އުޑުގަ ޖެހިފަ ބިމުގަ ޖެހިފަ މުއިއްޒު ތި ހައްދަވަނީ ރޯބުހުތާނު ދޮގު

އަޅުގަނޑަކީ ދޮގު ހަދާ މީހެއް ނޫނޭ ހަމަ ހަގީގަތުގައި ވެސް މި ހަދަނީ ތެދޭ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވާ ކޮންމެ ފަހަރަކު ގައިން ހީބިހި ނަގައި ބިރުގަނެއެވެ. ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދާނުދީ ކަޓު ނަގަން ހަތް އަހަރު ހައުސިން މިނިސްޓަރު ކަމުގައި ދެ އަހަރު މާލޭގެ މޭޔަރު ކަމުގައި އަދި ރިޔާސީ އިންތިހާބުގައި އެސްފިޔަ ޖަހާނުލައި ހެދިހާ ބުހުތާނު ދޮގުތަކުގެ ވާހަކަ ފަށާނީ ކޮން ހިސާބަކުން ކަމާ މެދުގައެވެ.

ދައުލަތަށް ބޮޑު ގެއްލުމެއްދީ އަމިއްލައަށް މަންފާ ހޯދި ނޫމަޑި ހިޔާނާތާ ހަމައިން ހެއްޔެވެ؟ އިންޓެލިޖެންސް ރިޕޯޓާއި އެސީސީއިން ތަހުގީގުކުރަމުންދާ އެ މަނިކުފާނުގެ އަމިއްލަ އެކައުންޓަށް ވެއްދި ފައިސާތަކާ ހިސާބުން ހެއްޔެވެ؟ މޭޔަރު ކަމުގައި މާލޭގެ މަގުތައް ވިއްކައިގެންނާއި ވެރިކަމަށް އަންނަން ބަޣާވާތްކުރަން ނުފޫޒުން މާލޭ ސިޓީ ކައުންސިލުން ވަޒީފާ ދީގެން ގެންގުޅުނު މީހުން ލައްވައި ހިންގުވި ޖަރީމާތަކުން ހެއްޔެވެ؟ ނޫން ނަމަ މި ގައުމުގައި ހަތިޔާރު އެޅި އެތައް ހާސް ސިފައިން ތިބި ކަމަށާއި ދިވެހި މަސް ކަނޑު ވިއްކައިފި ކަމަށާއި އެ ބައި ހޯދާނެ ކަމަށް ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ހެދިހާ ދޮގުގެ ވާހަކައިން ހެއްޔެވެ؟

ނޫން ނަމަ ރައީސް ޔާމީންގެ ނަމާއި ފޮޓޯ އިން ހޯދި ހަމްދަރުދީން ވޯޓު ހޯދައިގެން ވެރިކަމަށް އައިސް އެމަނިކުފާނު ބާކީކޮށްލައި ޕާޓީ ދަމައިގަނެ ލީޑަރުންނަށް މަގާމާއި ފައިސާގެ ނުފޫޒުގައި ޖައްސައި އަނިޔާވެރިވީ ދޮގުތަކުން ހެއްޔެވެ؟ ޕީޕީއެމް ކަފުންކޮށް ޕީއެންސީން ހުޅުވާލި ޕްރައިމަރީގައި ޓިކެޓް ހޯދި ކެންޑިޑޭޓުންނާއި ދާއިރާތަކާއި ތާއީދުކުރާ މީހުންގެ ހައްގަށް އަރައިގަނެ މަނިކުފާނު ބޭނުންވާ މީހަކަށް ތާއީދުކޮށް ކެމްޕޭންކޮށް ވަމުންދާ އަނިޔާއާ ނިގުޅައިގަންނަމުންދާ ހައްގުތަކުގެ ވާހަކައިން ހެއްޔެވެ؟

ނަމާދުގެ ފޮޓޯ ވީޑިއޯ އާއްމުކުރަމުން ދެއްކުންތެރިކަމާ އެކު ދީނީ ކާޑު ކުޅެވިދާނެއެވެ.

