ޚާއިނަކީ ޤައުމުގެ މިނިވަންކަން ނަގާލައި ޤައުމަށް ގައްދާރުވާ މީހާއެވެ. އުޝާމު ކުޅެފައިވާ ދައުރަކީ ދިވެހިރާއްޖޭގެ މިނިވަން ދައުލަތް އަޅުވެތިކޮށް، ދިވެހިރާއްޖެ ކޮންސްޓިޓިއުޝަނަލް ޑިކްޓޭޓަރޝިޕަކަށް ފުރޮޅާލުމުގެ ދައުރެވެ. ކޮންސްޓިޓިއުޝަނަލް ޑިކްޓޭޓަރޝިޕަކީ އަޅުވެތި ކަމުގެ ބާވަތެކެވެ. އެއީ ޤާނޫނީ ނިޒާމުގެ ތެރެއިން، ޤާނޫނުތަކާއި ޤާނޫނުއަސާސީއަށް ގެނެވޭ ބަދަލުތަކުގެ ޒަރީޢާއިން ބާރުތައް ވަކިވެފައި ތިބުމާއި ޗެކްސް އެންޑް ބެލެންސް ނިޒާމު ނެތިކޮށްލެވި، ވެރިކަމުގެ ބާރުތައް ވަކި ފަރާތަކަށް ޖަމްޢު ކޮށްލުމެވެ.
މިނިވަން ޑިމޮކްރަސީއެއް ކޮންސްޓިޓިއުޝަނަލް ޑިކްޓޭޓަރޝިޕަކަށް މިއަދު މުޅިން ފުރޮޅާލެވި، އަސާސީ ޙައްޤުތައް ވެސް ގެއްލި، އަޅުވެތި ކަމުގެ ގިލަންވެރި ވެރިކަމެއްގެ އަނިޔާވެރި ރަނގަބީލުން ޤައުމަށް މިވަނީ ސިހުން ގެނުވާފައެވެ. މި ހުރިހާ ބަދަލުތަކެއްގެ ފަހަތުގައި އެންމެ އިސްކޮށް ހުރީ 2023 ވަނަ އަހަރުގެ ނޮވެންބަރުގައި ޢައްޔަންކުރެވުނު އެޓަރނީ ޖެނެރަލް އަޙްމަދު އުޝާމްއެވެ. ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނުގެ 8 ވަނަ މާއްދާގައިވާ ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ޙިމާޔަތްކޮށް ކުރިއެރުވުމަށާއި، ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، ޢާންމު މިނިވަންކަން ދިފާޢުކުރުމަށް މަސައްކަތްކުރުމުގެ މަސްއުލިއްޔަތުން އެއްކިބާވެ، އޭނާ މަސައްކަތް ކޮށްފައިވަނީ ޤާނޫނު އަސާސީ އާއި ޤާނޫނު އަސާސީގެ ރޫޚާއި ޚިލާފަށް އޭގެ ބާރު ކަނޑުވާލައި، ޣައިރު ޤާނޫނީ ކޮންސްޓިޓިއުޝަނަލް ޑިކްޓޭޓަރޝިޕެއް ޤާއިމު ކުރުމަށެވެ.
މަޖިލީހުގެ މިނިވަންކަން ނަގާލުން
ޤައުމު އަޅުވެތި ކޮށް ބާރުތައް ނެގުމަށް އެންމެ ފުރަތަމަ ހިންގި ޣައިރު ދުސްތޫރީ އަމަލަކީ؛ ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަން ނަގާލުމެވެ. މިކަމުގައި އުޝާމް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. 2024 ވަނަ އަހަރުގެ ނޮވެންބަރުމަހު ތަސްދީޤުކުރެވުނު ޤާނޫނުއަސާސީގެ 6 ވަނަ އިޞްލާޙުގައި މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭނެކަމަށް ބަޔާންކޮށްފައިވެއެވެ. ޕާޓީއިން މެމްބަރަކު މުއިއްޒަށް ފެންނަ ހާލަތެއްގައި ވަކި ކޮށްފި ނަމަވެސް އޭނާގެ މެމްބަރުކަން ގެއްލެއެވެ.
