އެމެރިކާގެ ހާއްސަ މަންދޫބަކު ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެން، އީރާނަށް ބޮން އެޅުމަށް ރާއްޖޭގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދައަށް މި ސަރުކާރުގައި އެދިއްޖެކަމުގެ މައުލޫމާތު ވަނީ ފެންމަތިވެފައެވެ. އެގޮތުން ޗާގޮސްގެ ޑިއޭގޯ ގާސިއާގެ އިތުރުން، އެމެރިކާއިން އީރާނަށް ބޮން އެޅުމަށް ރައީސް މުއިއްޒުގެ ސަރުކާރުގައި އެދިފައިވަނީ ރާއްޖޭގެ ކާޑެއްދޫ އެއަރޕޯޓު ބޭނުން ކުރުމަށެވެ. އެނގިފައިވާ ގޮތުގައި ރައީސް މުއިއްޒު ވަނީ މިކަމަށް މިހާރު ފެހި ސިގްނަލް ދެއްވާފައެވެ.
މި ނިންމުމަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. އީރާނަށް ބޮން އެޅުމަށް އެމެރިކާއިން ޑިއޭގޯ ގާސިއާ ބޭނުންކުރުމާ ގުޅިގެން، އީރާނުން ވަނީ ދާދިފަހުން އެ މަރުކަޒަށް ހަމަލާދީފައެވެ. އެހެންކަމުން، ކާޑެއްދޫ އެއަރޕޯޓު އީރާނަށް ބޮން އަޅަން ބޭނުންކުރާ އެއަރޕޯޓެއްގެ ގޮތުގައި ބޭނުން ކުރަން ފުރުސަތު ދީފިނަމަ، އީރާނުން ރާއްޖެއަށް މިސައިލް ހަމަލާ ދިނުމަކީ ޔަގީންކަމާ ގާތަށް ބެލެވޭ ކަމެކެވެ. މީގެ ސަބަބުން ރާއްޖެ ސީދާ އީރާނާއި އިސްރާއީލު އަދި އެމެރިކާގެ ހަނގުރާމައިގެ ތެރެއަށް ވަދެ، ގައުމު ބޮޑު ހަލާކެއްގެ ތެރެއަށް ވެއްޓިގެން ދިއުމުގެ ނުރައްކާ ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި އެ ގައުމުން ދެކުނު އަދި މެދުތެރޭ އޭޝިއާއަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު ސާޖިއޯ ގޯގެ މި ދަތުރުގެ މައިގަނޑު މަގުސަދަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އޮންނަ ގުޅުންތައް ބަދަހިކުރުމާއި ސަރަހައްދީ ރައްކާތެރިކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމެވެ. ނަމަވެސް މީގެ ފަހަތުގައި ވަނީ އަސްކަރީ ބޮޑެތި އެޖެންޑާތަކެއް ކަމަށް ބެލެވެއެވެ.
މީގެ އިތުރުން، އެމެރިކާގެ މަންދޫބުގެ މި ދަތުރުގައި ރާއްޖެއާއި އިސްރާއީލުގެ ގުޅުން ބަދަހިކޮށް އިސްރާއީލު ޕާސްޕޯޓު ރާއްޖޭގައި ހުއްދަ ކުރުމުގެ މަޝްވަރާ ކުރުމަށް ރައީސް މުއިއްޒު ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. މުއިއްޒު މީގެ ކުރިން އިސްރޭލު ޕާސްޕޯޓު މަނާ ކޮށްފައި ވީނަމަވެސް، އެކަން ކޮށްފައިވަނީ ޑުއަލް ސިޓިޒެންޝިޕް އޮންނަ ފަރާތްތަކަށް ރާއްޖެ އާދެވޭ ގޮތަށެވެ. މި އުސޫލުގެ ދަށުން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއަށްވެސް ރާއްޖެ އައުމުގެ މަގު ފަހިވެފައި އޮންނަކަން ފާހަގަ ކޮށްލެވެއެވެ.
ސާޖިއޯގެ މި ދަތުރު ދިމާވަނީ ރާއްޖެ އާއި އެމެރިކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ އެވެ. ރާއްޖެ އާއި ލަންކާއަކީ އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސަލާމަތަށް އެމެރިކާއިން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭ ދެ ބައިވެރިން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވާއިރު، މި “ސަލާމަތީ” ގުޅުމުގެ ނިވަލުގައި ރާއްޖެ މިސްރާބު ޖަހާފައިވަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ތެރެއަށެވެ.
ޑިއޭގޯ ގާސިއާ ފަދައިން ރާއްޖޭގެ އެއްވެސް ސަރަހައްދެއް އީރާނަށް ބޮން އެޅުމަށް ދޫކޮށްފިނަމަ، އަދި އޭގެ ރައްދުގައި އީރާނުން ރާއްޖެއަށް ހަމަލާއެއް ދީފިނަމަ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އެއްކޮށް ފުނޑުފުނޑުވެގެން ދާނެއެވެ. މިއީ ދިވެހިރާއްޖޭގެ އިގުތިސާދާއި ރައްޔިތުންގެ ފުރާނައަށް އޮތް އެންމެ ބޮޑު ނުރައްކަލެވެ.






