މަޖިލިސް ރައީސްކަމަށް ވަޑައިގަތުމަށް އަބުދުއްރަހީމް ކެމްޕޭން ފައްޓަވައިފި! އަބުދުއްރަހީމް ދަނީ ހޮވުނު މެމްބަރުންނަށް ބޮޑެތި އަދަދުން ފައިސާ ދެމުން! އަމާޒަކީ ރައީސް މުއިއްޒުގެ ރުހުން ނެތަސް މަގާމް ކަށަވަރު ކުރުން!

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމަށް ވަޑައިގަތުމަށް, ފޮނަދޫ ދާއިރާއަށް އިންތިޚާބުވި އަބުދުއްރަހީމް ބޮޑެތި އަދަދުން ފައިސާ ދެމުންދާކަމަށް “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ލިބިއްޖެއެވެ.

ނަން ހާމަނުކުރުމަށް އެދި “ދިޔަވަރު އޮންލައިން” އަށް މައުލޫމާތުދިން, މަޖިލިހަށް އަލަށް އިންތިޚާބުވި މެމަބަރަކު ވިދާޅުވީ އާ މަޖިލިހުގެ ރައީސްކަމަށް ވަޑައިގަތުމަށް އަބުދުއްރަހީމް މިހާރު ކެމްޕޭން ފަށާފައިވާ ކަމަށާއި, އަބުދުއްރަހީމްގެ ފަރާތުން ފަތުރުވެރިކަމާބެހޭ ވަޒީރު އިބުރާހިމް ފައިސަލްއާއ އަދި އެ ނޫން ބައެއް މަމްބަރުންވެސް މިހާރު އޭނާ އާއި ވާހަކަ ދައްކާފައިވާ ކަމުގައެވެ.

އަޅުގަޑާވެސް ވާހަކަ ދެއްކި. ފައިސާވެސް ހުށަހެޅި.

“ދިޔަވަރު އޮންލައިން” އާއި ވާހަކަ ދެއްކި, މަޖިލިހަށް އަލަށް އިންތިޚާބުވި މެމްބަރަކު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި, މަޖިލިސް ރައީސްކަމަށް ވަޑައިގަތުމަށް އަބުދުއްރަހީމް ކެމްޕޭން ފަށާފައިވާއިރު, އަބުދުއްރަހީމް މަސައްކަތް ކުރަމުންދަނީ ރައީސް މުއިއްޒުގެ ރުހުން ނެތްނަމަވެސް މަގާމް ކަށަވަރު ކުރެވޭވަރަށް މެމްބަރުންގެ ރުހުން ހޯދުމަށެވެ. އެގޮތުން ގިނަ މެމްބަރުންނަށް ފައިސާ ދީގެން އެމެމްބަރުން ލައްވާ ޕާލަމެންޓްރީ ގުރޫޕުގައި ލޮބީކޮށްގެން, އެހެން މެމްބަރަކު މަޖިލިސް ރައީސްކަމަށް ވަޑައިގަތުމަށް ތާއީދެއް ނެތްކަން ކަށަވަރު ކުރުމަށް އަބުދުއްރަހީމް މަސައްކަތް ކުރަމުންދާކަމަށް “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިން އިންތިޚާބީ މެމްބަރު ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގެ ކާމިޔާބީ ފާހަކުރުމަށް ލ. ފޮނަދޫގައި ރޭ ބޭއްވުނު އިވެންޓުގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސްކަމަށް އޭނާ ވަޑައިގަންނަވާނެކަމުގެ އިޝާރާތެއް އަބުދުއްރަހީމް ވަނީ ދެއްވާފައެވެ. އެ ބައްދަލުވުމުގައި އަބުދުއްރަހީމް ވިދާޅުވީ މާލަހެއް ނުވެ އަނެއްކާވެސް ހައްދުންމަތީގެ ތާރީޚު ބަދަލުވެގެން ދާނެކަމުގައެވެ.

އިރާދަކުރެއްވިއްޔާ އަދި މިއަށްވުރެ މާއުފާވެރި ރެއެއް އަޅުގަނޑުމެންނާ ބައްދަލުކުރާނެ. އެ ވާހަކައިގެ ތަފުސީލަކަށް އަޅުގަނޑު ނުދާނަން. އެކަމަކުވެސް އިރާދަކުރެއްވިއްޔާ މާލަހެއް ނުވެ އަނެއްކާވެސް ހައްދުންމަތީގެ ތާރީހު ބަދަލުވެގެންދާނެ ކަމުގެ އުފާވެރި ހަބަރުދެމުން އަޅުގަނޑުގެ ވާހަކަ ނިންމާލާނީ.

މަޖިލިސް ރައީސްކަން ކާމިޔާބު ކުރައްވާނެކަމަށް އިޝާރާތް ކުރައްވަމުން އަބުދުއްރަހީމް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލިސް ރައީސްކަމަށް ގެނައުމަށް ރައީސް މުއިއްޒު ބޭނުންފުޅުވަނީ ދިއްގަރު ދާއިރާއަށް އިންތިޚާބުވި ޖަނިގިޔާ ނާޒިމްއެވެ.

އެހެންނަމަވެސް އަބުދުއްރަހީމް ގަބޫލުކުރާ ގޮތުގައި އަލަށް ހޮވުނު ޕާލަމެންޓްރީ ގުރޫޕަށް ރައީސް މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލް ނޯންނާނޭކަމަށް “ދިޔަވަރު އޮންލައިން”އާއި ވާހަކަ ދެއްކި މެމްބަރު ވިދާޅުވިއެވެ.

ރައީސް މުއިއްޒު މީގެކުރިން ވިދާޅުވެފައިވަނީ މެމްބަރުންނާއި އެއްވެސް އެހެން ފަރާތެއް މެދުވެރިކޮށް ވާހަކަ ނުދައްކަވާނެކަމަށާއި, މެމްބަރުންނަށް އަންގަވާ އެއްޗެއް އަންގަވާނީ ސީދާ އެމަނިކުފާނު ކަމުގައެވެ. އެހެންނަމަވެސް, މަޖިލިސް ރައީސްކަމަށް ވަކި ބޭފުޅަކު ގެނައުމަށް މެމްބަރުންނަށް ވަކިއެއްޗެއް ސީދާ ރައީސް މުއިއްޒު އެންގެވިކަމެއް އަދި ޔަގިން ކުރެއްވިފައެއް ނުވެއެވެ.