ނިއުޕޯޓަށް ބޮޑު ބަދަލެއް ހޯދުމުގެ ނުބައި ނިޔަތުގަ ޒާހިދު ރަމީޒު މުއިއްޒުއަށް ކިޔަމުން އައި ސަނާ ކިއުން, ސުޕްރިމް ކޯޓުގެ ހުކުމަށްފަހު ހުއްޓާލައިފި! އަދިވެސް ދަނީ ދައުލަތުން ނުހައްގު, ބޮޑު ބަދަލެއް ނެގޭނެ ގޮތެއް ހޯދަމުން!

މާފަންނު ކޮޅުގައި ކުރިން ހިންގި ނިއުޕޯޓަށް ބަދަލު ހޯދުމަށް އެ ރެސްޓޯރެންޓުގެ ވެރިފަރާތްކަމަށްވާ ޒާހިދު ރަމީޒް މުއިއްޒުއަށް ކޮޅު ނެތްކޮޅަށް ސަނާ ކިޔަމުން ދަނިކޮށް, ނިއުޕޯޓު ހިންގި ބިން އަތުލީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާއެކު އާނާ މުއިއްޒުއަށް ކިޔަމުން އައި ސަނާކިޔުން ހުއްޓާލައިފިއެވެ.

ޒާހިދު ރަމީޒަށް ބަދަލު ނުނެގޭގޮތަށް ސުޕްރިމް ކޯޓުން ހުކުމް ކޮށްފައިވަނީ މުއިއްޒު އެގޮތަށް ބޭނުން ވުމުންނެވެ. ފާއިތުވި މަޖިލިސް އިންތިޚާބުގައި މަޖިލިހުގެ ސުޕަރ މެޖޯރިޓީ މުއިއްޒު އަތަށް އެރުމާއެކު, ސުޕްރިމް ކޯޓުގެ ފަނޑިޔާރުންވެސް މިހާރުވަނީ މުއިއްޒު އަމުރުމައުރޫފުގެ ދަށުގައެވެ.

ނަން ހާމަ ނުކުރުމަށް އެދި ”ދިޔަވަރު އޮންލައިން“އާއި މައުލޫމާތު ހިއްސާކުރި ފަރާތުން ވިދާޅުވި ގޮތުގައި މަޖިލިސް އިންތިޚާބު ނިމުމަށްފަހު މުއިއްޒުވަނީ ސުޕްރިމް ކޯޓުން ލަސްނުކޮށް އެމައްސަލާގައި ހުކުމް ކުރުމަށް އަންގަވާފައެވެ.

ޒާހިދު ރަމީޒަކީ ވަރަށް ފަހަކާ ޖެހެންދެންވެސް މުއިއްޒުއަށް ސަނާ ކިޔަމުންދާ ފަރާތެއް ނަމަވެސް އެނާއަކީ އެއްވެސް އިރަކު މުއިއްޒުއަށް ތާއީދު ކުރި ފަރާތެއް ނޫންކަން ފާހަކަ ކޮށްލެވެއެވެ.

ނިއުޕޯޓު ހިންގާ ސްޓްރާޑާ ކުންފުންޏަށް ބްރިޖް ވިއުއިން ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓެއް ތަރައްގީކުރަން ދީފައިވަނީ ސެޕްޓެމްބަރު 22، 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސްޓްރީއާ، އެ ކުންފުންޏާ އެކު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.

އޭގެ ފަހުން، މާޗު ހަތެއް، 2019 ގައި އޭރުގެ ޕްލޭނިން މިނިސްޓްރީން ވަނީ އެއް މަސް ދުވަހުގެ ތެރޭގައި ބިން ހުސްކޮށް، ހަވާލުކުރަން އަންގައިފައެވެ. އެކަމަކު، ސްޓްރާޑާ ކުންފުނިން އެ އެންގުމަށް އަމަލުކޮށްފައެއް ނުވެއެވެ.

