ރަށްތަކާއި ބިންތައް ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަށް ވައުދު ވުމަށް ފަހު، ކައުންސިލް ތަކުން ބިންވެރިކަމުގެ ހުރިހާ ބާރެއް ނިގުޅައިގަނެ، އެޓޯލް މިނިސްޓަރަށް ހުރިހާ ބާރެއް މުއިއްޒު ދީފި! އަނިޔާވެރި ކަމުގައި ހައްދެއް ނެތް!

2008 ވަނަ އަހަރުން ފެށިގެން ފެހި ގާނޫނު އަސާސީގެ ދަށުން ބިން އެކި ކަންކަމަށް އެކަށައަޅައި، ބޭނުން ކުރުމުގެ ބާރު ކައުންސިލްތަކަށް ވަނީ ދީފައެވެ. ރައްޔިތުން މަޖިލީހަށް މުއިއްޒު ހުށައަޅާފައިވާ ބިމާއި ބެހޭ ބިލުން މި ހުރިހާ ބާރެއް ކައުންސިލް ތަކުން ވަނީ ނިގުޅައިގަނެފައެވެ.

ވެރިކަމަށް އައުމަށްޓަކައި މުއިއްޒު ވަނި ކޮންމެ ކައުންސިލަކަށްވެސް އެރަށެއްގެ ބިން މިލްކު ކޮށް ފުރިހަމަ ކުރުމުގެ ބާރު ޤާނޫނަކުން ދޭނެ ކަމަށް ވިދާޅުވެ ވައުދު ވެފައެވެ. މުއިއްޒު ކެމްޕެއިނުގައި ދެއްކި ވާހަކައާއި ސީދާ ޚިލާފާށް، މަޖިލީހަށް މުއިއްޒު ފޮނުވާފައިވާ ބިލުގައި އެބާރު ވަނީ، ކައުންސިލްތަކުން އަތުލައި، އެޓޯލް މިނިސްޓަރަށް ބަދަލުކޮށްފައެވެ.

މި ބިލަށް ބަލާލާއިރު:

ކުޑަމިނުން ބިން ރަޖިސްޓްރީ ކުރުމުގެ ބާރު ވެސް ކައުންސިލަށް ނުދީ، އެ ބާރު އަތުލައި، އެއީ ރަޖިސްޓްރާ އެޓޯލް މިނިސްޓްރީ އިން ކުރާ ކަމެއް ގޮތަށް މުއިއްޒު ވަނީ ބަދަލު ކޮށްފައެވެ. އެހެން ކަމުން މިހާރު ކައުންސިލަރުން މި ދޫކުރާ ބިންތަކުގެ ރަޖިސްޓްރީވެސް ކައުންސިލަށް ހަދައި ދިނުމުގެ ބާރެއް ނެތެވެ. ކައުންސިލަށް ކޮށް ދެވޭނެހާވެސް ކަމަކީ ހަމަ އެކަނި ގޯތީގެ ކަޑަ ޖަހައި ދިނުމެވެ.

ރަށްރަށުގެ ބިންތައް އެކި ކަންކަމަށް އެކަށައެޅޭނީ ރައީސުލްޖުމްހޫރިއްޔާ އަށް ކަމަށް މި ބިލްގައި ވާއިރު، މިއީ ލާމަރުކަޒީ ޤާނޫނައި ވެސް ޚިލާފަށް މުއިއްޒު ހުށައަޅާފައިވާ ބިލެކެވެ. ލާމަރުކަޒީ ޤާނޫނުގެ 22 ވަނަ މާއްދާގައި ވަނީ ކައުންސިލް އިޤްތިޞާސުތަކުގެ ތެރޭގައި އެކި ގޮތްގޮތުން ހިމެނޭ ބިންތަކާއި، ލޭންޑް ޔޫސް ޕްލޭން އާއި، ރަށްރަށުން އެކުލަވާލާ އެރަށް ރަށުގެ ތަރައްޤީގެ ޕްލޭނާއި އެއްގޮތް ވާ ގޮތުގެ މަތިން، އެކި ބޭނުން ތަކަށް އެކަށައަޅައި ކުއްޔަށް ދިނުމާއި ބޭނުން ކުރުމުގެ ބާރު އޮތީ ކައުންސިލަށް ކަމެވެ. ނަމަވެސް މި ބާރު ނިގުޅައިގަނެ، އެ ބާރަކީ މުއިއްޒުގެ އަތް މަތީގައި އޮންނަ އެއްޗަކަށް މި ބިލުން ވަނީ ބަދަލު ކޮށްފައެވެ. މިއީ ރަށް ރަށުން ކުއްޔެއް ބިމެއް ދޫކުރިއަސް މުއިއްޒުގެ ޖީބަށް އެއިން ޚަރާން ފައިސާ ނުވަންނަ ގޮތަކަށް އެތަންތަން ދޫނުކުރުމަށް މުއިއްޒު ކޮށްފައިވާ ކަމެކެވެ.