ނިކަން ބައްލަވާށެވެ. އެތައް ކެންޑިޑޭޓުން ބައިވެރިވި ޕްރައިމަރީއަކުން ޕީއެންސީގެ ޓިކެޓް ހޯދި މީހުން އެ ތިބީއެވެ. ރަށްރަށުގައި އެ ކެންޑިޑޭޓުން ކެމްޕޭން ކުރަމުން ދަނިކޮށް މިވެނި މީހަކީ ޕީއެންސީ ސަރުކާރުގެ ކެންޑިޑޭޓު ކަމަށް ދައްކައި ކެމްޕޭން ކުރަމުން ދަނީ މަނިކުފާނު ނޫންތޯއެވެ. މަނިކުފާނުގެ ބާރު ނުފޯރުވޭ ޕީއެންސީ ކެންޑިޑޭޓުން އެކަހެރިކުރުމަށެވެ. ލޯ ކުރިމައްޗަށް ފެންނަ ގޮތަށް ހެދޭނެ މިއަށް ވުރެން ބޮޑު ދޮގަކާއި އޮޅުވާލުމެއް ދައްކަބަލާށެވެ. މަނިކުފާނު ޕާޓީއަށް ދާއިރާތަކުގެ ރައްޔިތުންނަށް ޓިކެޓް ލިބުނު ކެންޑިޑޭޓުންގެ ހައްގަށް ތި އަރައިގަންނަނީ ނޫން ހެއްޔެވެ؟ މިވެސް ޕީއެންސީގެ އަސާސީ ގަވައިދުގައި ލިޔެވިފައި އޮތް ގޮތަށް ހަދާ ސީދާ ތެދެއް ހެއްޔެވެ؟

މަޖިލިސް ލިބިގެންނޭ މިވެނި ކަމެއް ކުރެވޭނީ ރައްޔިތުންނަށް އޮޅުވާލަމުންދާއިރު އެންމެ ގާތުން ހައްގުތައް ނިގުޅައިގަތުމުގެ ނަމޫނާ ދެއްކެވީ ކީއްވެގެންކަން ދާއިރާގެ ރައްޔިތުންނަށް ނިކަން ވިދާޅުދެއްވަބައްލަވާށެވެ. މިކަމުގައި އެންމެ ތެދެއް ހައްދަވައި ދެއްވާށެވެ.

ވެރިކަމުގެ 100 ދުވަސް ނުވަނީސް ސަރުކާރަށް ތާއީދު ގެއްލިއްޖެ ކަން އެނގިވަޑައިގެން ހުންނަވައި, ޕޯޑިއަމްގައި ރުޅިން ރަތްވެފައި ހުންނަވައިގެން އަޅުގަނޑަކީ ދޮގު ހަދާ މީހެއް ނޫނޭ ވިދާޅުވަނީ ލިޔެކިޔުމުން ފެންނާން އޮތް, އިންސާނުން ހެކިވާން ތިބި ދޮގު ދޮލަނގު ބޮލަށް ލައިގެންނެވެ. އުޑުގަ ޖެހިފައި ބިމުގައި ޖެހުނަސް ދެއްކޭނެ އެއްޗެއް ނޯންނާނެ ކަމަށް ވިދާޅުނުވާށެވެ.

ފުލުސް އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ކޯޓުތަކުގައި މަނިކުފާނު އަމަލުކުރެއްވި ގޮތުގެ ލިއުންތައް އެބަހުއްޓެވެ. ނިޒާމުގެ ތެރެއިން މަނިކުފާނު ގައިގައި އަތްލިޔަނުދީ އުނދުޅި ބާނައިގެން ހުންނެވުމަކީ އެއީ އެކަން މަނިކުފާނު ނުކުރުމެއް ނޫނެއް ނޫންތޯއެވެ.

