ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅިގެން ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން އިދިކޮޅު ފަރާތްތަކަށް ހަމަހަމަ ފުރުސަތު ނުދޭކަމަށް ބުނެ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޕީއެސްއެމްއިން ބުނެފައިވަނީ އިންތިހާބަށް ހޭލުންތެރިކުރުވުމަށް މިވަގުތު އިސްކަންދެނީ ގާނޫނުއަސާސީ އިސްލާހުކުރި ރައްޔިތުންގެ ހާއްސަ މަޖިލިހުގެ މެމްބަރުކަން ކުރެއްވި ފަރާތްތައް މެދުވެރިކޮށް މައުލޫމާތު ގެނެސްދިނުމަށް ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތަކަށް އަރުވަމުންދަނީ ހަމައެކަނި ކުރީގެ މެމްބަރުންކަމަށް ބުނެ ޕީއެސްއެމްއިން ހަދަމުން ދަނީ ދޮގެވެ. އަދި ޕީއެސްއެމްގެ ގާނޫނުގައި ޕްރޮގްރާމްތައް ގެނެސްދޭން ޖެހޭނީ ހަމަހަމަ ކަމާއެކު ކަމަށް ބުނެފައި އޮތް ނަމަވެސް، އެ ކުންފުނިން އަމަލުކުރަމުންދަނީ ގާނޫނާ ޚިލާފަށް ކަމަށާއި އިދިކޮޅު އެއްވެސް ފަރާތަކަށް ފުރުސަތު ދެމުން ނުދާކަމަށް އެމްޑީޕީން ބުނެއެވެ.
މި މައްސަލައިގައި ޕީއެސްއެމްގެ އިސްވެރިންނާ ބައްދަލުކުރުމަށް އެމްޑީޕީން މަސައްކަތްކުރުމުން އެ ފުރުސަތު ލިބިފައިނުވާއިރު، އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ޕީއެސްއެމްއިން އެއްވެސް މީހަކު އިދިކޮޅު ޕާޓީއާއި ބައްދަލުކުރަން ބޭނުމެއް ނުވިއެވެ. ސަބަބަކީ އެ ކުންފުނިން ގާނޫނާ ޚިލާފަށް ހިންގަމުންދާ ކަންކަމަށް ކުންފުނީގެ ވެރިން ޖަވާބުދާރީވާން ބޭނުން ނުވުންކަމަށް އެ ފަރާތްތަކުން ބުނެއެވެ.
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބް އުމްރާގެ އަޅުކަމަށް ވަޑައިގެން ހުންނެވުމުން މިވަގުތު ބައްދަލުވުމެއް ހަމަޖައްސައިދެވެން ނެތްކަމަށް ޕީއެސްއެމްއިން ބުނެފައިވީ ނަމަވެސް، އިދިކޮޅު ފަރާތްތަކުން ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން، ދަރަނިވެރިވެފައި އޮތް ކުންފުންޏަކުން 80،000 ރުފިޔާގެ މުސާރައެއް ނަންގަވައިގެން، ހަލާލު ނޫން ފައިސާއިން ޚަރަދުކޮށްގެން އޭނާ އުމްރާއަށް ވަޑައިގަތުމަކީ ފިއްލެވުން ކަމަށް ސިފަކޮށް، އޭނާ ކުންފުނި ހިންގަވަމުން ދަނީ ގާނޫނާ ޚިލާފަށް ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.
މީގެ އިތުރުން ޝަކީބާއި ޕީއެސްއެމްގެ މިހާރުގެ ވެރިންނަށް ދައުވާކޮށް، އެ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރެވޭނެ ދުވަސް އަންނާނެ ކަމަށްވެސް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.






