އިނގިރޭސިވިލާތުގަ ކިޔަވަމުންދާ ދަރިފުޅު ޔާސްމީންއާއި ބައްދަލުކޮށްލާ, ދަރިފުޅުގެ ޔުނިވަރސިޓީއަށް ޒިޔާރަތްކޮށްލުމަށް ދައުލަތުގެ ޚަރަދުގަ މުއިއްޒު އިނގިރޭސިވިލާތަށް! މިއީ ބޮޑުވަރު!

އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓްބޯލް ކްލަބް (އެލް.އެފް.ސީ) އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) / ވިޒިޓް މޯލްޑިވްސްއާ ގުޅިގެން، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށް ވިދާޅުވެ, މުއިއްޒު އިނގިރޭސިވިލާތަށް ވަޑައިގަތް ހަގީގީ މަގުސަދަކީ އިނގިރޭސިވިލާތުގައި ކިޔާވަމުން ދާ މުއިއްޒުގެ ދޮށީ އަންހެން ދަރިފުޅަށް ޒިޔާރަތް ކޮށްލުން ކަން ހާމަ ވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ, މި ދަތުރުގައި މުއިއްޒު އިނގިރޭސިވިލާތުގެ ރަސްމީ އެއްވެސް ފަރާތަކާއި ބައްދަލު ކުރުމަށް ހަމަޖެހިފައި ނުވުމާއެކު, މުއިއްޒުގެ ދަރިފުޅުގެ ޔުނިވަރސިޓީ ޗުއްޓީ ދުވަސްވަރާ ދިމާކޮށް, ދަރިފުޅު ޔާސްމީން ތައުލީމު ހާސިލް ކުރަމުންދާ ލީޑްސް ޔުނިވަރސިޓީ ހުންނަ ލީސްޑްސް ސިޓީއަށް ވަޑައިގެން އެ ސިޓީގެ ބައެއް ފަރާތްތަކާއި ބައްދަލުކޮށް, އަދި ލީޑްސް ޔުނިވަރސިޓީއަށް ވަޑައިގަތުމަށް ހަމަޖެހުމާއި ގުޅިގެންނެވެ.

މުއިއްޒުގެ ދަރުފުޅުގެ ޔުނިވަރސިޓީ ޗުއްޓީ (ސްޕްރިންގ ބްރޭކް) ނިމެނީ މިމަހުގެ 28ގައެވެ. ޗުއްޓީ ފެށިފައިވަނީ ނިމިދިޔަ މާރޗް 28 ވަނަ ދުވަހުއެވެ.

ރަސްމީ ހައިސިއްޔަތުން ދައުލަތުގެ ޚަރަދުގައި މުއިއްޒު އިނގިރޭސިވިލާތަށް ކުރައްވާ މި ދަތުރުފުޅުގައި, މުއިއްޒު އިނގިރޭސި ސަރުކާރުގެ ރަސްމީ އެއްވެސް ފަރާތްކާ ބައްދަކުރަން ފުރުސަތު ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް ލީޑްސް ސިޓީގެ ސިޓީ ކައުންސިލާ މުއިއްޒު ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް މިހާތަނަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވި ދުނިޔޭގެ ގައުމުތަކުގެ ވެރީން އެގައުމުގެ ސިޓީ ކައުންސިލްތަކާ ބައްދަލުކޮށް ހަދާފައެއް ނުވެއެވެ.

މުއިއްޒު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ސަރުކާރުގެ ބޮޑު ވަފުދަކާ އެކީއެވެ. އެ ވަފުދުގައި ފަސްޓު ކުލާހުގައި މުއިއްޒުގެ އަރިހުގައި ދަތުރުކުރައްވާ ވަޒީރުންގެ ތެރޭގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤް އިބްރާހީމާއި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުالله ރާފިޢުއާއި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީގެ އިތުރުން ސަރުކާރުގެ ކަމާބެހޭ އިސްވެރިންވެސް ހިމެނެއެވެ.

މިދަތުރަށް ދައުލަތުގެ މާލިއްޔަތުން 1,5 މިލިއަން ރުފިޔާ ޚަރަދު ކުރާނެއެވެ. މިއީ އިނގިރޭސިވިލާތުގައި ފުލްޓައިމްކޮށް މާސްޓާސް ފެންވަރަށް ދެ ސްކޯލާޝިޕަށް ހިގާނެހާ ޚަރަދެވެ.

މިއީ ސާފުކޮށް ފެންނާންހުރި ކޮރަޕްޝަން ކަމަށްވި ނަމަވެސް, އޭސީސީ އޮތީ މުއިއްޒުގެ ކޮރަޕްޝަންގެ އަމަލުތަކަށް ދެލޯ މަރާލައިގެންނެވެ.