މުއިއްޒު ވަނީ މާލޭ ސިޓީ ކައުންސިލާއި ހަވާލުވެ ހުރެ، ރިޝްވަތު ނަގައިގެން ކައުންސިލްތަކުގައި ހުރި ބިންތަކާއި، ގުދަންތަކާއި ތަންތަން 2000-5000ރ ދެމެދު ކުޑަ އަގަކަށް ގޭންގުތަކަށާއި އެކި ފަރާތްތަކަށް ދޫކޮށްފައެވެ. މިއިން ކޮންމެ ބިމަކީ ކުއްޔަށް އެތައް ލައްކަ ރުފިޔާއެއް އަރާ ބިންތަކެކެވެ. މީގެ އިތުރުން ޕާކިންގ ސްލޮޓްތައްވެސް ވަނީ ފައިސާ ނަގައިގެން އެތައް މިލިއަން ރުފިޔާއެއްގެ ފައިދާއާއި އެކު، މުއިއްޒު ވިއްކާފައެވެ. މިހާ ކޮރަޕްޓް ނުބައި މީހެއްގެ އަތްދަށަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ބިންތައް ދިޔުމަކީ މުޅި ޤައުމަށް އޮތް ބޮޑު ނުރައްކަލެކެވެ.

މިބިލުން ރައްޔިތުން އެމީހުންގެ އުފަން ބިމުގައި އުޅުމުގެ ބާރު ވަނީ ކަނޑުވާލާފައެވެ.

މުއިއްޒުގެ މި ބިލުގެ 55 ވަނަ މާއްދާގައި ވަނީ، ބަންޑާރަ ބިންތަކުގެ ފުރިހަމަ ބާރުވެސް ލިބިގެން ވަނީ އެޓޯލް މިނިސްޓަރަށް ކަމަށެވެ. އަދި އެފަދަ ބިންތައްވެސް ދޫކުރެވޭނީ އޯޓޯލް މިނިސްޓަރގެ ބެލުމުގެ ދަށުން ކަމަށް ވަނީ ކަނޑަޅާފައެވެ. ދިރިއުޅުމަށް ގޯއްޗެއްވެސް ދެން ލިބޭނީ މުއިއްޒު ބޭނުން މީހަކަށް ހެދުމަކީ ޚުދުމުހުތާރުކަމާއި އަނިޔާވެރިކަން ހައްދުފަހަނަ އަޅައި ދިޔުމެވެ.

މީގެ އިތުރުން މި ބިލުގައި ވާގޮތުން ނަމަ، ބަންޑާރަ ބިމެއް މަސައްކަތަށް މީހަކަށް ދިނަސް އެއިން މުއިއްޒުގެ ޖީބަށް ޚަރާން ފައިސާ ނުވަދެ ނުދާނޭހެން މިކަންވެސް މިވަނީ ބަދަލުކޮށްފައެވެ.

އަދި މިހާ ހާލުހުގައި ދިރިއުޅެން ލިބޭ ގޯތިވެސް، އެތަން 5 އަހަރު ތެރޭ އިމާރާތް ކޮށް، ދިރިއުޅުމަށް ބޭނުން ނުކުރާ ނަމަ، އެތަން އަތުލާނެ ކަމަށް ވެސް މި ބިލުގައިވެއެވެ. މިއީ އާންމު ރައްޔިތުން ސަރުކާރުން ދޫކުރާ ލޯނުތައް ނަގައި ދަރަނިވެރިވެ، އޭގައި އަޅުވެތި ކުރުމަށާއި، ބަންޑާރަ ގޯތި މީހުން އަތުން އަތުލައި، އެތަންތަން ވިއްކުމަށް މުއިއްޒު ރާވައިގެން ބިލުގައި ހިމަނާފައިވާ މަކަރުވެރި ނުކުތާއެކެވެ. ރާއްޖޭގެ ކޮންމެ މީހަކަށްވެސް ރަނގަޅަށް އެނގޭނޭހެން ބަންޑާރަ ބިމެއްގައި ފައިސާ އޮތް މީހަކަށްވެސް 5 އަހަރުތެރޭ އެކަށޭނެ ފެންވަރެއްގެ ގެއެއް އަޅައިގެން ދިރިއުޅުމަކީ ގިނަފަހަރަށް ދަތި ކަމެކެވެ.

