2% އާއި އެކު ޑިމޮކްރެޓްސް ވެގެން ދިޔައީ އަންނިގެ ސިޔާސީ ހަޔާތުގެ ސަންދޯކުގެ ފަހު މޮހަރަށް

4،634 ވޯޓާއި އެކު ޑިމޮކްރެޓްސްގެ އެއްވެސް ކެންޑިޑޭޓަކު މަޖިލީހަށް ނުހޮވި، %2 ވޯޓާއި އެކު، ރައީސް ނަޝީދުގެ ސިޔާސީ ހަޔާތުގެ ސަންދޯކުގެ ފަހު މޮހޮރަށް ޑިމޮކްރެޓްސް ވެއްޖެއެވެ. ފާއިތުވީ ފަސް އަހަރުގައި ރައީސް ނަޝީދުގެ ސިޔާސީ ފިކުރަކަށް ވީ، ތިމާއަށް ނުލިބުނު ވެރިކަމެއްގައި އެންމެ ގާތް އެކުވެރިޔާ ނުބެހެއްޓުމެވެ. މި ފިކުރުގައި މުޅި ދައުލަތަށް ނަޝީދު ލޮޅުން އަރުވަމުން ދިޔައިރު، ހުންނެވީ މަޖިލީސް ރައީސް ކަމުގައެވެ. އެ މަގާމަށް ވަޑައިގެންނެވުނީ ރައީސް ސޯލިހްގެ އެހީތެރި ކަމާއި އެކުގައެވެ. ސިޔާސީ މައިދާނުގައި 3 ބާރު ކުރެން، އެއް ބާރުގެ އެންމެ އިސް ފަރާތް ގޮތުގައި ހުންނަވައިގެން ވެސް ނަޝީދުގެ ހިތަށް ތަސައްލީއެއް ލިބޭ ކަމަކަށް ނުވިއެވެ.

އަމިއްލަ އެދުމުން ފޯވެގެން ހުންނަވައި، ސަރުކާރަށް ނިސްބަތްކޮށް ދޮގު ވާހަކަ އުފައްދައި، އެމްޑީޕީ ސަރުކާރުގެ ތާޢީދު ގެެއްލުވާލަން ކުރިހާ މަސައްކަތެއްގެ މުގުލުގައި ހުންނެވީ ރައީސް ނަޝީދާއި އެމަނިކުފާނުގެ އައުވާނުންނެވެ. މިއަދު އެ ހަސަދައިގެ ހިތި ރަހަ އެ އައުވާނުންނަށް ރައްޔިތުން ވޯޓުން ދެއްކި އިރު، މަޖިލީސް ނާއިބް ރައީސްގެ ގޮޑިކޮޅުން ނެއްޓެން އެނގިވަޑައި ނުގަނެ ރައްޔިތުންނާއި ދެކޮޅަށް މަޖިލީސް ހިސާރު ކޮށްގެން އިންނެވި، ބޭފުޅު ބާރބީ އީވާ އަށްވެސް މަޖިލީހަށް އާދެވޭ ގޮތެއް ނުވިއެވެ.

ފާއިތުވި 5 އަހަރުގައި ރައީސް ނަޝީދު ހޯއްދެވި ކާމިޔާބީތަކަށް ބަލާލާނަމަ އެންމެ ފާހަގަ ކޮށްލެވޭ ކާމިޔާބީއަކީ، ޕާޓީ ބައިބައި ކޮށްލުމަށް ދޮގާއި ފިތުނަ ހިފައިގެން ޕާޓީ މެމްބަރުންގެ ކައިރިއަށް ރައީސް ނަޝީދާއި އައުވާނުން ވަޑައިގެންނެވި ގޮތެވެ. ބޭނުންފުޅުވީ ޕާޓީ ބައި ކޮށްގެން އާ ޕާޓީއެއް އުފަން ކުރުވުމެވެ. މިއަދު އެ އުފަންކުރި ޕާޓީގައި މީހުން ހަމަ ނުވެއެވެ.

އެމަނިކުފާނުގެ ދެވަނަ ކާމިޔާބީ އަކީ، މަޖިލީސް ހިސޯރުކޮށްގެން ގަދަކަމުން މަޖިލީސް ރައީސް ކަމުގައި އިންނަވައި، ޑިމޮކްރަސީ އަށް އެމަނިކުފާނު ހިތުގައި ކުޑަވެސް އިހްތިރާމެއް ގަދަރެއް ނެތްކަން ސާބިތުކޮށްދީ އަމިއްލަފުޅު ސޫރަ ރައްޔިތުންނަށް ހާމަ ކޮށްދިނުމެވެ.

