2%ގެ ބޮޑު ނާކާމިޔާބީއަށްފަހު ދަ ޑިމޮކްރެޓްސްގެ ހަރުގެ ރޫޅާލަން ފަށައިފި

އާޓިފިޝަލް ބީޗުގައި ހުރި، ދަ ޑިމޮކްރެޓްސްގެ ހަރުގެ “ހައުސް އޮފް ޑިމޮކްރެޓްސް” ހުސްކުރަން ފަށައިފި އެވެ.

ދަ ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވާ ބައެއް އިސް ފަރާތްތަކުން “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދެމުން ވިދާޅުވީ އެ ޕާޓީގެ ހަރުގެ ހުސްކުރަނީ އިމާރާތެއް އެޅުމަށް ޓަކައި ބިން ހުސްކުރަން ޖެހޭތީ ބިމުގެ ވެރިފަރާތުން އެންގުމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި އޭޕްރިލް 1، ގެ ކުރިން ހަރުގެ ހުސްކުރަން ނޯޓިސް ވެސް އޮތީ ދީފަ އެވެ.

އަދި ވިދާޅުވީ ހަރުގެ ހިންގާނެ އެހެން އިމާރާތެއް ހޯދަމުންދާ ކަމުގައެވެ.

ދަ ޑިމޮކްރެޓްސްގެ ހަރުގެ ރޫޅާލަން ފަށާފައިވާއިރު, ފާއިތުވި މަޖިލިސް އިންތިޚާބުގައި އެޕާޓީއަށް ލިބިފައިވަނީ އެންމެ %2 ވޯޓެވެ. އެއީ ހަތަރުހާހެއްހާ ވޯޓެވެ. ފާއިތުވި މަޖިލިސް އިންތިޚާބުގައި އެޕާޓީއަށް އެންމެ ގޮނޑިއެއްވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެއާއެކު ދަ ޑިމޮކްރެޓްސް ޖަގަހަށް ދާނެ ބަޔަކު ދެން އިތުރަށް ނުވާނެކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެޕާޓީ އުފެއްދި ކުރީގެ ރައީސް ނަޝީދުވެސް އެޕާޓީއަށް ކެމްޕޭން ކޮށްދޭން މާލެ ވަޑައިގެންފައިވެއެވެ. އެހެންނަމަވެސް ނަޝީދު މައިގަޑުކޮށް ކެމްޕޭން ކޮށްދީފައިވަނީ އެމްޑީޕީއާ ދެކޮޅަށެވެ.

މީގެ ކުރިން ނަޝީދު ވަނީ އެމްޑީޕީ ރޫޅާލާނެކަމަށް ވިދާޅުވެފައެވެ. އެއަށްފަހު ފެންނަމުން ދަނީ ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީ ރޫޅި އެންމެ ފަހުން އެޕާޓީގެ ޖަގަހަވެސް ރޫޅާލަން ޖެހިފައިވާ މަންޒަރެވެ.

ދަ ޑިމޮކްރެެޓްސްގެ ހަރުގެ މިހާރު ހުރި ތަނުގައި ކުރިން ހިންގަމުން އައީ މައި އިދިކޮޅުޕާޓީ އެމްޑީޕީގެ ހަރުގެ އެވެ. އެ ބިމުގެ ވެރިފަރަތަކީ އެ ޕާޓީގެ ކުރީގެ އެކްޓިވިސްޓް ޝަފިއްޔާ ޒުބައިރެވެ. އެމްޑީޕީ ތެރޭގައި ދެ ފެކްޝަން އުފެދި, ކޯޅުން ބޮޑުވެފައި ވަނިކޮށް ޕާޓީގެ މައި ހަރުގެ ހުސްކުރަން އެންގީ މާޗް 31، 2023 ގަ އެވެ.

ޝަފިއްޔާ އޭރު ބުނީ މިހާރު އެ ބިން އޭނާ ކުއްޔަށް ދޫކުރީ ވިޔަފާރިވެރިޔަކަށް ކަމަށެވެ. އެއީ އެ ވިޔަފާރިވެރިޔާ އެހެން ބަޔަކަށް ވެސް ކުއްޔަށް ދެވޭ ގޮތަށެވެ. އެ އިމާރާތް ޑިމޮކްރެޓުންގެ ފަރާތުން ނެގީ އެ ވިޔަފާރިވެރިޔާއާ އެކު ހެދި ސަބް ލީސް އެއްބަސްވުމެއްގެ ދަށުން ކަން އެ ޕާޓީން އޭރު ބުންޏެވެ.