ޒަމީރު 3 މަސްތެރޭ 40 ގައުމަކަށް ދަތުރުކޮށް, ދަތުރުތަކަށް 20 މިލިއަން ރުފިޔާ ޚަރަދު ކޮށްފި, ދަތުރުތަކުން ދައުލަތަށް އެއްވެސް ފައިސާއެއް ހޯދާ ދެވިފައެއް ނެތް!

ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު, ހުއްޓުމެއްނެތި ފޮރިން މިނިސްޓަރ މޫސާ ޒަމީރު ރާއްޖެއިން ބޭރަށް ދަތުރު ކުރައްވަމުން ގެންދަވާއިރު, މިހާތަނަށް ދުނިޔޭގެ 40 ގައުމަކަށް ވަޑައިގެން, ޖުމްލަ 53 ދަތުރު ކުރައްވާފައިވާއިރު, މިއިން އެއްވެސް ދަތުރަކުން ދައުލަތުގެ މާލިއްޔަތަށް ލޯލާރިއެއްހާ މިންވަރުވެސް އިތުރު ވެގެން ގޮސްފައިވާ ނުވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

“ދިޔަވަރު އޮންލައިން”އަށް މައުލޫމާތުދިން ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި, ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު, ފޮރިން މިނިސްޓަރ މޫސާ ޒަމީރު ރާއްޖޭގައި ހުންނެވި ދުވަސްތަކަށްވުރެ ގިނައީ ރާއްޖެއިން ބޭރުގައި އުޅުއްވާފައިވާ ދުވަސްތައް ކަމުގައެވެ.

މިގޮތުން ފާއިތުވެދިޔަ 3 މަސްދުވަހުގެ ތެރޭގައި ޒަމީރު ކޮށްފައިވާ ދަތުރުތަކަށް ދައުލަތުގެ މާލިއްޔަތުން 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ. ފޮރިން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ, ޒަމީރު ކުރައްވާ ހުރިހާ ދަތުރެއްވެސް ކުރައްވަނީ ބިޒްނަސް ކުލާހުގަ ކަމަށާއި, ޓިކެޓްވެސް ނަންގަވަނީ އަގުހެޔޮ ރޫޓުތަކަށް ބައްލަވައިގެންވެސް ނޫންކަމުގައެވެ.

އަދި އޭނާ ވިދާޅުވީ, ޒަމީރު ވަޒީރުކަމަށް ވަޑައިގެންނެވުމުގެ ކުރިން ޔޫއޭއީގައި ދިރިއުޅުއްވާފައިވާތީ, ކުރައްވާ ކޮންމެ ދަތުރެއްގައިވެސް ދުބާއީގައި މަޑުކުރައްވަން ބޭނުންފުޅުވާ ކަމަށާއި, އެގޮތަށް ދަތުރު ކުރައްވަން ހައްދަވައިގެން ދަތުރު ކުރައްވަނީވެސް އެންމެ އަގުބޮޑު އެއަރލައިންތަކުން ކަމުގައެވެ.

ޔޫއެއީގައި އެންމެ ގިނައިން ސްޓޮޕްއޯވާ ހަދާ އެއް އެއަރަލައިންއަކީ ގަތަރު އަދި އެމިރޭޓްސް އެއަރލައިންއެވެ. އެއީ ދުނިޔޭގެ އެންމެ އަގުބޮޑު އެއަރލައިންތައްކަންވެސް ފާހަގަ ކޮށްލެވެއެވެ.

ޚާރިޖީ ވަޒީރުންނަކީ ގައުމުން ބޭރަށް ދަތުރުކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅުން ކަމަށްވިނަމަވެސް, ޚާރިޖީ ވަޒީރުންގެ ދަތުރުތަކަށް ދައުލަތުގެ މާލިއްޔަތުން ބޮޑު ޚަރަދެއްވެސް ދިއުމާއެކު, ގައުމަށް މާލީ އެހީތެރިކަން ހޯދާދިނުމަކީ ޚާރިޖީ ވަޒީރުންގެ ވަރަށްބޮޑު މަސްއޫލިއްޔަތެކެވެ.

އެގޮތުން ކުރީގެ ޚާރިޖީ ވަޒީރު ޝާހިދު ގައުމުން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި ދައުލަތަށް ހޯއްދަވާ ދެއްވާ މާލީއެހީތެރިކަމުގެ ތަފްސީލުތައް ވަނީ އާންމު ކުރައްވަމުން ގެންދަވާފައެވެ.

އެހެންނަމަވެސް ޒަމީރުގެ ދަތުރުފުޅުތަކަށް ދައުލަތުން ބޮޑު ހޭދައެއް ކުރަމުންދާއިރު, މީގެތެރޭގައި ހިމެނޭ ގިނަ ދަތުރުފުޅުތަކަކީ ގައުމަށް އެއްވެސް ފައިދާއެއް ނެތް ދަތުރުފުޅުތައްކަން ފާހަގަ ކޮށްލެވެއެވެ.