ތިންވަނަ ކާމިޔާބީއަކަށްވީ، އަމިއްލަ ފުޅަށް ރާއްޖޭގެ ރައީސްކަމަށް ކުރިމަތީލާން ނުކެރިގެން، އެމްޑީޕީއަށް އިންތިހާބު ގެއްލުވާލުމަށް، މީހަކު ނެރެ، ޚުދުމުހުތާރު ވެރިކަމެއް ރާއްޖޭގައި ގާއިމު ކުރުމަށް ކުރެވެން ކުރި ހުރިހާ މަސައްކަތެއްގައި ބައިވެރިވުމެވެ.

ނަޝީދުގެ އެންމެ ފާހަގަ ކޮށްލެވޭ ހަތަރުވަނަ ކާމިޔާބީ އަކީ އަމިއްލަ ޕާޓީގެ އެތެރޭގެ އިންތިހާބު ހާމަކަން ބޮޑުކޮށް އޮޅުވާލައި، ބަލިވި ފަރާތަކަށް ޕާޓީގެ ރައީސްކަން ދީ، އެތައް މަގާމުތަކަށް ހޮވުނު ފަރާތްތައް އައްޔަން ނުކޮށް، ނަތީޖާ އިއުލާން ނުކޮށް ޑިމޮކްރެޓްސްގެ އޮތް ފުރަތަމަ އިންތިހާބުވެސް ބޭއިންސާފުގެ މަގުން ގެންގޮސް އެޕާޓީ ވެސް ރޫޅާލުމެވެ.

ރައީސް ނަޝީދަށް ދެން އެންމެ ކާމިޔާބު ކަމާއި އެކު ކޮށްލެވުނު މަސައްކަތަކީ އެމަނިކުފާނުގެ ޕާޓީއަށް މީހުން ވެއްދުމުގެ ނަމުގައި، ދޮގާއި ފިތުނާގައި ޖައްސައިގެން އެމްޑީޕީއިން ވަކި ކުރި ގިނަ އަދަދެއްގެ މެމްބަރުން ތަކެއް، މުއިއްޒަށް ވެދުމަށް އެރުވުމެވެ. ރަންނަމާރިއަށް ރަސްގެފާނު ރީތި އަންހެން ކުދިން ވެދުމަށް އެރުވިހެން ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ޕާޓީގެ ގިނަ މެމްބަރުންތަކެއް ރައީސް މުއިއްޒަށް ވެދުމަށް އަރުވާފައެވެ.

ރައީސް ނަޝީދުގެ ސިޔާސީ ހަޔާތުގެ އެންމެ ފަހު ކާމިޔާބީއަކީ ޑިމޮކްރެޓްސްއަށް ލިބުނު 4،634 ވޯޓެވެ. މިއީ ރައީސް ނަޝީދު ތާއީދު ނުކުރައްވާ ޑިމޮކްރެޓްސްގެ ވޯޓާއި އެކު ލިބިވަޑައިގެންނެވި އަދަދެވެ.

މި ވެރިކަމުގެ މި އަނިޔާވެރި ކަމުގައި އެމްޑީޕީގެ ކޮންމެ މެމްބަރަކަށް އަދި ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ދޭ ވޭނުގައި ރައީސް ނަޝީދު ފިތުނައިގެން އަލިފާން ނޫން އެއްޗެއް މިއަދަކު ނެތެވެ.

“ވިމާ މޮޅު ނަސަބަކުން އަޔަތީ ތިމާމެން ކިބުރުވެރި މިވަނީ ރިމާދަށް ފުރޮޅިގެން އެދަނީ ދިމާއަށް އަގުރު އަލިފާނޭ،” އޭރުވެސް ރައްޔިތުން ނަޝީދަށް ބުނެ ވިސްނަދޭން މަސައްކަތް ކުރިއެވެ. ނަމަވެސް، ތިމާއަށްވުރެ ސިޔާސީ ގޮތުން މޮޅު މީހަކު ނެތްކަމަށް ހެދިގެން ޖެހިހާ ސަކަރާތަކުން އަމިއްލަ ސިޔާސީ ހަޔާތުގެ ސަންދޯކުގެ ފަހު މޮހޮރު ޖަހައިގެން އެ “އިންނެވީ” މާ ދުރު ނަންވެސް ދިވެހިންނަށް ނޭނގޭ އެފްރިކާ ގައުމެއްގައި ފިލާއެވެ.