ޗައިނާގެ އެމްބަސަޑަރ، އެމްޑީޕީއިން މަޖިލީހަށް ހޮވޭނެ ކަމަށް ލަފާ ކުރެވޭ ކެންޑިޑޭޓުންނަށް ގުޅައި، ފައިސާ ހުށައަޅަން ފަށައިފި!

ޗައިނާގެ އެމްބަސަޑަރ، އެމްޑީޕީއިން މަޖިލީހަށް ހޮވޭނެ ކަމަށް ލަފާ ކުރެވޭ ފަރާތްތަކަށް ގުޅައި، ފައިސާ ހުށައަޅަން ފަށައިފިއެވެ. އެމްޑީޕީ ކެންޑިޑޭޓުން ނަށް ގުޅަމުން ދަނީ ސީދާ އެމްބަސަޑަރ އަމިއްލަ ފުޅަށެވެ. ދިޔަވަރު ނޫހަށް މައުލޫމާތު ދިން ކެންޑިޑޭޓުން މިކަމާއި ހިތްހަމަ ނުޖެހި، ޗައިނާގެ ނުފޫޒު ޕާލިމެންޓް ތެރެއަށް ފޯރުވުމަށް މި ކުރަމުންދާ މަސައްކަތް ކުށްވެރި ކުރެއްވިއެވެ. އަދި ޤައުމުގެ ސަފީރެއް ރިޝްވަތު ހުށައެޅުން ކަމަށް ބެލެވޭ މިފަދަ އަމަލެއް ހިންގައި، އަމިއްލަފުޅަށް ގުޅައި މިހިސާބަށް ދިޔުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ކެންޑިޑޭޓެއް ދިޔަވަރު ނޫހަށް ކިޔައި ދެއްވިއެވެ.

ޗައިނާއިން ދަނީ ޗައިނާ އާއި މާ ދުރުގައި އޮތް ދިވެހިރާއްޖޭގެ ސިޔާސީ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވައި، ރާއްޖޭގެ ސިޔާސީ މަސްރަހު ޗައިނާ އަށް ފައިދާ ވާނެ ހެން، ބައްޓަން ކުރުމަށް ނުފުޒާއި، ފައިސާ ބޭނުން ކުރަމުންނެވެ. އިންޑިޔާ އާއި ދެކޮޅަށް ރާއްޖޭގައި ހިންގި ހަރަކާތް ކުރިއަށް ގެންދިއުމުގައި ޗައިނާގެ ދައުރެއް އޮތް ކަމަށް އޭރު އެކި ފަރާތްތަކުން ތުހުމަތު ކޮށްފައި ވެއެވެ.

ޤައުމިއްޔަތު ހިފެހެއްޓުމުގެ ނަމުގައި ވެރިކަމަށް އައިސް، މުއިއްޒު ވަނީ، ޗައިނާއަށް ފައިދާ ވާހެން އަދި ރާއްޖެއަށް އިޤްތިޞާދީ ގޮތުން ބޮޑެތި ގެއްލުން ވާހެން، އަދި ރާއްޖޭގެ މުހިންމު ސަރަހައްދުތައް ޗައިނާއަށް 99 އަހަރަށް ލިބޭހެން ޕްރޮޖެކްޓްތައް ޗައިނާއާއި ދާދި ފަހުން ލ. އަތޮޅުން ހަވާލު ކޮށްފައެވެ.

ޤައުމިއްޔަތުގެ ނަމުގައި ދިރުވަމުން ދަނީ ޗައިނިއްޔަތެވެ. ދިވެހިންނަށް ހިންގޭ ކުޑަކުޑަ ޕްރޮޖެކްޓްތައްވެސް ދަނީ ޗައިނާއަށް ދެމުންނެވެ. އަދި މީގެ އިތުރުން، ފައިސާ ހޯދައިގެން ދިވެހިރާއްޖެއަށް އެއިން މަންފާ ވާހެން ހިންގަންޖެހޭ ޕްރޮޖެކްޓްތައް ދަނީ ރާއްޖެއަށް ކުރިއަށް އޮތް 99 އަަހަރަށް ގެއްލުން ވާނެހެން ޗައިނައަށް ދެމުންނެވެ.

ޗައިނާއަށް ރާއްޖޭގެ އިސްތިޤްލާލުގެ މައްޗަށް ލިބިފައިވާ ބާރު ދެމެހެއްޓުމަށް އެމްޑީޕީގެ މަޖިލީހެއް އައުމަކީ ހުރި ގޮންޖެހުމެކެވެ. އެހެންކަމުން ޗައިނާގެ މަސްލަހަތު ހިމާޔަތްކޮށް ރާއްޖޭގެ އިސްތިޤްލާލުގެ މައްޗަށް ޗައިނާ އަތްގަދަކޮށްފައިވާ މިންވަރު ހިފަހައްޓައި އިތުރުކޮށް، ރާއްޖޭގެ މައްޗަށް އޮތް ނުފޫޒު ވަރުގަދަ ކުރުމަށް އެމްޑީޕީ ކެންޑިޑޭޓުންނަށް އެމްބަސަޑަރ އަމިއްލައަށް ގުޅަން ޖެހުމަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުހަނު ބޮޑު ނުރައްކަލެކެވެ.

ޗައިނާގެ ސަރުކާރަކީ މުސްލިމުންނާއި ދެކޮޅު، އިސްލާމް ދީނަކީ ނަފްސާނީ ބައްޔެއް ކަމުގައި ބުނެ، ޗައިނާގެ އެތައް މިލިއަން މުސްލިމުންނެއް، ރީއެޑިޔުކޭޝަން ކޭމްޕްތަކުގައި ބަހައްޓައިގެން ދީން ދޫކޮށްލުމަށް މަޖުބޫރުކޮށް އަނިޔާ ކުރަމުންދާ އެ ގައުމުގެ މުސްލިމުންގެ މައްޗަށް ތިބި އަދުއްވުންތަކެކެވެ.