އެކަމާ ގުޅިގެން ދައުލަތުން ދައުވާކުރި މައްސަލަ ބެލުމަށްފަހު ފެބްރުއަރީ 27، 2019 ގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ އެ އެއްބަސްވުން ބާތިލުކުރި ތާރީޚަށް ފަހު އެ ބިން ބޭނުންކުރުމުގެ ހައްގު ސްޓްރާޑާއަށް ލިބިގެންނުވާ ކަމަށެވެ. އެއްބަސްވުން ބާތިލުކުރި ތާރީޚަށް ފަހު އެ ބިން ސްޓްރާޑާއިން ބޭނުންކޮށްފައިވާތީ، ދައުލަތާ ބިން ހަވާލުކުރެވޭ ދުވަހާ ހަމައަށް އިތުރަށް އަރާފައިވާ ކުއްޔާއި ޖޫރިމަނާގެ ފައިސާ ދެއްކުމަށް ވެސް ސިވިލް ކޯޓުގެ ހުކުމްގައި ވަނީ އެ ކުންފުންޏަށް އަންގާފައެވެ.

އެ މައްސަލަ ސްޓްރާޑާ ކުންފުނީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އޮކްޓޫބަރު 12، 2021 ގައި ހައިކޯޓުން ވެސް ހުކުމްކުރީ ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓާށެވެ.

އެހެންވެ، އެ ކުންފުނިން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވެސް މިހާރުވަނީ ހައިކޯޓުގެ ހުކުމް ބާތިލުކުރަންޖެހޭ ސަބަބެއް ނެތުމުން އެ ހުކުމަށް ތާއީދުކޮށްފައެވެ. އަދި، އެއްބަސްވުން ބާތިލުކުރުމުގެ ކުރިން ބިމުން ބައެއް ނެގި މައްސަލައިގައި އެ ކުންފުންޏަށް ބަދަލު ދޭންޖެހޭ ހަމައެއް ވެސް ދެއްކިފައިނުވާ ކަމަށް ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ.

”އިސްތިއުނާފުކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ހައިކޯޓުގެ ގަޒިއްޔާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް އޮތް ކަމަށް އަހުރެން ނުދެކެން،“ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ރައުޔުގައި ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން މިމައްސަލާގައި ހުކުމްކޮށްފައިވަނީ އެ ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެއީ، ފަނޑިޔާރު އައިޝާ ޝުޖޫން، އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

ނިއުޕޯޓުގެ ވެރިފަރާތްކަމަށްވާ ޒާހިދު ރަމީޒްއަކީ ކުރިން ޕީޕީއެމްގެ އިސް އެކްޓިވިސްޓެެކެވެ. އަދި އޭނާއަކީ ރައީސް ޔާމިންއަށް ވަރަށްބޮޑަށް ތާއީދުކުރަމުން އައި ފަރާތެކެވެ. ފާއިތުވި ރިޔާސީ އިންތިޚާބުގައި އޭނާ ޑރ. މުއިއްޒުއަށް ތާއީދު ކޮށްފައެއް ނުވެއެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި އޭނާ ވަނީ މުއިއްޒުއަށް ހަޖޫޖަހާ, އަދި ވަރަށް ވަރުގަދައަށް އެންޓި ކެމްޕޭންވެސް ކޮށް ހަދާފައެވެ.

އެހެންނަމަވެސް ރައީސް މުއިއްޒުއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވުމާއެކު އޭނާވަނީ މުއިއްޒުއަށް ހުށާމަތުކޮށް ސަނާކިޔަން ފަށާފައެވެ. އެހެންނަމަވެސް ނިއުޕޯޓަށް ބަދަލު ލިބޭނެ މަގު ބަންދުވުމުން މުއިއްޒުއަށް ސަނާކިޔުމާއި ހުޝަމަތުކުރުން މިހާރުވަނީ ހުއްޓާލާފައެވެ.