މުއިއްޒުގެ ފޫޅު ބުރި ކޮށްފި، ހާލު ރަނގަޅު

ސިންގަޕޫރުގައި ވަޑައިގެން ހުންނެވި ރާއްޖޭގެ ރައީސް، މުއިއްޒުގެ ފޫޅު ބުރި ކޮށްފިއެވެ. އެ މަނިކުފާނު ސިންގަޕޫރަށް ވަޑައިގެންނެވީ އާލާސް ކަންފުޅާ ކަމަށް ސޯޝަލް މީޑިޔާއިން ޚަބަރު ލިބެއެވެ. ރަސްމީ ކޮށް އެނގިފައިވާ ގޮތުގައި ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ ނުރަސްމީ ދަތުރު ފުޅެއްގައެވެ. ދަތުރުގެ އިތުރު ތަފްސީލެއް ހާމަ ކޮށްފައި ނުވެއެވެ.

ސަރުކާރުގެ ޚަބަރުތައް ގެނެސްދޭ ޓްވިޓަރ އެކައުންޓު ހަސަން ކުރުސީއިން ހާމަ ކޮށްފައިވާ ގޮތުގައި، ނޮވެމްބަރު 2022 ގައި މުޢިއްޒު ވަނީ ސިންގަޕޫރުގައި ލެޕަރޮސްކޮޕިކް ހަރނިޔާ ސަރޖަރީއެއް ކުރައްވާފައެވެ. އޭޕްރިލް/މޭ 2024 ގައި، އޭނާ ފޮލޯ އަޕަކަށް ވަޑައިގެންނެވި ކަމަށްވެސް އެ އަކައުންޓުން ހާމަ ކޮށްފައި ވެއެވެ.

އެ އެކައުންޓުގައި ވާ ގޮތުން، މިފަހަރު ޑޮކްޓަރުން ވަނީ ބައެއް މައްސަލަތައް ހުރިކަން ފާހަގަކޮށްފައެވެ. އެއީ ހަރނިޔާ އަލުން ޖެހުމާއި، މެޝްއާ ގުޅުންހުރި އިންފެކްޝަން އަދި ޓިޝޫ ނެކްރޯސިސްއެވެ. މުއިއްޒުގެ ފޫޅު މިހާރު ވަނީ މައުންޓް އެލިޒަބަތް ހޮސްޕިޓަލުގައި ބުރި ކޮށްފައިކަމަށް އޭނާ ޓްވީޓް ކޮށްފައި ވެއެވެ.

އެ އަކައުންޓުގައި ވާގޮތުން ބަލި ހާލަތާއި ގުޅިގެން، ރައީސް މުއިއްޒު ރާވާފައިވާ ޔޫކޭ ދަތުރު ފުޅު މިހާރު ވަނީ ލަސްކޮށްފައި ނުވަތަ ކެންސަލްކޮށްފައެވެ. އަދި، ފަރުވާއަށް ބެޑް-ރެސްޓް ކުރުމަށްޓަކައި، ރާއްޖެ އެނބުރި ވަޑައިގަތުން ވެސް ކުޑަކޮށް ލަސްކޮށްފައި ވާކަމަށް ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިއްޙީ ހާލު ރައްޔިތުންނަށް ތެދުކޮށް އެނގުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. އަދި އެއީ ބައެއް އެހެން ގައުމުތަކުގައި އާންމުކޮށް ހާމަކުރާ މައުލޫމާތެއް ގޮތުގައި ހިމެނިފައިވާ މައުލޫމާތެކެވެ. ރައީސް މުއިއްޒުގެ ސިއްހީ ހާލުކޮޅާއި ބެހޭ ރަސްމީ މައުލޫމާތު މި ސަރުކާރުން ހާމަ ކޮށްފައި ނުވިއަސް ކުރީގެ ރައީސް ސޯލިހުގެ ބޭސް ފަރުވާއަށް ކުރައްވާފައިވާ ދަތުރު ތަކުގެ ތަފްސީލް ހޯދުމަށް، މިހާރު ވެރިކަމުގައި ތިބި ފަަރާތްތަކުން ވެރިކަމަށް އައުމުގެ ކުރިން އާރުޓީއައި ލައި، ކޯޓާއި ހަމައަށްވެސް ގޮސްފައިވާކަން ފާހަގަ ކޮށްލަން ޖެހެއެވެ.