މުއިއްޒުގެ ކޮއްކޮ ސައުދާގެ ކެމްޕޭންގެ ވަކި ވަޓްސްއެޕް ގުރޫޕެއް ހައްދަވައިގެން ޑރ. ޚަލީލު ވިދާޅުވީ ކެމްޕޭން ނިމުމުން ކެމްޕޭންނަށް ވަޒީފާ ދިން މީހުންގެ ވަޒީފާތަކަށް ބަދަލު ގެންނާނީ ކަމަށް!

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ފ. ނިލަންދޫ ދާއިރާއަށް ވާދަކުރަމުންދާ, ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޮ ފާތުމަތު ސައުދާ ވާދަކުރަމުންދާ ނިލަންދޫ ދާއިރާއިން ކެމްޕޭނަށް ޚާއްސަކޮށް ދީފައިވާ ވަޒީފާތައް ކެމްޕޭން ނިމުމުމް ބަދަލު ގެންނާނެކަމަށް އެދާއިރާއަށް ނިސްބަތްވާ, މިސަރުކާރުގެ ހެލްތު މިނިސްޓަރ ޑރ. ޚަލީލު ވިދާޅުވެއްޖެއެވެ.

ޑރ. ޚަލީލު މިގޮތަށް ވިދާޅުވެފައިވަނީ ފާތުމަތު ސައުދާގެ ކެމްޕޭންގައި މަސައްކަތް ކުރަމުންދާ ވަކިބައެއް ހިމެނޭގޮތަށް ވަޓްސްއެޕް ގުރޫޕެއް އުފެއްދުމަށްފަހު އެގުރޫޕަށް ކުރެއްވި މެސެޖެއްގައެވެ. އެ ގުރޫޕުގައި ޑރ. ޚަލީލް ވަނީ އެގުރޫޕަށް އެހެން އެއްވެސް މީހަކު ނުވެއްދުމަށްވެސް ގުރޫޕްގެ ބައިވެރިންނަށް އަންގާފައެވެ.

ސައުދާގެ ކެމްޕޭނަށް ވަޒީފާ ދިން ފަރާތްތަކުގެ ވަޒީފާތަކަށް ބަދަލު ގެންނޭނެކަމަށް ވިދާޅޔވެ ޚަލީލު ކުރެއްވި ވައިބަރ މެސެޖްތައް

ނިލަންދޫ ދާއިރާއަށް ވާދަކުރަމުންދާ މުއިއްޒުގެ ކޮއްކޮ ސައުދާއަށް ގޮނޑި ކާމިޔާބު ކޮށްދިނުމަށް މުއިއްޒުދަނީ އިންތިޚާބަށް ނުފުޒު ފޯރުވުމުގެ ނިލަންދޫގެ ގިނަ ބަޔަކަށް ސިޔާސީ މަގާމްތައްވެސް ދެމުންނެވެ. އެގޮތުން ނިލަންދޫގެ 40 ފަރާތަކަށް މިހާތަނަށް އައިއިރު ސިޔާސީ މަގާމްތައް ހަމަޖައްސާދީފައިވާކަމަށް ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ލިބިފައި ވެއެވެ.

”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރި އެދާއިރާގެ އިސް ބޭފުޅަކު ވިދާޅުވީ, ސަރުކާރުގެ އެކި އޮފީސްތަކުންނާއި, އަދި އެރަށުގައި ހުންނަ ހެލްތު ސެންޓަރުންވެސް ގިނަބަޔަކަށް މިހާރު ސިޔާސީ މަގާމްތައް ދީފައިވާ ކަމުގައެވެ.

ހަމަ އެއާއެކު, ފ. މަގުދޫގައި ރައީސް ސާލިހުގެ ސަރުކާރުން އަޅަންފެށި އެއަރޕޯޓުގެ މަސައްކަތް މިސަރުކާރުން ހުއްޓާލާ, ސައުދާއަށް ވޯޓު ހޯދުމުގެ ބޭނުމުގައި ފ. ނިލަންދޫގައި އެޅުމަށް ހަމަޖެހިފައިވާ އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ސަރުކާރުގެ އެއްވެސް އޮފީހަކުން މުވައްޒަފުންގެ މުސާރަތައް ބޮޑު ނުކުރުމަށާއި, އަދި އެއްވެސް މުވައްޒަފަކަށް ޕްރޮމޯޝަންވެސް ނުދިނުމަށް ފިނޭންސް މިނިސްޓްރީން އެންގުމަށްފަހު, ރައީސް މުއިއްޒު ގެންދަވަނީ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބާ ދިމާކޮށް, ބޮޑެތި މުސާރަލިބޭ ސިޔާސީ މަގާމްތަކަށް ގިނަ އަދަދެއްގެ ބަޔަކު ވައްދަމުންމެވެ.

އެގޮތުން މިހާތަނަށް ސިޔާސީ އެންމެ ގިނައިން ދީފައިވާ އެއް ދާއިރާއަށް ވެގެން ގޮސްފައިވަނީ މުއިއްޒުގެ ކޮއްކޮ ސައުދާ ވާދަކުރަމުންދާ ނިލަންދާ ދާއިރާކަން ފާހަގަ ކޮށްލެވެއެވެ.