ކަންނެލި ގަންނަ އެންމެ ދަށް އަގަކީ 80 ރުފިޔާ އަށް ހެދުމަށް, ބޮޑު ކަންނެލި މަސްވެރިންނަށް ވީ ވައުދުގެ މަތިން މުއިއްޒު ހަނދާން ނައްތާލައިފި! ސުޕަރ މެޖޯރިޓީ ކަށަވަރު ވުމާއެކު, ވީ ވައުދުތަކަށް ޚިޔާނާތްތެރިވުން މެކުހަށް!

ރައްޔިތުންގެ މަޖިލިހުގެ ސުޕަރ މެޖޯރިޓީ ވެރިކަންކުރާ ޕީއެންސީއަށް ލިބުމާއެކު, މުއިއްޒު ގެންދަވަނީ ރިޔާސީ އިންތިޚާބުގައި ވީ ގިނަ ވައުދުތަކުގެ މަތިން ގަސްތުގައި ހަނދާން ނައްތަވާލައްވަން ފައްޓަވާފައެވެ.

އޭގެ ތެރެއިން އެންމެ ޚާއްސަ ވައުދެއްގެ ގޮތުގައި މިހާރު ފާހަގަ ވަމުންދަނީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ކަންނެލި ގަންނަން ފަށައި، ރާއްޖޭގައި ކަންނެލި ގަންނަ އެންމެ ދަށް އަގަކީ 80 ރުފިޔާ އަށް ހެދުމަށް ޕީޕިއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ޑރ. މުއިއްޒު ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދެވެ.

ރާއްޖޭގައި ކަންނެލި ގަންނަ އެންމެ ދަށް އަގަކީ 80 ރުފިޔާ އަށް ހެދުމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ޑރ. މުއިއްޒު ވައުދުވެވަޑައިގެންނެވީ ފާއިތުވި 2023 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 19 ވަނަ ދުވަހު ފ. ނިލަންދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

އަދި ޖެހިގެން އައިރޭ މ. މުލަކުގައި ބޭއްވި ކެމްޕޭން ޖަލްސާގައިވެސް މުއިއްޒުވަނީ އެ ވައުދު ތަކުރާރު ކުރައްވާފައެވެ. އެ ޖަލްސާގައި ވާހަކަ ދައްވަމުން މުއިއްޒު ވިދާޅުވެފައިވަނީ މިފްކޯއިން ކަންނެލި ގަންނަ ގޮތަށް ހަމަޖައްސަވާނެ ކަމަށާއި, ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ކަންނެލި ގަންނަ އެންމެ ދަށް އަގު ކަނޑައަޅާނެ ކަމަށެވެ.

ރާއްޖޭގެ ކޮންމެ ފެކްޓްރީއަކަށް ވިޔަސް، އެއީ ޕްރައިވެޓް ފެކްޓްރީއަކަށް ވިޔަސް، ކަންނެލި ގަންނަ އެންމެ ދަށް އަގަކީ، 80 ރުފިޔާ އަށް ބަދަލު ކުރުމަށް އަދި އޭ ގްރޭޑް ކަންނެއްޔަކީ އެންމެ ދަށްކޮށް 100 ރުފިޔާ އަށް ހެދުމަކީ އަޅުގަނޑުމެންގެ  މަގްސަދުކަން އަޅުގަނޑު އިއުލާން ކުރަން.

މުއިއްޒު ވިދާޅުވި އެވެ.

އެހެންނަމަވެސް މަސްވެރިންނަށް މުއިއްޒު ވެވަޑައިގެންނެވި މި ވައުދުގެ މަތިން ހަނދާން ނައްތާލާ, ރައީސް މުއިއްޒު އިތުރުން ފިޝަރީޒް މިނިސްޓަރުވެސް އަދި މި ސަރުކާރުގެ އިސް އެއްވެސް އޮފިޝަލަކުވެސް, ބޮޑުކަންނެލީގެ ދަށް އަގެއް ކަނޑައެޅުމުގެ ވާހަކައެއް, އަދި މިފްކޯއަށް ބޮޑުކަންނެލި ގަންނަން މިސަރުކާރުން އެއްވެސް ޕްލޭނެއް ކުރަމުންދާކަމުގެ އިޝާރާތެއްހާ މިންވަރުވެސް ފާއިތުވު 5 މަސްދުވަހުގެ ތެރޭގައި ކޮށްފައެއް ނުވެއެވެ.

ފާއިތުވި މަޖިލިސް އިންތިޚާބުގައި ޕީއެންސީއަށް ލިބުނު ސުޕަރ މެޖޯރިޓީއާއެކު މުއިއްޒުވަނީ ރިޔާސީ އިންތިޚާބުގައި ވީ ވައުދުތަކުގެ މަތިން ހަނދާން ނައްތަވާލައްވާ, ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކުންވެސް ރައްޔިތުންނަށް އޮޅުވާލާ މަކަރާއި ހީލަތް ހައްދަވަން ފައްޓަވާފައެވެ.

އެގޮތުން މިމަހުގެ ކަރަންޓު ބިލް އޮޅުވާލައިގެން, ސްޓެލްކޯއިންވަނީ އަގު ބޮޑުކޮށް ގޭބިސީތަކަށް ބިލްކޮށްފައެވެ.

ރައީސް މުއިއްޒު ގެންދަވަނީ މަޖިލިސް އިންތިޚާބާއި ދިމާކޮށް ރައްޔިތުންގެ ވޯޓު ހޯދުމަށްޓަކާ ރައްޔިތުން ގުނބޯ ހެއްދުމަށް, މަޖިލިސް އިންތިޚާބުގެ ކުރިން ގެނައި ގިނަ ބަދަލުތައްވެސް އަލުން އިއާދަކުރަމުންނެވެ. އެގޮތުން އަންހެނެއްގެ ބަނޑު ކޮށްޓި ކަމުގެ ތުހުމަތު ކުރެވޭ, ޔާމިންގެ ދައުރުގައި މެލޭޝިއާގެ ހައިކޮމިޝަނަރުކަން ކުރެއްވި ފަހުމީއަށް އޮޅިގެން ވަޒީފާ ދެވުނުކަމަށް ބުނެ, މަޖިލިސް އިންތިޚާބުގެ ކުރިން ވަޒީފާއިން ވަކި ކުރުމަށްފަހު, މަޖިލިސް އިންތިޚާބު ނިމުމާއެކު މިއަދު ވަނީ އަލުން ވަޒީފާ ދީފައެވެ.