މިއަހަރުގެ ފެބްރުއަރީމަހުގެ 5 ވަނަ ދުވަހު އެމްޕީއެލްގެ އެމްޑީގެ މަގާމަށް އައްޔަންކުރި, އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯގެ މަގާމް ކުރިން އަދާކުރި މުޙައްމަދު ރިޝްވާނު އެމްޕީއެލްގެ އެމްޑީގެ މަގާމަށް އައްޔަން ކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަން ބޮޑެތި ތުހުމަތުތަކާއި ގުޅުންހުރި މައްސަލަތައް އޭސީސީގައި ވަނިކޮށް, އޭނާގެ ކުށުގެ ރެކޯޑް ސާފު ނުކޮށްކަމަަށް އޭރު ”ދިޔަވަރު އޮންލައިން“ އަށް ރިޕޯޓު ކޮށްފައި ވާނެއެވެ.
ރިޝްވާންގެ މައްޗަށް ކުރެވޭ އެންމެ ބޮޑު ކޮރަޕްޝަންގެ ތުހުމަތަކީ ރައީސް ޔާމިންގެ ދައުރުގައި އެޅި އައިޖީއެމްއެޗްގެ 25 ފަންގިފިލާގެ އިމާރާތް އެޅުމުގައި އޭނާ ރިޝްވަތު ނަގާފައިވާ ކަމުގެ ތުހުމަތުތަކެވެ. އެ އިމާރާތް ރައީސް ޔާމިން ދައުރުގައި އެޅިއިރު ރިޝްވާން ހުރީ އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯގެ މަގާމްގައެވެ.
”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ޕީސީބީގެ އިސް އޮފިޝަލަކު އޭރު ވިދާޅުވި ގޮތުގައި, ރިޝްވާން އެމްޕީއެލްގެ އެމްޑީގެ މަގާމަށް އައްޔަން ކުރުމަށް މުއިއްޒު ބޭނުން ވުމުން އޭނާ އެމަގާމަށް ޝަރުތު ފުރިހަމަ ނުވާކަމަށް ނުރަސްމީކޮށް, ޕީސީބީން މުއިއްޒުއަށް އެންގިއެވެ. އޭގެ ސަބަބަކީ, ދައުލަތުގެ ކުންފުނިތަކަށް ބޭފުޅުން އައްޔަން ކުރާއިރު, ކުށުގެ ރެކޯޑު ސާފުކުރުން ލާޒިމް ވާތީއެވެ. އެގޮތުން އޭސީސީގައި އެމީހެއްގެ ކޮރަޕްޝަންގެ މައްސަލައެއް ނުނިމި އޮތްނަމަ, ދައުލަތުގެ ކުންފުނިތަކުގެ އެމްޑީގެ މަގާމަށް އެބޭފުޅެއްގެ ޝަރުތު ފުރިހަމަ ނުވާނެކަމަށްވެސް, ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ޕީސީބީގެ އިސް އޮފިޝަލު ވިދާޅުވިއެވެ.
އެހެންނަމަވެސް, ރިޝްވާން އެމްޕީއެލްގެ އެމްޑީގެ މަގާމަށް ޝަރުތު ފުރިހަމަ ނުވި ނަމަވެސް, މުއިއްޒުގެ އެންގުމަށް އޭނާ މަގާމަށް އައްޔަން ކުރުމަށް ޕީސީބީން ވަގުތީ ހުއްދައެއް ދީފައިވަނީ, އޭނާގެ ކުށުގެ ރެކޯޑު ފަހުން ސާފު ކުރުމަށްފަހު ޕީސީބީއަށް ފޮނުވާގޮތަށް ކަމަށްވެސް, ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ޕީސީބީގެ އިސް އޮފިޝަލު އޭރު ވިދާޅުވިއެވެ.
އެހެންނަމަވެސް އޭގެ ފަހުންވެސް އޭނާގެ ކުށުގެ ރެކޯޑު ސާފު ކޮށްފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި, މުއިއްޒު އޭސީސީއަށް ބަދަލުގެނެސް, އެ މުވައްސަސާއަށް މުއިއްޒުގެ ގޮނޑިކޮއްކޮ މެމްބަރުން މިހާރު އައްޔަން ކޮށްފައިވާތީ, ރިޝްވާންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތު ސާބިތު ނުވާކަމަށް އެ ކޮމިޝަނުން ނިންމާފަ އޮތުމަކީ އެކަށީގެންވާ ކަމެކެވެ.
މިއަދު މި ފެންމަތިވެގެން އައީ 13 މިލިއަން ސިގިރެޓްގެ ބޮޑު ވައްކަމެއް ރޯމާ ދުވާލު ހިންގިކަމުގެ ބޮޑު މައްސަލައެވެ. “ދިޔަވަރު އޮންލައިން” އަށް ކަށަވަރު ވެފައިވާ ގޮތުގައި ވަގު ސިގިރެޓްގެ ވައްކަމުގެ މުގުލުގައި ހުރި އެކަކީ ރިޝްވާނެވެ. އޭނާއަކީ އެމްޕީއެލްގެ އެމްޑީކަމަށް އައްޔަން ކޮށްފައިވަނީ މުއިއްޒުއަށް ކޮރަޕްޝަންގެ ފައިސާ ފަސޭހަކަމާއެކު އެމްޕީއެލް މެދުވެރިކޮށް އަތުލެވޭނެކަމަށް މުއިއްޒު އޮތް ޔަގީންކަމާއެކުއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އެތައް ސެކިއުރިޓީ ކެމެރާއަކާއެކު އޮޕަރޭޓް ކުރަމުންދާ އެމްޕީއެލް ސަރަހައްދުން ރޯމާ ދުވާލު އެތައް ސަތޭކަ މިލިއަން ރުފިޔާގެ ބޮޑު ވައްކަމެއް ހިގާދިޔައިރުވެސް އޭނާ އަދިވެސް ހުރީ މަގާމުގައެވެ.
މުއިއްޒު ދައުލަތުގެ ކުންފުނިޔަކަށް އައްޔަން ކުރަމުންދަނީ, ރިޝްވަތުގެ ބޮޑެތި ތުހުމަތު އޮތް, ފަސްބައި ކިލަނބު ވެފައިވާ ފަރާތްތަކެވެ. އޭގެ ބޭނުމަކީ ދައުލަތުގެ ކުންފުނިތަކުން, މުއިއްޒު ބޭނުންވާ މިންވަަރަށް ރިޝްވަތުގެ ފައިސާ ސީދާ މުއިއްޒުއަށް ލިބޭނެކަން ޔަގީން ކުރުމަށް ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.
އަދި މުއިއްޒު, ދައުލަތުގެ ކުންފުނިތަކުގެ އެމްޑީންނާއި ސީއީއޯއިން މެދުވެރިކޮށް ރިޝްވަތުގެ ފައިސާ ނަގަމުންދާ ކަމުގެ ގިނަގުނަ ހެކިތަކެއް ފާއިތުވި މުއްދަތުގައި ވަނީ ސާބިތުވެގެންވެސް ގޮސްފައެވެ.