އެމެރިކާގެ އަސްކަރީ ރިސާޗް އުޅަނދެއް ދަނީ އިސްރާއީލުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ސްރީލަންކާގެ ކަނޑުގެ ސަރަހައްދު ތަހުލީލު ކުރަމުން! ރާއްޖޭގެ އެސްއީޒެޑަށް މިއުޅަނދުގެ ވަނުމުގެ ހުއްދަ ދިވެހި ސަރުކާރުން ވަނީ ދީފަ!

އެމެރިކާގެ އަސްކަރީ ރިސާޗް އުޅަނދެއް ސްރީ ލަންކާގެ އެސްއީ ޒެޑްގައި ހަރަކާތްތެރިވަމުންދާ ކަމުގައި އެގައުމުގެ ނޫސްތަކުން ރިޕޯޓު ކުރުމާއެކު, އެގައުމުގެ އިގްތިސާދީ ސަރަހައްދަށް އެއުޅަނދު ވަނުމުގެ ހުއްދަ ދޫކޮށްފައިވާކަމަށް ސްރީ ލަންކާގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ސްރީލަންކާގެ ޑިފެންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެމެރިކާގެ ރިސާޗް އުޅަނދަކަށް ސްރީލަންކާ ކަނޑުގައި ރިސާޗް ހަރަކާތްތައް ހިންގުމުގެ ހުއްދަ ދީފައި ނުވާ ކަމަށާއި އެހެންނަމަވެސް އެ އުޅަނދަށް އެގައުމުގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދީފައިވާކަމަށެވެ. އަދި އެ އުޅަނދު ކާތަކެއްޗާއި ތެޔޮ ބަރާކުރުމަށް ސްރީލަންކާއަށް މިމަހުގެ 19 ވަނަ ދުވަހު ބަނދަރުކުރުމަށްފަހު 22 ވަނަ ދުވަހު ސްރީލަންކާގެ ބަނދަރުން ފުރާފައިވާކަމަށްވެސް އެގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެފައި ވެއެވެ.

އެހެންނަމަވެސް ސްރީލަންކާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި އުޅަނދު ދަނީ ސްރީލަންކާގެ ކަނޑުގެ ސަރަހައްދުގައި އަސްކަރީ ރިސާޗް ހަދަމުންނެވެ. ދުނިޔޭގެ ބާރުގަދަ ގައުމުތަކުން އެގައުމުގެ ތަކުގެ ރިސާޗް އުޅަނދުތަކުގެ ނަމުގައި އާންމު ގޮތެއްގައި ހިންގާ އޮޕަރޭޝަންތަކަކީ ޖާސީ އޮޕަރޭޝަންތަކެވެ.

މީގެ ތިންމަހެއްހާ ދުވަސްކުރިން ޗައިނާގެ އަސްކަރީ ރިސާޗް އުޅަނދެއް ސްރީލަންކާގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް ހުއްދަ ނުދީ, އެއް އަހަރުގެ މުއްދަތަަށް އެގައުމުގެ ކަނޑުގެ ސަރަހައްދުތަކަށް ބޭރުގެ އެއްވެސް އަސްކަރީ ރިސާޗް ވެސެލްއަކަށް ވަނުމުގެ ފުރުސަތު ބަންދު ކޮށްފައިވަނިކޮށް އެމެރިކާގެ މި ރިސާޗް ވެސެލްއަށް ސްރީލަންކާގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ފުރުސަތު ދިނުމުން އެގައުމުގެ ސަރުކާރަށްވަނީ ފާޑުކިއުން އަމާޒުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އުޅަނދު މިހާރުވަނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދާ ދިމާލަށް މިސްރާބު ޖަހާފައެވެ. އަދި ރާއްޖޭގެ ޑިފެންސް މިނިސްޓްރީން މިއުޅަނދު ރާއްޖޭ އިގްތިސާދީ ސަރަހައްދަށް ވަނުމުގެ ހުއްދަ ދޫކޮށްފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އެމެރިކާގެ މި ރިސާޗް އުޅަނދަކީ އިސްރާއީލުގެ އަސްކަރީ ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން އިންޑިއާ ކަނޑުގައި ސްރީލަންކާ އަދި ރާއްޖެ ހިމެނޭ ސަރަހައްދުގައި ޖާސޫސް ކުރަމުންދާ އުޅަނދެއްކަމުގައި ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

މި ސަރުކާރުން ހުއްދަ ދީގެން, ޗައިނާގެ އަސްކަރީ ޖާސޫސީ އުޅަނދުތައް މިހާރުވެސް ދަނީ އިންޑިއާ ކަނޑުގެ ރާއްޖެ ހިމެނޭ ސަރަހައްދު މެޕް ކުރަމުންނެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދަށް ވަންނަަށް އަސްކަރީ ޖާސޫސީ އުޅަނދުތަކަށް ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ދަތުރުކުރުމުގެ ހުއްދަ ދޫކުރަމުން ދިއުމިގެ ސަބަބުން އިންޑިއާ ކަނޑުގައި ޖާސޫސް ކުރުމުގެ ފުރުސަތު ދުނިޔޭގެ ބާރުގަދަ ބައެއް ގައުމުތަކަށް ލިބިގެންދާކަން ފާހަގަ ކޮށްލެއެވެ.

ފައިސާގެ ދަހުވެތިކަމުގައި ސަރުކާރުން މި ހުއްދަތައް ދޫކުރަމުންދިޔަ ނަމަވެސް, މިއީ އިންޑިއާކަނޑުގެ މަސްލަހަތު ގެއްލި, އިންޑިއާ ކަނޑުގެ ސަރަހައްދު ހަނގުރާމައިގެ ތުންފަތްމައްޗަށް ގެނެސްފާނެ ނުރައްކާތެރި ސިޔާސަތެއްގެ ގޮތުގައި, ދިވެހި ސަރުކާރުގެ މި އަމަލުތައް އަސްކަރީ ތަޖުރިބާކާރު ދަނީ ސިފަކުރަމުންނެވެ.