މި އިޞްލާޙުގެ ކުރިންވެސް، 2024 ވަނަ އަހަރުގެ އޭޕްރީލް މަހު ތަސްދީޤު ކުރެވުނު އެންޓި-ޑިފެކްޝަން އެކްޓް (ޤާނޫނު ނަންބަރު 3/2024) އިން މިކަމަށް މަގުފަހިކޮށްދިނެވެ.
މިކަންކަމަކީ ސިޔާސީ ހަމަ ޖެހުން ގެނައުމަށް ކުރާ ކަމެއް ކަމަށް ބުނެ އުޝާމު އޭނާގެ މި ޖަރީމާ ދިފާޢު ކުރިއެވެ.
ނަތީޖާއަކަށް ވެގެން ދިޔައީ މަޖިލީހުގެ މިނިވަންކަން ގެއްލި، މަޖިލީސް މެމްބަރުން ޤާނޫނުގެ ތެރެއިން ބްލެކް މެއިލްވެގެން ތިބެން ޖެހުމެވެ. މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ތަމްސީލު ކުރުމަށް ވޯޓުން ހޮވާފައިވާ ބަޔަކު އެއްކޮށް އަޅުވެތިކޮށް، އެ ރައްޔިތުންގެ ތަމްސީލު ކުރުމުގެ ޙައްޤުން އެ ރައްޔިތުން މަޚުރޫމު ކޮށްލުމެވެ. ހަމައެހެންމެ، ދައުލަތުގެ 3 ބާރުގެ ތެރެއިން ޤާނޫނު ހެދުމުގެ ބާރު، ދައުލަތުގެ އެޑްމިނިސްޓްރޭޓަރ ކަމުގައިވާ ސަރުކާރުން ފޭރިގަތުމެވެ.
ޤާނޫނު އަސާސީ ބައްޓަން ކޮށްފައިވަނީ ސަރުކާރަށް މަޖިލީހުގެ ބާރުތައް އެއްވެސް ގޮތަކަށް އަރައި ނުގަނެވޭނެ ގޮތަށެވެ. ނަމަވެސް މިއަދު ރައްޔިތުންނަށް އޮތް އެ ރައްކާތެރިކަން މިވަނީ ގެއްލިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް އިތުރުކުރުން: 6 ވަނަ އިޞްލާޙުގެ ނުރައްކާތެރި ފިޔަވަޅުތައް
ޤާނޫނުއަސާސީގެ 6 ވަނަ އިޞްލާޙުގައި ހުރީ ހަމައެކަނި އެންޓި-ޑިފެކްޝަން ފިޔަވަޅުތައް ނޫނެވެ. 115(އ) މާއްދާއަށް ގެނެވުނު ބަދަލުން ރައްޔިތުންގެ މަޖިލީހަށް އޮތް ޤައުމީ ސިޔާސަތު ކަނޑައެޅުމާއި، ދައުލަތުގެ އިދާރާތަކަށް ލަފާދިނުމާއި، ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަތް މައްޗަށް ނެގިއެވެ.
މި ހުރިހާ ބަދަލެއް ގެނައީ ރައްޔިތުންނަށް ދޮގު ހަދައި އޮޅުވާލައިގެންނެވެ. ރައްޔިތުން އަޅުވެތި ކުރުމަށް ޤާނޫނުއަސާސީ އަށް ގެނައި ބަދަލު ތަކުގެ ބޭރުން ރައްޔިތުންނަށް ކަމުދާނެ ކަހަލަ ކަމެއް ހިމަނައިގެން އެކަން އިސްތިހާރު ކޮށްގެންނެވެ. ޤާނޫނުއަސާސީގެ ރޫޚާއި ޚިލާފަށް އަދި މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ރައްޔިތުން އަޅުވެތި ކުރުމުގެ މަގަށް ރާއްޖެ ގެންދިޔުމުގައި އަހުމަދު އުޝާމު ކުޅެފައިވާ ދައުރަކީ އަނިޔާވެރި ނުބައި އީވިލް ދައުރެކެވެ.
