ރައީސް ސޯލިހް ދޫކުރި ބިންތައް މުއިއްޒު ހިފަހައްޓަމުން ދާތީ، ތިން މަސްދުވަހުގެ ތެރޭގައި ގޯތި ހަވާލު ކުރުން ލާޒިމު ކުރާ ބިލެއް އެމްޑީޕީ މެމްބަރުން މަޖިލީހުން ފާސްކޮށްފި!

ބިންވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ތިން މަސްދުވަސްތެރޭ ހަވާލު ކުރުން ލާޒިމުވާ ގޮތަށް ބިމާ ބެހޭ ގާނޫނު ބަދަލުކުރަން ހުށަހެޅި ބިލު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު، މީކާއީލް އަހުމަދު ނަސީމު މިދިޔަ ޑިސެމްބަރު 18 ގައި ހުށަހެޅި އެބިލު މަޖިލީހުން ފާސްކުރީ އެއްވެސް އިސްލާހެއް ނުގެނެހެވެ. އެ ބިލު ފާސްކުރީ 35 މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

މިއަދު މަޖިލީހުން ފާސްކުރި އެ ބިލުގައި ކަނޑައަޅާފައި އޮތީ ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރު ކުރުމާއި ހަމަ އެ ގާނޫނުގެ 13 ވަނަ މާއްދާއަށް (ނ) އަދި (ރ) ގެ ގޮތުގައި ދެ އަކުރު އިތުރު ކުރުމަށެވެ.

ބިމާބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ ފަހަތަށް އިތުރު ކޮށްފައި ވަނީ ބަންޑާރަ ގޯތި ހަވާލު ކުރުމާ ބެހޭ މާއްދާއެކެވެ.

އެގޮތުން އެ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ދިރިއުޅުމަސް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓު ކުރާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސްދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް އެ ގޯތި ދޫކުރި އިދާރާއަކުން ހަވާލު ކުރަންޖެހޭނެ ކަމަށެވެ.

އެ މާއްދާގެ ށ. ގައި ބުނެފައި ވަނީ އެ ގާނޫނަށް އަމަލުކުރަން ފަށާއިރު، ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓު ކުރުމަށްފަހު ހަވާލު ކޮށްފައިނުވާ ގޯތިތައް އެ ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ގޯތިތައް ލިބުނު މީހުންނަށް ހަވާލު އެ ގޯތި ދޫކުރި އިދާރާއަކުން ހަވާލު ކުރަންޖެހޭނެ ކަމަށެވެ.

ބިމާބެހޭ ގާނޫނުގެ 13 ވަނަ މާއްދާއަށް އިތުރު ކުރި ދެ އަކުރުގެ ތެރެއިން ނ. ގައި ބުނެފައި ވަނީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު، ގެޒެޓު ކުރާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސްދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރެޖިސްޓަރީ އެ ގޯތި ދޫކުރި އިދާރާއިން ހަވާލު ކުރަންޖެހޭނެ ކަމަށެވެ.

އެ މާއްދާގެ ރ. ގައި އޮތީ އެ ގާނޫނަށް އަމަލު ކުރަން ފަށާއިރު، ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓު ކުރުމަށްފަހު ރެޖިސްޓަރީ ހަވާލުކޮށްފައި ނުވާ ގޯތިތަކުގެ ރެޖިސްޓަރީ އެ ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ގޯތިތައް ލިބުނު ފަރާތްތަކާ އެ ގޯތިތައް ދޫކުރި އިދާރާއަކުން ހަވާލު ކުރަންވާނެ ކަމަށެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުގައި މާލެ ރައްޔިތުންނަށް 9،003 ގޯތި ދޫކުރި އެވެ. ނަމަވެސް އޭގެތެރެއިން ބިން ލިބުނު ކަމުގެ ލިޔުން މިހައިތަނަށް ހަވާލު ކޮށްފައި ވަނީ 8،394 މީހުންނަށެވެ.

މިހާރުގެ ސަރުކާރުން ވަނީ ބިން ލިބުނު ކަމުގެ ލިޔުން ނުލިބޭ މީހުންނަށް ލިޔުން ހަވާލު ކުރުމަށް އިތުރު ފުރުސަތެއް ދިނުމަށް ނިންމައިފަ އެވެ.

ބިންވެރިޔާ ސްކީމުގެ މަސައްކަތްތައް ހުއްޓުނީ ވެރިކަން ބަދަލުވުމާ ގުޅިގެންނެވެ. ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލު ކުރަންޖެހޭ ބިލު މިއަދު ފާސްކުރި ނަމަވެސް އެއަށް އަމަލު ކުރަން ފަށާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލު ތަސްދީގު ކުރައްވައި ގެޒެޓު ކުރުމާ ހަމައިންނެވެ.