ޕެންޝަން އޮފީހުގެ ޗެއާމަން ޑރ. އަހުމަދު އިނާޒް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އިނާޒު އިސްތިުފާދެއްވާފައި ވަނީ ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ނަގަން މަސައްކަތް ކުރާ, 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގައެވެ.
އިނާޒްއަކީ ސަރުކާރުން ޕެންޝަން އޮފީސް މެދުވެރިކޮށްް ފައިސާ ޗާޕު ކުރަން އުޅޭ މައްސަލައިގައި އެ ބޯޑުން އިސްތިއުފާ ދެއްވި ތިން ވަނަ މެމްބަރެވެ. މީގެ ކުރިން ބޯޑު މެމްބަރު އަޝްރަފް ރަޝީދާއި އަހުމަދު ސަރުވަޝް އާދަމްވެސް ވަނީ އިސްތިއުފާދެއްވާފައެވެ.
އިނާޒު އިސްތިއުފާދެއްވާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްއެމްއޭ މެދުވެރިކޮށް 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް ހަދާ ސަރުކާރު ފައިސާ ޗާޕު ކުރަން މަސައްކަތް ކުރުމަކީ “އިގްތިސާދަށް މި ހާލަތުގައި ގެއްލުން ބޮޑު ނިންމުމެއް” ކަމަށެވެ. އިނާޒު ވިދާޅުވީ ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ނަގަން މަސައްކަތް ކުރާ ބޮންޑުގެ މައްސަލާގައި އެކަން ހައްލުކުރަން މަސައްކަތް ކުރެއްވި ކަމަށެވެ.
އެހެންމަވެސް ދިވެހި ދައުލަތުގެ މާލީ ހާލަތު ކަންބޮޑުވާ މިންވަރަކަށް ދަށަށް ދާ ދަނޑިވަޅެއްގައި ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ބޮންޑުގެ މައްސަލައިގައި ގިނަގުނަ މަޝްވަރާތަކުންވެސް ދެމެހެއްޓެނިވި ހައްލެއް ހޯދުނުކަމަށް ގަބޫލު ނުކުރެވޭކަމަށްވެސް އިނާޒު ވިދާޅުވިއެވެ.
” އެމްއެމްއޭ މެދުވެރިކޮށް މި މުއާމަލާތަށް ފައިސާ ހޯދުމަކީ އިގްތިސާދަށް މިހާލަތުގައި ގެއްލުން ބޮޑު ނިންމުމެއްކަމަށް ޓެކްނިކަލީ ގަބޫލްކުރެވޭތީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު ގެ ޗެއާރޕާސަން ކަމުން މިއަދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ.” އިސްތިފާދެއްވާ އިނާޒު ކުރެއްވި މެސެޖުގައި ވެއެވެ.
އިނާޒު ވިދާޅުވީ އޭނާގެ ދުއާއަކީ ދައުލަތުގެ މާލީކަންކަން މިއަދަށްވުރެ ހަރުދަނާވެ ދުރު ވިސްނުމުގެ ސިޔާސަތުތަކަކުން އިސްލާހުވެގެން ދިއުންކަމަށެވެ. އަދި ދަރަނީގެ އަނދަވަޅުން ދިވެހިރާއްޖޭގެ އިގްތިސާދު އަރައިގަނެ، ރާއްޖެ ދެމެހެއްޓެނިވި އުފެއްދުންތެރި ތަރައްގީގެ މަގަކަށް ރުޖޫއަވުމަށް އެދޭކަމަށްވެސް އިނާޒު ވިދާޅުވިއެވެ.