އެ މީހަކަށް ލިބުނު ތަނަކުން ގޯތިދީ އެއްވެސް މީހެއްގެ އަތުން އަތުނުލައި ސަރުކާރުން ދީފައި އޮތް ލިއުމާ އެއްގޮތަށް ފްލެޓް ދޭނަމޭ މި ވިދާޅުވަނީ ލައިވްޓީވީގައި ނޫން ހެއްޔޭ ކެމްޕޭންގައި ވިދާޅުވެ ވެރިކަމަށް އައިސް އެކަމުގައި ކިތައް ދޮގު ހައްދަވައިފިންތޯ އަމިއްލައަށް ގުނާ ލައްވާށެވެ. ފްލެޓް ލިބުނު މީހުން ރޮއެ އާދޭސްކުރާއިރު ތިއޮތީ މަނިކުފާނު ހިޔާ ފްލެޓް ނުހައްގުން ބަހާލި އުސޫލުން ކުރީ ސަރުކާރުން ނިންމި ގެދޮރުވެރިޔާ ފްލެޓުތައް ވެސް ބަހާލަން ބޭނުންވާ މީހުންގެ ނަންތައް ޖަހައިގެން ލިސްޓު ހަދާފައި ނޫން ހެއްޔެވެ؟ ނޫން ނަމަ އޭސީސީއަށް ނުފޫޒު ފޯރުވައިގެން ފްލެޓްތައް ނުދީ ދިގު ދަންމައި ލަސްކުރުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟ އެ މީހުންނަށް ނެތް ގާނޫނީ ބާރަކުން މީހުންގެ ހައްގުތަކަށް އަރައިގަތީ މަނިކުފާނުގެ އަމުރަށެވެ.

ފްލެޓާއި ގޯތި ވެސް ދިނީ ގޯހުންނޭ ވިދާޅުވާއިރު ހަމައެކަނި ފްލެޓުތައް ގާނޫނުގައިވާ ގޮތަށް ދޭން ބޭނުންވަނީއޭ ތި ވިދާޅުވަނީ މަނިކުފާނުގެ އަނބިކަނބަލުންނަށް ގޯތި ލިބިފައި އޮތުމުން އެއާ ނުބެހޭނެ ވެގެންނެވެ. ނޫން ނަމަ ވަކި ކަމެއް ގާނޫނުގެ ތެރެއަށް ވައްދައި އަނެއް ކަމެއް ގާނޫނާ ޚިލާފަށް ދޭނީއޭ ވިދާޅުވުމުގެ ބޭނުމެއް ނެތެވެ.

އިންޑިއާގެ އެތައް ހާސް ސިފައިން ފޮނުވާލުމުގެ ވައުދު ފުއްދަވައިފީމޭ ވިދާޅުވާ އިރު އެ ވެސް ބޮޑު ދޮގެކެވެ. އޭރުގެ ތިބި ބަޔަކު ވެއްޖިއްޔާ މިހާރުވެސް އެތިބީއެވެ. ބޭލީ އެ މީހުންގެ ޔުނީފޯމެއް ނޫން ހެއްޔެވެ.

ފޮރުވާނެ އެއްޗެއް މަނިކުފާނު ސަރުކާރުގައި ނޯންނާނެ ކަމަށް ވިދާޅުނުވަމުތޯ އެވެ. އިންޑިއާ ސިފައިންގެ ޔުނިފޯމު ބޭލި އެއްބަސްވުން ހާމަކުރަން ނުކެރިގެން އުޅެނީ ތި ހައްދަވަނީ ހަމަ ތެދެއްވީމަތޯއެވެ. ރާޖޫއަށް ބިން ދިން އެއްބަސްވުން ހާމަކުރައްވަން ކެރިވަޑައިނުގަތެވެ. އެއީ ދައުލަތުގެ ބޮޑު ސިއްރެކެވެ. ޗައިނާއާއާއެކު ވީ އެއްބަސްވުން ހާމަކުރަން ތިހުންނަވަނީ ބިރުން ހުމާއެވެ.


