މަޖިލީސް އިންތިހާބާއި ދިމާކޮށް، ބަދަލުގެ ގޮތުގައި 100 އެތައް މިލިއަނެއް ދިނީ ކޮން ބަޔަކަށް ކަން ހާމަ ކުރަން ސަރުކާރުން ދެކޮޅު ހަދައިފި! މިއީ މިހާ ކުރު މުއްދަތެއްގައި ސަރުކާރަކުން ދީފައިވާ އެންމެ ބޮޑު ބަދަލު! މިކަން ތަހުޤީގު ކުރެވެން ޖެހޭ!

މިއަހަރު މަޖިލީހުގެ އިންތިހާބާއި ދިމާކޮށް، ބަދަލުގެ ގޮތުގައި 100 އެތައް މިލިއަނެއް ސަރުކާރުން ދީފައިވަނީ ކޮން ބަޔަކަށް ކަން ހާމަ ކުރަން ސަރުކާރުން ދެކޮޅު ހަދައިފިއެވެ. މައުލޫމާތު ހޯދާ ލިބި ގަތުމުގެ މިނިވަން ކަމުގެ ދަށުން އަމިއްލަ ފަރާތެއްގެ ނަމުގައި މި މައުލޫމާތު ހޯދުމަށް ސަރުކާރަށް އެދުމުން އެ މައުލޫމާތު ނުދީ ވަނީ ހިފަހައްޓާފައެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި ގެއްލުމުގެ ބަދަލު ދިނުމަށާއި ގެއްލުމުގެ ބަދަލު ފޫބައްދަން ބަޖެޓު ކުރި 101 މިލިއަން ރުފިޔާ ހުސްވެ، ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް މުއިއްޒު އެދުނު ބަޔަކަށް މިލިއަނުން ވަނީ ފައިސާ ދީފައެވެ.

މި ބަދަލު ދީފައިވަނީ، މި ބަދަލުތައް ނުދޭނެ ކަމަށް ވެރިކަމަށް ވަޑައިގެން މުއިއްޒު އަމިއްލަ ފުޅަށް ވިދާޅުމަށް ފަހުއެވެ.

މުއިއްޒުވަނީ ވެރިކަމަށް ވަޑައިގެން ‏ރައްޔިތުންގެ ފައިސާއިން ގަވާއިދާއި ޚިލާފަށް ނަހަމަ ގޮތުގައި ބަދަލު ދިނުމަކީ އެއްގޮަތަކަށްވެސް ކުރެވިގެންވާނޭ ކަމެއްނޫން ކަމަށް ބުނެ ޓްވީޓް ކުރުމަށް ފަހު، އެއްވެސް ބަޔަކަށް ބަދަލު ނުދޭން ނިންމައި ސެޓްލްމެންޓް ކޮމިޓީ އުވާލިއެވެ. އޭގެ ފަހުން އެއްވެސް އުސޫލެއް ނެތި 100 އެތައް މިލިއަން ރުފިޔާއެއް މުއިއްޒު ބޭނުން ބަޔަކަށް ބަދަލުގެ ގޮތުގައި ދީފައި ވަނީ އެއްވެސް އުސޫލެއް ހަމައެއް ނެތިއެވެ.

މި ގޮތަށް އަމިއްލަ އަށް ނުދޭން ނިންމި ފައިސާތަކެއް، ސިއްރު ސިއްރުން މުއިއްޒު ހިތުހުރި ބަޔަކަށް އުސޫލެއް ނެތި، 100 އެތައް މިލިއަން ރުފިޔާއެއް އިންތިހާބާއި ދިމާކޮށް ބަހާފައިވުމަކީ މުއިއްޒު ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލެކެވެ. އަދި މިއީ ދުނިޔޭގެ އެހެން ކޮންމެ ޤައުމެއްގައި ނަމަވެސް، ތަހުގީގު ވަގުތުން ފެށޭވަރުގެ ބޮޑު މައްސަލައެކެވެ.

ބަދަލުގެ ގޮތުގައި ބަޖެޓް ކޮށްފައިވާ 101 މިލިއަނަށް ވުރެ ގިނައިން މުއިއްޒު ފައިސާ ދޫކޮށްފައި ވާކަން ހާމަ ވެގެން ދިޔައީ، ފިނޭންސް މިނިސްޓްރީން މިދިޔަ ހަފުތާގައި ނެރުނު ދައުލަތުގެ މާލިއްޔަތުގެ އަދާހަމަ އަންގައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުންނެވެ.