200 އަށްވުރެ ގިނަ ގާނޫނު ފާސްކުރަން ތައްޔާރު ކަމަށް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، މަޖިލީހަށް ބިލްތައް ހުށައަޅަން ސަރުކާރު އިދާރީގޮތުން އަދި ތައްޔާރު ވެފައެއް ނެތް ކަމަށް ރައީސްގެ ސްޕޯކްސްޕާސަން ހީނާ ވިދާޅުވެއްޖެ!

މަޖިލީހަށް ބިލްތައް ހުށައަޅަން ސަރުކާރު އިދާރީގޮތުން ތައްޔާރު ވަމުން ދާކަމަށް، ރައީސް މުއިއްޒުގެ ސްޕޯކްސް ޕާސަން ހީނާ ހާމަ ކުރައްވައިފިއެވެ. ސަރުކާރަށް 4 މަސް ވީ އިރު ސަރުކާރަށް ބިލެއް ތައްޔާރު ކޮށްލެވޭ ވަރަށް ތައްޔާރު ވެވިފައި ނެތުމަކީ، ސަރުކާރު ހިނގަމުންދާ ލަސް މިންވަރާއި، ސަރުކާރުގެ ކަންކަން ތަރުތީބު ވެފައި ނެތް މިންވަރު ރައްޔިތުންނަށް ހާމަ ވެގެން ދާ ކަމެކެވެ.

މަޖިލީސް އިންތިހާބުގެ ކެމްޕޭނުގައި ތިމަންނާ، 200 އަށްވުރެ ގިނަ ގާނޫނު ފާސްކުރަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ހިޔާ ފްލެޓް ސަރަހައްދުގައި 3 އެޕްރީލް 2024 ގައި ބޭއްވި ކެމްޕޭން ޖަލްސާގައެވެ. ރައީސް މުއިއްޒު ވިދާޅުވީ ގާނޫނުތަކަށް ގެންނަ އިސްލާހުތައް ހިމެނޭ ގޮތަށް 200 އަށްވުރެ ގިނަ ގާނޫނު ފާސްކުރަންޖެހޭ ކަމަށެވެ. މިހެން ވިދާޅުވެ، ރައްޔިތުންނަށް ރައީސް މުއިއްޒު ދޮގު ހައްދަވާފައިވާކަން ހާމަވީ، އިއްޔެ ހީނާ ބޭއްވި ޕްރެސްގައި މަޖިލީހަށް ހުށައަޅަން ޖެހޭ ބިލްތައް ތައްޔާރު ކުރުމަށް ބޭނުންވާ އިދާރީ މަސައްކަތަށް ތައްޔާރު ވަމުން ދާކަމަށް ވިދާޅުވުމުންނެވެ.

އާންމު ގޮތެއްގައި 5 އަހަރުގެ ތެރޭގައި ޖުމްލަ ކޮށް ލިބޭނީ 250 ޖަލްސާއެެވެ. މިއީ 250 ޖަލްސާއިން 200 ގާނޫނު މަޖިލީސް ތަޅުމަށް އިއްވައި، ކޮމަޓީ މަރުހަލާގައި ނިންމުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

ނަމަވެސް ސަރުކާރުން، މުއިއްޒު އެ ވިދާޅުވި ގޮތަށް 200 ޤާނޫނު ފާސްކުރަން ބޭނުން ނަމަ، އެކަމަށް މަސައްކަތް ނުފެށިގެން، އަދި އެކަމަށް ބޭނުންވާ އިދާރީ މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުންދާ ހިސާބުގައި ކަންކަން އޮންނަންވީ ކީއްވެ ތޯއެވެ؟ އެއީ ސަރުކާރުގެ ނާގާބިލު ކަމާއި، ސަރުކާރު ހިންގުމުގައި އިންތިހާއަށް ކަންކަން ލަސްވެގެން ގޮސް، ސަރުކާރު ހިންގުން ބޮއްސުންލާފައި ވާތީއެވެ.