މިހާތަނަށް މި ސަރުކާރުގެ އެއްވެސް އިސްވެރިއެއްގެ މާލީ ބަޔާން އާންމު ކޮށްފައެއް ނުވޭ! މާލީ ބަޔާންތައް ސިއްރު ކޮށްފައިވަނީ ވައްކަން ފޮރުވުމަށް! މާލީ ބަޔާން ހާމަކޮށްފިނަމަ އެންމެ ބޮޑަށް ފަޟީހަތް ވާނީ މުއިއްޒުއާއި ވަޒީރުން!

މި ސަރުކާރުގެ އިސް އެއްވެސް އޮފިޝަލެއްގެ މާލީ ބަޔާން މިހާތަނަށް އާންމު ކޮށްފައި ނުވާކަން ހާމަވެއްޖެއެވެ. އެކަން ހާމަވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު އެކަމަަށް އެއްބަސް ވުމުންނެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށްފަހު މިހާތަނަށް ރައީސް މުއިއްޒުގެ އިތުރުން އެއްވެސް ވަޒީރެއްގެ މާލީ ބަޔާން އާންމުކޮށްފައި ނުވަނީ ކޮން ސަބަބަކާ ހެދިތޯ ނޫސްވެރިޔަކުން ސުވާލު ކުރުމުން މި ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ “ވީހާވެސް އަވަހަކަށް” މާލީ ބަޔާންތައް ހާމަ ކުރާނެކަމަށެވެ.

އަދި މާލީ ބަޔާންތައް ހާމަކުރާނީ ކޮން އިރަކުންތޯ ތަކުރާރުކޮށް ނޫސްވެރިން ސުވާލު ކުރުމުންވެސް ހީނާ ވިދާޅުވީ ވީހާވެސް އަވަހަކަށް މާލީ ބަޔާން ހާމަ ކުރާނެ ކަމަށެވެ.

މި ސަރުކާރުގެ ވެރީންގެ މާލީ ބަޔާން އާންމުކުރުމަށް ސަރުކާރުން ދެކޮޅު ހަދަމުންދާއިރު, ރައީސް މުއިއްޒުއާއި ގުޅުންހުރި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް, ދާދިފަހުން އާންމުވެފައިވާ, މުއިއްޒުގެ މާލީ މުއާމަލާތު އެކުލެވޭ އެމްއެމްއޭގެ ފައިނޭންސް އިންޓެލިޖެންސް ރިޕޯޓުންނާއި ޕޮލިސް އިންޓެލިޖެންސް ރިޕޯޓުން ވަނީ ފެންމަތިވެގެން ގޮސްފައެވެ. އެ ރިޕޯޓުތަކުން އެގެން ހުރިގޮތުގައި ފައިސާ ލިބުނު ސޯސްތައް ނޭނގި މުއިއްޒުވަނީ 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ހައުސިން މިނިސްޓަރުކަމުގައި ހުންނަވައިގެން އޭރު ހައުސިން މިނިސްޓްރީގެ ބައެއް ސްޓާފުންގެ އެކައުންޓަތަކަށް ޖަމާކޮށްގެން އެފައިސާ އަމިއްލަ ކޮށްފައެވެ.

އަދި މުއިއްޒު ވަނީ އޭރު ރާއްޖޭގައި ޕްރޮޖެކްޓްތައް ހިންގުމަށް އައި ޗައިނާގެ ކުންފުނިތަކަށް އަމިއްލަ ރޯހައުސް ކުއްޔަށް ދީގެންނާއި އަދި ރިޝްވަތުގެ ފައިސާވެސް އެކުންފުނިތަކުން އަމިއްލަ އެކައުންޓަށް ޖަމާކޮށްފައެވެ.

މުއިއްޒުގެ ކެބިނެޓްގައި ތިއްބެވި ގިނަ ވަޒީރުންނަކީވެސް ކޮރަޕްޝަންގެ ތުހުމަތައް ކުރެވި ޖަވާބުދާރީވާން ޖެހިފައިވާ ވަޒީރުންކަންވެސް ފާހަގަ ކޮށްލެވެއެވެ. އެގޮތުން ހެލްތު މިނިސްޓަރުކަމުގެ މަގާމްގައި ހުންނެވި ޑރ. އަބުދުالله ޚަލީލްއަކީވެސް ކުވައިތު ފަންޑުން ސްކޫލް އިމާރާތެއް އެޅުމަށް ދިން ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ފަރާތެކެވެ.

ސަރުކާރުގެ އިސްވެރިންގެ މާލީ ބަޔާންތައް އާންމުކޮން ފެންނާނެ ހެން ހާމަ ކުރުމަކީ މީގެ ކުރިން ކޮށްއުޅުނު ކަމެއް ނޫނެވެ. މިކަން އެންމެ އާންމުކޮށް ތަންފީޒު ކުރައްވާފައިވަނީ ރައީސް ސާލިހުގެ ވެރިކަމުގައެވެ. އެގޮތުން ރައީސް ސާލިހުގެ ވެރިކަމުގައި ރައީސުލް ޖުމްޙޫރިއްޔާއިން ފެށިގެން ރައީސުލް ޖުމްޙޫރިއްޔާގެ ނައިބާއި ވަޒީރުންނާއި ސިޔާސީ އިސް މަގާމްތަކުގައި ތިއްބެވި ހުރިހާ އިސްވެރިންގެ މާލީ ބަޔާން ވެސް ހާމަ ކުރެއްވި އެވެ.