ހުޅުޖަހާނެކަމަށް ދިން އިންޒާރު ކުށްވެރި ކުރުމަށް ފަހު އަޅާނުލި! ކުޑަމިނުން ރާއްޖެ ޓީވީ އަށް ސެކިޔުރިޓީވެސް ފޯރު ކޮށް ދީފައި ނުވުމުން އިންޒާރުގެ ފަހަތުގައި ތިބީ ކޮން ބައެއް ކަމާއި މެދު ސުވާލު އުފެދޭ!

ރާއްޖެ ޓީވީ އަދި ޗެނަލް 13 ގައި ހުޅުޖަހާނެކަމަށް ދިން އިންޒާރު ކުށްވެރި ކުރުމަށް ފަހު އަޅާނުލިއެވެ. މިފަދަ އިންޒާރަށް ކުޑަމިނުން އަޅާ ލުމަކީ އިންޒާރު ލިބުނު ޓީވީ ސްޓޭޝަން ތަކަށް ސެކިޔުރިޓީ ހަމަ ޖައްސައި ދިނުމެވެ. ނަމަވެސް ސަރުކާރުން އިސްނަގައިގެން، ސެކިއުރިޓީ ފޯރުކޮށްދިނުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވުމުން އިންޒާރުގެ ފަހަތުގައި ތިބީ ކޮން ބައެއް ކަމާއި މެދު ސުވާލު އުފެދެއެވެ.

ޤަބޫލު ކުރެވޭ ގޮތުގައި ނޫސްތަކަށް އިންޒާރު ދީފައި ވަނީ، ރައީސް އޮފީހަށް ނޫސްވެރިން ފޯނު ވެއްދުން މަނާކޮށްގެން، ނޫސް ވެރިންނަކީ ޓެރަރިސްޓުން ފަދަ ނުރައްކާތެރި ބައެއް ގޮތުގައި މުއިއްޒުގެ ސަރުކާރުން ސިފަކުރުމުންނެވެ. އަދި ނޫސްތައް ބްލޮކް ކޮށް، މީގެ އިތުރުން، ނޫސްތަކަށް އެކި ސިފަ ސިފާގައި މުއިއްޒު މީޑިޔާގައި ދީފައިވާ ހަމަލާތަކާއި ގުޅިގެން މުއިއްޒުގެ ސަޕޯޓަރުން، ނުވަތަ މުއިއްޒުގެ އަނިޔާވެރިކަން ދިފާއު ކުރާ މުއިއްޒުގެ އައުވާނުން ކޮށްފައިވާ ކަމެއް ގޮތުގައި ބެލެވެއެވެ.

އެހެންކަމުން މިއީ ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ބަލާނެ މައްސަލައެއް ކަމުގައި ނުބެލެވެއެވެ. އެހެން ކަމުން މިކަމުން ދިފާޢު ވުމަށް އެމްއެންޑީއެފް އިން މި ސްޓޭޝަން ތަކަށް ސެކިއުރިޓީ ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވާއިރު، އެކަން ނުކޮށް ހަމަލާ ދިނުމަށް ފުރުޞަތު ހުޅުވާލައިގެން މުއިއްޒު ހުރި ހުރުމަކީ އަލިފާން ޖެހުމަށް ސަރުކާރުން ދޭ ވަރަށް ބޮޑު ހިތްވަރެއް ކަމުގައި ނޫނީ ނުވެއެވެ.