ޝަރުޢީ ނިޒާމުގެ މިނިވަންކަން ފުނޑާލުން: ފަނޑިޔާރުން ވަކިކުރުމާއި ޝަރުޢީ އޮނިގަނޑަށް ބަދަލުގެނައުން
2025 ވަނަ އަހަރުގެ މެއި މަހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޑރ. އަޒްމިރާލްދާ ޒާހިރު އަދި މަހާޒް ޢަލީ ޒާހިރު މަގާމުން ވަކިކުރެވުނެވެ. އދ. ގެ ޚާއްޞަ ރިޕޯޓަރުން މިކަން ކުށްވެރިކޮށް، ޢަދުލުވެރި އިޖުރާއަތެއް ނެތި އަދި ހަމަހަމަކަމެއް ނެތި ކުރެވުނު ކަމެއްކަމަށް ފާހަގަ ކޮށްފައި ވެއެވެ. މިކަމުގައި ފަނޑިޔާރުން ބްލެކް މެއިލް ކުރުމާއި، ފަނޑިޔާރުންނަށް ބިރު ދެއްކުމާއި، ރިޝްވަތު ދިނުމުގެ އެތައް އަމަލެއް އުޝާމު ފަރުދާގެ ފުރަގަހުގައި ހިންގާފައިވާއިރު، އުޝާމު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށް ފާޅުގައި ފަނޑިޔާރުން ބުނެފައި ވެއެވެ.
ޝަރުޢީ ނިޒާމުގެ މިނިވަންކަން ފުނޑާލައި، ހުރިހާ ފަނޑިޔާރުން ބިރުވެރި ކަމެއްގައި ބަހައްޓައިގެން، ރައްޔިތުންނަށް ލިބެން އޮތް އިންސާފު ފޭރިގަނެގެން އަޙްމަދު އުޝާމު އެ ހުންނެވީ ޖޭއެސްސީގައި ތިބި “މިނިވަން” ފަރާތްތަކަށް ރިޝްވަތު ދީގެންނާއި، މުއިއްޒުގެ ކޮއްކޮގެ ކުރީގެ ފިރިމީހާ ފަދަ ސާޖިދާއަށް ލޯޔަލް މީހުން މި ކޮމިޝަނުގައި ހިމަނައިގެންނެވެ.
މުއިއްޒުގެ އަމުރާއި ޚިލާފަށް އެންމެ ހުކުމެއްވެސް ކޮށްފާނެހެން ހީވާ ފަނޑިޔާރަކު، ހުރިހެން ހީވިއަސް ޖޭއެސްސީ ބޭނުންކޮށްގެން އެމީހަކު ފްރޭމްކޮށް ވަކިކުރުމަށް މުއިއްޒަށް ފުރުޞަތު ދިނީ އަހްމަދު އުޝާމުއެވެ. އިންސާފު ބޭނުންވެގެން ދާ ރައްޔިތު މީހާ އެ ނުލިބި، ލިބޭ ހިތްދަތި ކަމުން އުޝާމު ހޯދަމުން ދަނީ އުފަލާއި ހިތްހަމަ ޖެހުމެވެ.
އަހްމަދު އުޝާމު ދަނީ ސްޕްރީމް ކޯޓުގައި ވަކި ނުކޮށް ތިބި ފަނޑިޔާރުންނާއި ގުޅޭ ގޮތުން އެކި މައުލޫމާތު ތައް ކުރީގެ އުއްތަމަ ފަނޑިޔާރު މުއުތަޒިމް އަދުނާނު އަތުން ހޯދައި ފައިލްކޮށް އެމީހުން ވެސް ބްލެކް މެއިލް ކުރަމުންނެވެ.
