#ރިޕޯޓު: ސުޕަރ މެޖޯރިޓީ އެއްޕާޓީއަކަށް ދިއުމަކީ އެކެއްގެ މުށުތެރެއަށް ހުރިހާ ބާރެއް ޖަމާވުން! އެއީ މުޅި ދައުލަތް ކުޑަކަކޫ މައްޗަށް ތިރިވުން! މިހާލަތުގައި އެންމެ ބޮޑަށް ފާރަވެރިވާން ޖެހޭނީ އަސްކަރިއްޔާ!

ގައުމެއްގެ ގާނޫނުހަދާ މަޖިލިހުގެ “އޮބް ސޮލިއުޓް މެޖޯރިޓީ” (ސުޕަރ މެޖީރިޓީ) އެއް ޕާޓީއަކަށް ލިބިގެން ދިއުމަކީ އާދައިގެން ބަދަލެއް ނޫނެވެ. އެއީ ގައުމެއްގެ ހަޔާތުން އާންމުކޮށް ފެނިގެންދާނޭ މަންޒަރެއްވެސް ނުމެ ނޫންމެއެވެ.

އަދި އެއީ އެހާމެ ނުރައްކާތެރި ބޮޑު ބަދަލެއްގެ ފެށުން ކަމުގައިވެސް ދަންނަވާން ޖެހެއެވެ.

އެހެންނަމަވެސް ނިމިދިޔަ މަޖިލިސް އިންތިޚާބުން, ކޮންމެފަދަ ސަބަބުތަކެއް މެދުވެރިވެގެން ނަމަވެސް, 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ސުޕަރ މެޖޯރިޓީ މިވަނީ ހުސްގޮނޑި ދައްކައިގެން މަކަރާއި ހީލަތުން ވެރިކަމަށް ވަަޑައިގެންނެވި ރައީސް މުއިއްޒުގެ ޕީއެންސީން ހޯދާފައެވެ.

އާދޭހެވެ! މުއިއްޒު މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯއްދެވިގޮތް ވަރަށްވެސް ސާފެވެ. ރިޝްވަތުގެ ހަރާމް ފައިސާ ބަހައިގެންނާއި, ނާޖާއިޒް ގޮތުގައި އެތައް ބަޔަކަށް ވަޒީފާ ދިނުމާއި ވަޒީފާގެ ބިރުދެއްކުމާއި އަދި އޭގެ އިތުރަށް ސިހުރު ހާހޫރުގެ ބާރުންވެސް މެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޑްރަގް ޑީލަރުންނާއި, ވަގުންނާއި އަދި ދީނީގޮތުން ހައްދުފަހަނަ އެޅި އެތައް ބަޔަކަށް މިވަނީ މަޖިލީހަށް ވަނުމުގެ ފުރުސަތު ލިބިގެން ގޮސްފައެވެ.

މިހަގީގަތާއި މިއަދު ދިވެހިރައްޔިތުން ކުރިމަތިލާން ޖެހިފައިވާއިރު, ސުޕަރ މެޖޯރިޓީ އެއްބައެއްގެ މުށުތެރެއަށް ޖަމާވެ, މުޅި ގައުމު ބޮޑު ބިރުވެރިކަމެއްތެރެއަށް ޢަރަގުވެގެން ދާނެކަމަށް ބެލެވޭއިރު, މިއައި ބޮޑު ބަދަލަކީ ރައްޔިތުން މުސްތަގުބަލުގައި ބޯންޖެހޭނޭ ހިތި ބޭހެއްގެ ގޮތުގައި މެނުވީ މިއަދު ސިފަ ކުރެވޭކަށް ނެތެވެ.