މި ސަރުކާރަކީ ޖަވާބުދާރީވާނެ ސަރުކާރެއް ކަމަށް އަޑަށް ބާރުލާފައި ވިދާޅުވެ ޑްރާމާ ކުޅެން ހާދަހާވާ މޮޅެވެ. މަނިކުފާނު ބޭނުންވާ ސުވާލު ލިޔެ މީހުންގެ އަތަށް ދީގެން ޖަވާބު ދިނުމަކީ ކަންކަން ފޮރުވައި މަތި ޖެހުމެވެ. އާރުޓީއައި ލައިގެން ޖަވާބު ނުދޭއިރު ތަރުޖަމާނަކު ނުދައްކަނީ މީޑިއާގެ މިނިވަންކަން ނިގުޅައިގަންނަން ނޫން ހެއްޔެވެ؟ މަނިކުފާނު އަމިއްލަ ޖީބުންނާއި ދައުލަތުގެ ކުންފުނިތައް ލައްވައި ސްޕެންޑުކުރާ ނޫސްތައް ގިނަކަމުން މި ސަރުކާރުގެ މޫނުމަތި އޮމާންކުރުމުގައި ބައިތިއްބައިގެން މަތިއޮމާންކޮށްގެން ތިއްބެއް ކަމަކުން ރައްޔިތުންނަށް އެނގެ އެވެ.

އާރުޓިއެލް މިވެނި އަތޮޅެއްގައި ބާރު ސްޕީޑުގައި ފަށައިފީމޭ ގުޅިފަޅު ބާރު ސްޕީޑުގައި ހިއްކައިފީމޭ މަޝްރޫއުތަކުގެ ސްޕީޑު ބާރުކޮށްފީމޭ ހުޅުމާލޭގައި އިމާރާތްކޮށް ނިމެން ކައިރިވެފައި ހުރި ޓަވަރުތައް އެޅުމުގެ ސްޕީޑު ބާރުކޮށްފީމޭ މިއީ ނަތީޖާ ދެއްކުމޭ ވިދާޅުވާއިރު މާތްކަލާކޯ އެވެ. ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ދައްކާ ވާހަކަތައް އަޑުއިވުމުން ހަމަ ލަދުގަނެއެވެ. މަޖިލިސް އިންތިހާބުގައި ވޯޓުދޭން ތިބީ ގަމާރު ރައްޔިތުންތަކެއް ނޫނެވެ. ތަރައްގީގެ މަޝްރޫއުތައް ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި އެމްޑީޕީގެ ވެރިކަމުގައި ފެތުރުނު ގޮތް އެ މީހުންނަށް ފެނުނެވެ. ރާއްޖޭގެ މިނިވަންކަން ގެއްލިއްޖެއޭ އިންޑިއާ ސިފައިން ގެނެސް ރާއްޖެ ހިފުވައިފިއޭ ކަނޑު ވިއްކައިފިއޭ ވިދާޅުވެ ހެއްދެވިހާ ދޮގުތަކުގެ ޖަޒުބާތުގައި ހިނދުކޮޅަކަށް ޖެހި ރިޔާސީ އިންތިހާބުގައި ހެދުނު ގޯސް މަޖިލިސް އިންތިހާބުގައި ރައްޔިތުން ތަކުރާރެއް ނުކުރާނެ އެވެ.

މަނިކުފާނުގެ ހިޔާނާތުގެ އިންޓެލިޖެންސް ރިޕޯޓުގައި ލިބުނު ކަމަށް އޮތް ކަޓުގެ ތަފްސީލް ހާމަވުމުން އުޑުގަ ޖެހިފަ ބިމުގަ ޖެހިފަ ރައްދު ދެއްވީމެއް ނޫން ހެއްޔެވެ. މިނިސްޓަރަކަށް ހުންނަވައިގެން ދައުލަތުގެ ޕްރޮޖެކްޓެއްގައި އައި ބަޔަކު މިނިސްޓަރުގެ ގެކޮޅުގައި ބައިތިއްބައިގެން ލާރި ނެގުމަކީ ގާނޫނުގައި ކޮން ކަހަލަ ކަމެއްތޯ ބަލާލުމަކީ ރައްޔިތުންނަށް އުނދަގޫ ކަމެއް ނޫނެވެ. އެއީ ކޮރަޕްޝަނަށް ފެތޭ އަމަލެއް ނޫން ކަމަށް މަނިކުފާނު ކޮންމެހެން ވިދާޅުވެ ދޮގު ހައްދަވާނެ ކަމެއް ނެތެވެ. ދޮގު ތަކުރާރުކުރާލެއް ގިނަ ކަމުން އެއީ ތެދެއްތޯ ގާނޫނު ހުޅުވައި ރައްޔިތުން ބަލާނެއެވެ.

