ޤާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް އަދުރޭ ދެއްކި ވާހަކަތަކަކީ ނުރައްކާތެރި ސިގްނަލެއް! ޤާނޫނީ ވެރިކަމުގެ ނިޒާމު ޚުދުމުހުތާރު ރަސްކަމަކަށް ވެސް ބަދަލު ކޮށްފާނެ!

“ރައްޔިތުން ބުނީ ގާނޫނު އަސާސީ ބަދަލުކޮށްގެންވެސް އަޅުގަނޑުމެންނަށް ހިދުމަތްކޮށްދޭށޭ، އެހެންވެގެން އެވަރުގެ މެޖޯރިޓީއެއް ދިނީ،” އަބްދުއްރަހީމް ޕަބްލިކް ސާވިސް މީޑިއާއިން ގެނެސްދޭ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

ސްޕަރމެޖޯރިޓީ ޕީއެންސީއަށް ލިބުމުގައި، ޤާނޫނު އަސާސީ އާއި ކުޅުމަށް ފުރުޞަތު ދިނުމުގެ ނިޔަތެއް ރައްޔިތުންގެ މެދުގައި އޮތް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ޤާނޫނު އަސާސީ އޮތީ ރަނގަޅަށެވެ. އެއަށް ބަދަލު ގެންނަ ނަމަ، ވެރިއަކު ގެންނާނެ ބަދަލަކީ ވެރިކަމުގައި އުމުރު ދުވަހު ހުރުމަށް، ގެންނާނެ ނުރައްކާތެރި ބަދަލެވެ. އަބްދުއްރަހީމް މުއިއްޒަށް ދިން މެސެޖަކީ ތިމަންނާ މަޖިލީސް ރައީސް ކަމަށް ގެނެސްފިނަމަ، އެކަންވެސް ކޮށްދޭނެ ކަމެވެ.

ވެރިކަމުގެ ބާރުތަކުން ބޮޑު ބައެއް މިހާރުވެސް އަދުރޭއަށް ލިބިފައިވާއިރު، މުއިއްޒު ވެރިކަން ރަސްކަމަކަށް ބަދަލު ކުރުމުގެ ހުވަފެން މިހެން ދައްކައިގެން އިތުރު ބާރުތައް ހޯދުމަށް އަދުރޭ ފަދަ މީހަކު ބޭނުން ވުމަކީ ހައިރާންވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. އިލްމެއް ހިލްމެއް ނެތް މީހަކަށް ޑިމޮކްރަސީއާއި، ރައްޔިތުންގެ ހައްޤުތަކާއި، ވޯޓުގެ މުހިންމު ކަމާއި، މިނިވަން މުއައްސަސާތަކާއި، ރައްޔިތުންގެ އަތުގައި އޮންނަ މިނިވަންކަމުގެ އަގު ވަޒަން ކޮށްލުމަކީ ދަތި ކަމެކެވެ.

ރައްޔިތުން ދިން ސުޕަ މެޖޯރިޓީއަކުން މުއިއްޒުގެ ސަރުކާރުން ނުކުންނާނެ އެންމެ ހެވެއްވެސް ނެތެވެ. އެއްވެސް މީހަކަށް ލިބޭނެ މަންފާއެއްވެސް ނެތެވެ. މުއިއްޒު ގެންނާނެ ކަމަށް އެ ވިދާޅުވި 200 ބިލުން ކުރެ އަދި އެންމެ ބިލެއްވެސް 4 މަސް ފާއިތުވެގެން ދިޔައިރު، ތަޅުމުގައި ބަހުސް ކޮށްލަން ގެނެވިފައި ނުވެއެވެ.

ސުޕަރ މެޖޯރިޓީ ވެގެން ދާނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ވިރާސީ ރަސްކަމަކަށް ބަދަލު ކުރަން ރަބަރ ސްޓޭމްޕް ޖަހައިދޭން އޮތް މެޖޯރިޓީއަކަށް ކަމަށް ވެދާނެ ކަމަށް ރައްޔިތުން ނުހަނު ކަންބޮޑުވެއެވެ.