އަދި މިހާރު 2025 ވަނަ އަހަރުގެ ޖުލައި މަހުގައި ހުށަހެޅި، ކޮމިޓީ މަރުޙަލާގައިވާ ފަނޑިޔާރުންގެ ޤާނޫނަށް (ނަންބަރު 13/2010) ގެނެވޭ އިޞްލާޙުން ފަނޑިޔާރުން ޢައްޔަންކުރުމާއި، މަޤާމުގައި ދެމިތިބުމާއި، ޖަވާބުދާރީކުރުވުމުގެ ނިޒާމަށް ބަދަލުގެނެސް، މުއިއްޒު އާއި އުޝާމުގެ ކޮންޓްރޯލް އޮތް ޖޭއެސްސީއަށް ކުރިން ނުލިބޭ އެތައް ބާރުތަކެއް ދީ ވެރިކަމުގެ ނުފޫޒު އިތުރަށް ދަނީ ފުޅާ ކޮށް ރައްޔިތުން ނިކަމެތި ކުރުމަށް މަސައްކަތް ކުރަމުންނެވެ. ކޯޓުތައް ހިންގުމުގެ ޤަވާއިދާއި އުސޫލުތައް ކަނޑައެރުމުގެ ބާރު ފަނޑިޔާރުން އަތުން ވަނީ ފޭރިގަނެފައެވެ. މީގެ އިތުރުން މުއިއްޒު ބޭނުންވާ ހުކުމެއް އިއްވަން ވަކި ކޯޓަކަށް ވަކި ޤާޒީއެއް ވަގުތީ ގޮތުން އައްޔަން ކުރުން ފަސޭހަކޮށް އެ ބާރު ޖޭއެސްސީ އަށް މިގެންނަ ބަދަލުގައި ވަނީ ދީފައެވެ.
މި ހުރިހާ ގޮތަކުން ރައްޔިތުންގެ މައްޗަށް ޤާނޫނު ބަދަލުކޮށްގެން އަޅުވެތިކަން އިސްކުރެވޭނެ ހުރިހާ މަގެއް މުއިއްޒަށް ކޮށައިދީ ދައްކަމުން ދަނީ އުޝާމުއެވެ.
މުސްތަޤިއްލު މުއައްސަސާތަކުގެ ބާރު ކަނޑުވާލުން: އިލެކްޝަންސް ކޮމިޝަން، އެންޓި-ކޮރަޕްޝަން އަދި އެޓަރނީ ޖެނެރަލްގެ އޮފީސް
މިނިވަން މުއައްސަސާތަކަށް ގެނެވުނު ބަދަލުތަކުންވެސް އުޝާމްގެ ނުބައިކަމާއި އީވިލްކަން ފެނެއެވެ. 2024 ވަނަ އަހަރުގެ ނޮވެންބަރުގައި ޤާނޫނުއަސާސީގެ 6 ވަނަ އިޞްލާޙުގެ ބައެއްގެ ގޮތުގައި ތަސްދީޤުކުރެވުނު އިލެކްޝަންސް ކޮމިޝަން (އީސީ) އަދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ގެނެވުނު ބަދަލުތަކުން ރައީސުލްޖުމްހޫރިއްޔާއަށް މެންބަރުން ޢައްޔަންކުރުމުގެ ބާރު އިތުރުކޮށްދީ، މި މުއައްސަސާތަކުގެ މިނިވަންކަން ނެތިކޮށްފައިވެއެވެ. ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން މި ބަދަލުތަކުން އިންތިޚާބުތަކުގެ ނަޒާހަތްތެރިކަމާއި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް ނުރައްކާވާކަމަށް ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން 2025 ވަނަ އަހަރުގެ އޯގަސްޓް 17 ގައި ތަސްދީޤުކުރެވުނު އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޤާނޫނަށް (ނަންބަރު 8/2025) ގެނެވުނު ބަދަލުތަކުން އޭޖީ އޮފީހުގެ ބާރުތައްވެސް އުޝާމު ވަނީ މުއިއްޒަށް އަރުވާފައެވެ. މި ޤާނޫނުން މުވައްޒަފުން ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ބޭނުންވާގޮތަށް ހަދައި، އެޓަރނީ ޖެނެރަލްގެ މިނިވަންކަން ހަނިކޮށްފައިވެއެވެ. ނަމުގައި “މިނިވަން ސަރވިސް” އެއްކަމަށް ބުނި ނަމަވެސް، ޙަޤީޤަތުގައި ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލަށް ގެނެސްފައިވާކަން ފާހަގަކުރެވެއެވެ.