އެއްވެސް ކަމެއް ކުރެވެން އޮތީ މަޖިލިސް ދީފިއްޔާއޭ ވިދާޅުވެ ރައްޔިތުންނަށް ނުބަވާށެވެ. އިންޑިއާގެ ރާޖޫއަށް ފުށިދިއްގަރު މިލްކުކޮށް މާލެއަށް ރައްޔިތުން ޖަމާކުރަން އަމާޒުހިފީ މަޖިލީހުގެ މެޖޯރިޓީ މަނިކުފާނުގެ ޕާޓީއަށް އޮވެގެން ހެއްޔެވެ؟ ގާނޫނު ހަދާ ބާރަށް އަރައިގަނެގެންނެވެ. ރުހުން ނުދޭ ވަޒީރުންތަކެއް ބައިތިއްބައިގެން މިހާރު ވެސް މަޖިލީހުގެ ބާރަށް ތި ހުންނެވީ ލަދެއް ޖެހިލުމެއް ނެތި އަރައިގެންފައެވެ.

އޮޅިވަޑައިގެން ނޫޅޭށެވެ. މި ގައުމުގައި އޮތީ ތިން ބާރު ވަކިކޮށްފައި އޮތް ރިޔާސީ ނިޒާމެކެވެ. މަޖިލީހުގެ ކޮންޓްރޯލްއޮވެ ސަރުކާރުހިންގަން މިއީކީ ބަރުލަމާނީއެއް ނޫނެވެ. މަޖިލިސް ލިބިގެންނޭ ރަށެއްގައި ނަރުދަމަ އާއި ކަރަންޓް ދެވެން އޮތީ ވިދާޅުވިޔަސް އެކަން ކުރާން ނިޒާމު ރޭވިފައި އޮތީ އެހެންނެއް ނޫނެވެ. ގާނޫނުއަސާސީއާ ގާނޫނުތައް ވިދާޅުވާށެވެ. އެއީ މަޖިލީހާވާ ބެހޭ ކަމެއް ވެސް ނޫނެވެ.

ތިވަރަށް ދޮގުތައް މަތިމައްޗަށް ޖަހަން ދެން ނުހައްދަވާށެވެ. މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ހަމަ ހަގީގަތަށް އަސްލު ސޫރަ ފާޅުވެއްޖެއެވެ. މަނިކުފާނަކީ ދޮގުވެރިއެކޭ, ހިޔާނާތްތެރިއެކޭ, ރައްޔިތުންނާއި ގައުމަށް ތެދުވެރިވުމުގެ ނިޔަތެއް ނެތޭ އަޑުހަރުކޮށް އެ ވިދާޅުވަނީ އެ މީހެއްގެ ފޮޓޯ ދައްކައިގެން މަނިކުފާނު ވެރިކަމަށް ހޮވުނު ރައީސް ޔާމީނެވެ. މަނިކުފާނާ ދެކޮޅަށް މިސްރާބު ހަމަ މަގަށް އަޅުވަން ނުކުމެ ތިބީ ދޮގުތަކުގެ އަވާގައި ހިނދުކޮޅަކަށް ޖެހުނު ޕީޕީއެމާއި ޕީއެންސީގެ ރައްޔިތުން ވެސް ހިމެނިގެންނެވެ.