ރާއްޖެ ދޫކޮށް ދިޔަ އިންޑިއާ ސިފައިންގެ އަދަދު ހީނާއަކަށް އެނގިވަޑައެއް ނުގަތް!

އިންޑިއާ ސިފައިން ރާއްޖެ ދޭކޮށް ދާން ފަށާފައިވާކަމަށް ސަރުކާރުން ވިދާޅުވެފައިވާއިރު, ރާއްޖެ ދޫކޮށްކޮށް މިހާތަނަށް ގޮސްފައިވަނީ ކިހާ އަދަދެއްގެ އިންޑިއާ ސިފައިންކަމެއް ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދަށް ދަންނަވާކަށް އެނގިވަޑައެއް ނުގަތެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި, ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ތެރެއިން ރާއްޖެ ދޫކޮށް ގޮސްފައިވާ އިންޑިއާ ސިފައިންގެ އަދަދަކީ ކޮބައިތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ ރާއްޖެ ދޫކޮށް ދިޔަ އިންޑިއާ ސިފައިންގެ އަދަދު ފަހުން ހާމަ ކުރާނެ ކަމަށެވެ.

ރާއްޖޭގައި އިންޑިއާގެ އެތައް ހާސް ސިފައިން ތިބިކަމަށް އިދިކޮޅުގައި ތިބިއިރު މި ސަރުކާރުގެ އިސްވެރިން ދިޔައީ ބުނަމުންނެވެ. އެހެންނަމަވެސް ވެރިކަމަށް އައުމަށްފަހު މި ސަރުކާރުގެ އިސްވެރިންވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި ގުޅޭގޮތުން އެކި ވާހަކަތައް ދައްކަވާފައެވެ.

އަދި އަންނަ މޭމަހު އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެ ދޫކޮށް ދާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އާންމު ރައްޔިތުންނަށް މައުލޫމާތު ދިނުން ވަނީ ވަރަށް ބޮޑަށް ހިފަހައްޓާފައެވެ.