ރާއްޖޭގެ ބިންތައް އަގު ކުރެވޭނީވެސް، އެޓޯލް މިނިސްޓްރީއިން ކަނޑައަޅާ ޗީފް ވެލުއަރ އެއް ކަމަށް މި ބިލުގައި ވުމުން، ބިމުގެ ހައްޤު އަގު ގެއްލި، ބިން ގަންނަ ފަރާތްތަކަށް ނުހަނު ބޮޑު އަގުގައި ބިން ގަންނަން މަޖުބޫރުވެ، އެކަމަށްވެސް ކޮރަޕްޝަނާއި ނާޖާއިޒު މަންފާ ނުވަދެ ނުދާނޭ ގޮތް މުއިއްޒު މި ވަނީ ހަދާފައެވެ.

މުއިއްޒު މި ބިލް ލިޔެފައިވަނީ ގިނަ އަދަދެއްގެ ބޭރު ބަސްތައް ބޭނުން ކޮށްގެން ކަމުން، އާންމު މީހާއަށް ބިލުގައި ބުނާއެއްޗެއް ފަހުމް ނުވެ، ބިލާ ބެހޭ ޤާނޫނުން ލިބޭ ނިކަމެތި ކަމާއި އެކު، އިތުރު ޙައްޤެއް ހޯދުމަށް އިންސާފުގެ ކުރިމައްޗަށް އާންމު މީހަކަށް ނުދެވޭ ވަރަށް ބިލުގެ މަސްމަގު އުނދަގޫ ކުރުމަކީ ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވެއެވެ.

މިވަރަށް މަރުކަޒުކޮށް ކައުންސިލްތައް ނިކަމެތި ކޮށްލުމަކީ މުއިއްޒަށް ލިބޭ ވަކިން ހާއްސަ ބޮޑު އުފަލެކެވެ. މާލޭ ސިޓީ ކައުންސިލް ނުކުޅެދޭ ތަނަކަށް މުއިއްޒު ހެދީ، މިނިސްޓަރަކަށް ހުންނަވައިގެންނެވެ. މިހާރު ރާއްޖޭގެ ހުރިހާ ކައުންސިލް ތަކެއް މުއިއްޒުގެ މުށުތެރެއަށް ލައްވާ ފިތާލައިގެން ނޫނީ، ވެރިކަމުގެ ބާރުތައް މުއިއްޒަށް ފުރިހަމައަށް ލިބުން ކަމުގެ އިހްސާސް އާއި އުފަލެއް ނުލިބެއެވެ.

ރައްޔިތުންގެ ޙައްޤުތަކަށް ޤާނޫނު ބަދަލުކޮށް މިވަރަށް އަރައި ގަތުމަކީ ރާއްޖޭގެ ވެރިއަކު ދުވަހަކުވެސް ކޮށްފާނެ ކަމެއް ކަމަށް މީގެ ކުރިން ހީވެފައިވާ ކަމެއް ވެސް ނޫނެވެ. މި އަނިޔާވެރިކަމާއި، ރައްޔިތުން ބިކަ ކުރުމުގެ ސިލްސިލާގެ މިއީ އަދި ކުޑަ ފެށުމެކެވެ. ރައްޔިތުން ފޭހުނު އިލޮށި ރައްޔިތުން ލޮލަށް ހެރިގެން ދާ މަންޒަރު މުއިއްޒު ބަލަން އިންނެވީ ރައްޔިތުން އޭނާ ނަގާ ބެހެއްޓި އުސް ތަހުތުގައި އިންނަވައިގެންނެވެ. ރައްޔިތުންނަށް މިއަދު ރައްދު ކުރަނީ މަލާމާތާއި ފުރައްސާރެވެ. ކުރަނީ ނިކަމެއްޗެވެ.