ލާމަރުކަޒީ ނިޒާމު ނެތިކޮށްލުން
2025 ވަނަ އަހަރުގެ އޯގަސްޓް މަހު ތަސްދީޤުކުރެވުނު ލާމަރުކަޒީ ޤާނޫނުގެ 16 ވަނަ އިޞްލާޙުން ރަށު ކައުންސިލްތަކުގެ މާލީ މިނިވަންކަން ހަނިކޮށް، ޢާންމު ޚިދުމަތްތަކަށް ކުލި ނެގުން މަނާކޮށް، މެދުތެރެއިން ބާއްވާ އިންތިޚާބުތައް މަދުކޮށްފައިވެއެވެ. މިއީ ޖަޒީރާ ރަށްތަކުގެ މެދުގައި ބާރުތައް ބެހިފައިވާ ނިޒާމު ބަދަލުކޮށް، މަރުކަޒީ ސަރުކާރަށް (މުއިއްޒުއަށް) ބާރުތައް ދިނުމަށް އެޅި ފިޔަވަޅެކެވެ. އުޝާމްގެ އޮފީހުން މި ބަދަލުތައް ޑްރާފްޓްކޮށް، މުޢިއްޒަށް ސީދާ ބާރުވެރިކަން ވަނީ ދީފައެވެ. ރައްޔިތުން އަޅުވެތި ކުރުމުގެ ގޮތުންނެވެ.
މީގެ ކުރިން، 2025 ވަނަ އަހަރުގެ މެއި މަހު ގެނެވުނު 15 ވަނަ އިޞްލާޙުންވެސް ކައުންސިލްތަކުގެ ހުސްވާ ގޮނޑިތަކާ ގުޅޭގޮތުން ބަދަލުތަކެއް ގެނެސްފައިވާއިރު، ނިންމުންތައް މަރުކަޒީކޮށްފައިވެއެވެ. މީގެ އިތުރުން އުޝާމު ދަނީ އަތޮޅު ކައުންސިލްތައް އުވާލުމަށް މުއިއްޒަށް މަޝްވަރާދީ އެ ބާރުތައްވެސް ނަގަމުންނެވެ. އަޅުވެތި ކަމަކަށް ފަހު އިތުރު އަޅުވެތިކަމަށް ދަނީ ރައްޔިތުން ގަންބަމުންނެވެ.
އިންވެސްޓްމެންޓުތަކުން ސިއްރު ޑީލްތައް
2024 ވަނަ އަހަރުގެ ސެޕްޓެންބަރުގައި ތަސްދީޤުކުރެވުނު ބޭރުގެ އިންވެސްޓްމަންޓް ބިލުން ރެގިއުލޭޝަންތައް ލުއިކޮށްދިން ނަމަވެސް، ރައީސުލްޖުމްހޫރިއްޔާއަށް ހުއްދަ ދިނުމުގައި ބޮޑު އިޚްތިޔާރެއް ދީ، ރައްޔިތުންގެ މަޖިލީހުގެ ބެލުމެއް ނެތި ސިއްރު ޑީލްތައް ކުރުމަށް މުއިއްޒަށް މަގުފަހިކޮށްދީފައި ވަނީވެސް ހަމަ އުޝާމުއެވެ. ޤައުމަށް ޤައްދާރުވެ، ރައްޔިތުން ނިކަމެތި ކުރުން ނޫން ކަމެއް ފާއިތުވި ދޮޅު އަހަރުތެރޭ އުޝާމު އަދާކޮށްފައެއް ނުވެއެވެ.