އޭގެ އެންމެ ބޮޑު އެއް ސަބަބަކީ, މަޖިލިހުގެ ސުޕަރ މެޖޯރިޓީ އެއް ޕާޓީއަކަށް ލިބިގެން ދިއުމާއެކު ފަނޑިޔާރުން މަގާމުން ވަކިކުރުމާއި, ގާނޫނު އަސާސީއަށްވެސް ބޭނުންހާ ބަދަލެއް ފަސޭހަކަމާއެކު ގެނައުމުގެ ފުރުސަތު އެ ޕާޓީއަށް ލިބިގެންދާތީއެވެ. ގާނޫނު އަސާސީއާއި ގާނޫނުތަކަށް ބަދަލު ގެނެސް, ނޫސްވެރިންގެ ދޫ ބަންދު ކުރުމާއި, މިނިވަން މުވައްސަސާތަކަށް ގޮނޑިކޮއްކޮ މެމްބަރުން އައްޔަން ކުރުމާއި, އަދި އެންމެ ފަހުން, ވެރިކަން ޚުދުމުޚްތާރު ވެގެންދިޔަ ނުދިނުމަށް ގާނޫނު އަސާސީން އެކަށައަޅާދިން ރަތް ރޮނގު ހުރަސްކޮށް, “ޓާމް ލިމިޓް” ނައްތާލުމުގެ ބާރުވެސް ސުޕަރ މެޖޯރިޓީއާއެކު އޭރަކު ހުންނަވާ ރައީސަކަށް ލިބިގެން ދާތީއެވެ.

މި ހަގީގަތް ވަރަށްވެސް ފުރިހަމައަށް ރައީސް ޔާމިންގެ ދައުރުގައި ތަމްސީލްވެގެން ދިޔައެވެ. މަޖިލިހުގެ މެމްބަރުން ޖަލަށް ލުމާއި, ގާނޫނު އަސާސީއަށް ބަދަލު ގެނެސް, ދިވެހި ބިން ބޭރުގެ ފަރާތްތަކަށް މިލްކޮށް ކޮށްދިނުމާއި, މިހެންގޮސް ޚުދުމުޚްތާރު އެތައް ބަދަލެއް ރައީސް ޔާމިން ގެންނެވީ އެމަނުކުފާނަށް ލިބިގެންދިޔަ ސުޕަރ މެޖޯރިޓީގެ ބޭނުން ކުރައްވައިގެންނެވެ.

ދުނިޔޭގެ ގައުމުތަކަށް ނަޒަރު ހިންގާލުމުންވެސް މިހަގީގަތް އަދި މާސާފުކޮށް ފެންނާން އެބަ އޮތެވެ. ދުނިޔޭގައި ޚުދުމުޚްތާރު ވެރިކަންތައް ކުރަމުން އަންނަ ހުރިހާ ގައުމުތަކެއްގައިވެސް ވެރީން ޚުތުމުޚްތާރު ވެގަތުމަށް އަޅާގައިވާ އެންމެ ފުރަތަމަ ފިޔަވަޅަކީ ގޮނޑިކޮއްކޮ މަޖިލީހެއް އިންތިޚާބު ކުރުމެވެ. ޗައިނާއަކީ ޝީޖިންގ ޕިންގ އުމުރަށް ވެރިކަން ކުރުމަށް ގޮނޑިކޮއްކޮ މަޖިލީހެއް އެކުލަވާލާފަ އޮތް ގައުމެކެވެ. ރަޝިއާގެ ރައީސް ލާޑިމިރު ޕުޓިން އޭނާގެ ވެރިކަން އުމުރަށް ދެމެހެއްޓޭގޮތަށް ގާނޫނު އަސާސީ ބަދަލުކޮށް އަނިޔާވެރި ވެރިކަމެއް ކުރަމުން އަންނަނީ އެގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ފުރިހަމަ ރުހުމާއެކުއެވެ. އެގައުމުގައިވެސް އޮތީ ޕުޓިންގެ ގޮނޑިކޮއްކޮ މަޖިލީހެކެވެ, އޭގެ އިތުރުންވެސް, ވެނެޒުއޭލާފަދަ މިފަދަ އެތައް މިސާލެއް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނާން އެބަހުއްޓެވެ.

