމަށް ހަމަޖެހިފައިވާ ހުސްނުއްސުއޫދަކީ ކުރިން އެމްޑީޕީގައި ވަރަށް އިސްކޮށް އުޅުއްވާފައިވާ ފަރާތެކެވެ.

ފާއިތުވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕީއެންސީއަށް ރައްޔިތުންގެ މަޖިލިހުގެ ސުޕަރ މެޖޯރިޓީ ލިބިފައިވާއިރު, މިއީ ހުރިހާ ބާރުތަކެއް އެކެއްގެ މުށުތެރެއަށް ޖަމާވެގެން ދިއުންކަން ފާހަގަކޮށްލާން ޖެހެއެވެ. އަދި މިއީ ގިނަ ވެރިކަންތައް ޚުދުމުޚްތާރު ވެގެންދިއުމަށް މެދުވެރިވާ ވަރަށް ބޮޑު ސަބަބެއްކަންވެސް ފާހަގަ ކޮށްލެވެއެވެ.