މީޑިއާގެ މިނިވަންކަން ހުއްޓުވުން: މީޑިއާ ރެގިއުލޭޝަން އަދި މަދަނީ މިނިވަންކަން
2025 ވަނަ އަހަރުގެ އޯގަސްޓް މަހު އަލުން ތަޢާރަފުކުރެވުނު މީޑިއާ އަދި ބްރޯޑްކާސްޓިންގ ރެގިއުލޭޓަރީ ކޮމިޝަން ބިލަކީ ބްލޮގްތައް ހިމެނޭގޮތަށް ހުރިހާ މީޑިއާއެއް ރަޖިސްޓްރީކުރުން މަޖުބޫރުކޮށް، ޚިލާފުވާ ފަރާތްތަކަށް 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭގޮތަށް ހަދާފައިވާ އަނިޔާވެރި ބިލެކެވެ. އުޝާމް މިބިލް “ރަނގަޅު ޤާނޫނެއް” ކަމަށް ބުނެ ދިފާޢުކޮށްފައިވާއިރު، ނޫސްވެރިންނާއި ހިއުމަން ރައިޓްސް ވޮޗްއިން މިއީ ތަޙްޤީޤީ ނޫސްވެރިކަމާއި ވެރިކަމަށް ފާޑުކިޔުން ހުއްޓުވުމަށް ބޭނުންކުރެވޭނެ ހަތިޔާރެއް ކަމަށް ދެކެއެވެ.
މިއީ ސީދާ ގޮތުން ރައްޔިތުންނަށް ޤާނޫނު އަސާސީއިން ދީފައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުން ރާއްޖޭގެ ފަސް ލައްކަ ރައްޔިތުން މަޚުރޫމުކޮށް، މުއިއްޒު މުތުލަގަށް ހަދަމުންދާ ދޮގު ނޫން އެއްޗެއް ތެދުގެ ގޮތުގައި ރައްޔިތުންނާއި ހަމައަށް ނުގެނެއުމަށް ވަރަށް އަނިޔާވެރި ކަމާއި އެކު އުޝާމު ޑްރާފްޓްކޮށް، ތައްޔާރު ކޮށްފައިވާ ބިލެކެވެ.
މި ބިލުން އުޝާމުގެ ނަފްސުގައި ހުރި ނުބައިކަމާއި، އިންސާނީ ސިފަ ނެތް ވަރު ސާފު ވެގެން ދެއެވެ. މި ބިލުން އެކަނިވެސް ބާރުގެ މައްޗަށް އުޝާމުގެ ހުރި ދަހިވެތިކަމާއި، އިންސާނުން ނިކަމެތި ކުރުމާއި، އަޅުވެތި ކުރުމުން އޭނާއަށް ލިބޭ ލައްޒަތާއި އުފާ ފެނިގެންދެއެވެ.
ހިޓްލަރާއި، މާއޯ އާއި، ސްޓާލިންގ އާއި، ފޭސިޒަމް ގެނައި މެސަލޮނީ ފަދަ އިންސާނުން ފަހުގެ ތާރީޚުގައި ދުށް އެތައް ބަޔަކު މަރާފައިވާ އަނިޔާވެރި ޑިކްޓޭޓަރުންގެ ފަހަތުގައި ތިބި ޖޯސެފް ގެބްލް، މޮލްޓޯވް، ލިން ބިއާއޯ، ރޮބާރޓޯ ފަދަ އަނިވެރިންނާއި، ނުބައި ކަމުގައި އުޝާމު ހަމަ އެއްފަދަ އެވެ. ރައްޔިތުންގެ ޙައްޤާއި، މިނިވަންކަން ދިފާޢުކުރުމަށް ކުރަން ވާޖިބު ވާ މަސައްކަތް ދޫކޮށް އުޝާމު އިޚްތިޔާރު ކުރީ ރައްޔިތުން ބިކަ ކުރާ، ތަންމިނަށް ދޮގު ހަދާ، އެއްވެސް އައިޑޮލަޖީއެއް ނުވަތަ ފިކުރެއް، ޑިޕްލޮމެސީއެއް، ފިލޯސަފީއެއް، ޤާނޫނެއް ނުދަންނަ، ނާތަހުޒީބު މުއިއްޒުއެވެ. ކުޑަމިނުން ގޮސް ކާން އިންނަ މޭޒުގައި އިންނަ ގޮތުގެ އެޓިކެޓްވެސް ނޭނގޭ މީހެކެވެ.