އެހެންނަމަވެސް ދިވެހިރާއްޖެއާއި މިދެންނެވުނު ގައުމުތަކާ ތަފާތުތަކެއް ހުރިކަން ފާހަގަ ކޮށްލާން ޖެހެއެވެ. އެއީ މިގައުމުގައި އޮތް, ހައްގުތައް ގާއިމް ކުރެވި, މިނިވަންކަން ތަންމިނަށް ހުޅުވާލަދީފައިވާ ގާނޫނު އަސާސީއެވެ. ވެރިމީހާ ޚުދުމުޚްތާރު ވިނަމަވެސް ރައްޖޭގަ މިއަދު އޮތް ގާނޫނު އަސާސީގައި އިންތަކާއި މިންތައް އެކަށައެޅިފައި ހުރީ ވަރަށްވެސް ފުރިހަމަ ކޮށެވެ. އެއީ މިހާލަތުގައިވެސް ދިއްލިފައި ހުރި އުއްމީދުގެ ހުޅުކޮޅަކަށްވި ނަމަވެސް, ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީގެ ބޭނުންކޮށްގެ އެހުޅުކޮޅުވެސް ނިއްވާލެވެން އެބައޮތެވެ.

އެހާލަތަށް ދިއުމުން ގައުމުގެ މިނިވަންކަމާއި ސިލްމާއި ސަލާމަތުގެ ދިފާއުގައި ނިކުންނާން ޖެހެނީ ގައުމުގެ އަސްކަރިއްޔާއަށެވެ. އެއްވެސް ގައުމެއްގެ އެއްވެސް ވެރިއަކަށް އަސްކަރިއްޔާގެ މައްޗަށް ގަދަވެގަނެވިފައެއް ނުވެއެވެ. ހަތިޔާރުއެޅި ބާރުގެ މައްޗަށް ގައުމުގެ ވެރިމީހާއަކަށްވެސް ގާނޫނު އަސާސިއާއި ޚިލާފަށް އަމުރުކޮށް, އަމުރު މައުރޫފު ހިންގުމުގެ ބާރެއް އިޚްތިޔާރެއް ނެތެވެ.

އެހެންކަމުން ދިވެހިރާއްޖެ މިހާރު މިސްރާބު ޖަހާފައިވާ އަމާޒުތަކަށް ބަލާއިރު މިއަދު އެންމެ ބޮޑަށް ހޭލާ އޮންނާންވީ ދިވެހި އަސްކަރިއްޔާ ކަމުގައި ދަންނަވާން ޖެހެއެވެ. ސުޕަރ މެޖޯރިޓީގެ ބޭނުންކޮށް, ގާނޫނު އަސާސީން އެކަށައަޅާދިން ތިންބާރު މަސްހުނިކޮށް, ހުރިހާ ބާރެއް މުށުތެރެއަށް ލެއްވުމަށް މުއިއްޒު މަސައްކަތް ފައްޓަވައިފިނަމަ ދިވެހި ރައްޔިތުންނާއި ގާނޫނު އަސާސީގެ ހިމާޔަތުގައި ދިވެހި އަސްކަރިއްޔާ ދެތުވާން ޖެހޭނެއެވެ. އެއީ ޔުނީފޯމް އެޅި ސިފައިން އިޚްލާސްތެރިވުމަށް ހުވާ ހުވާކުރައްވަނީ ގައުމަށް ކަމުގައިވާތީއެވެ. އެމީހުންގެ “އޮބްސޮލިއުޓު” ލޯޔަލްޓީ (ނިމުމެއްނުވާ އިޚްލާސްތެރިކަން) އޮންނާން ޖެހެނީ ދީނާއި ގައުމަށް ކަމުގައިވާތީއެވެ.

އާދޭހެވެ! ސުޕަރ މެޖޯރިޓީގެ ބޭނުން މުއިއްޒު ކުރައްވާގޮތް އެންމެ ގާތުން މިއަދުންފެށިގެން ބަލަން އޮންނަޖެހޭ ބާރަކީ ދިވެހި އަސްކަރިއްޔާއެވެ. މުއިއްޒު ފާލުން ނެއްޓެއްންދެން ނުތިއްބަވާ އަސްކަރިއްޔާ ވާންޖެހޭނީ ގެންނާންޖެހޭ ކޮންމެ ބަދަލެއް ގެނައުމަށް ތާއަބަދުމެ ތައްޔާރަށް އޮންނަ ގައުމީ ބާރަކަށެވެ.