ގޭންގު ބިލް އަދި މަރުގެ އަދަބު އަލުން ތަޢާރަފުކުރުން
ގޭންގު ބިލުން، ޑިކްޓޭޓަރޝިޕްގެ ސިފަތައް އިތުރުވެފައިވެއެވެ. 2025 ވަނަ އަހަރުގެ މެއި މަހު ފާސްކުރެވުނު ގޭންގް އަދި އެހެނިހެން ބޮޑެތި ކުށްތައް ހުއްޓުވުމުގެ ޤާނޫނު (ނަންބަރު 7/2025) އިން ކޯޓު އަމުރަކާ ނުލައި މީހުންގެ ގެއަށް ވަދެ ފާސްކުރުމުގެ ހުއްދަ ދީ، ގޭންގު ޙަރަކާތްތަކަށް އުމުރަށް ޖަލަށްލުމަށް ހުއްދަކޮށްފައިވެއެވެ. “ގޭންގު” ގެ މާނަ ފުޅާކޮށް ބަޔާންކޮށްފައިވުމުން މުޒާހަރާކުރާ ފަރާތްތަކަށް ނުވަތަ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ބިރު ދައްކައި އެމީހުން ހައްޔަރު ކުރުމުގެ ވަސީލަތަކަށް މި ބިލް ހަދައި، އެ ބާރު މުއިއްޒަށް ދިނުމަކީ އަނިޔާވެރިކަން ނޫންތޯއެވެ؟
ކޯޓު އަމުރެއް ނެތި މީހުންގެ ގެދޮރަށް ވަދެވޭ ގޮތަށް، މުއިއްޒަށް ބާރު ދީފައިވަނީ ވަނީ ސިޔާސީ މީހުންގެ ގެދޮރަށް ފުލުހުން ވައްދައި، އެމީހުން ފްރޭމް ކުރުމުގެ ބޭނުމުގައެވެ. ގޭންގްތައް ގޮވައިގެން އަދި ގޭންގްތަކާއި އެކު ވެރިކަން ކުރަމުންދާ ބަޔަކު އަދި ތަށް މިނަށް ރައްޔިތުންގެ ފައިސާއިން ވައްކަން ކުރާ ބަޔަކު ގޭންގު ކޮށް ހުއްޓުވުމުގެ ނިޔަތެއް ނޯންނާނެއެވެ.
ހަމައެއާއެކު، 2025 ވަނަ އަހަރު ހުށަހެޅުނު ޤާނޫނުލްޢުޤޫބާތާއި މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙުން މަސްތުވާތަކެއްޗާ ގުޅޭ ކުށްތަކަށް މަރުގެ އަދަބު އަލުން ތަޢާރަފުކުރަން ރޭވިފައިވާކަން އުޝާމް ކަށަވަރުކޮށްދީފައިވެއެވެ. ޝަރުޢީ ނިޒާމް ސިޔާސީކޮށް، މަޖިލީހުގެ ކޮންޓްރޯލް ނަގައިގެން ހުރި މުއިއްޒު އަށް މިހާރު އުޝާމު ފަރުމާ ކޮށް ދޭން އެ ނިންމީ، މީހުންގެ ގެއަށް ކޯޓު އަމުރެއް ނެތި ވަދެ، މީހުން ފްރޭމް ކޮށް އެމީހުން މެރުމުގެ ބާރުވެސް މުއިއްޒަށް ދިނުމަށެވެ.
އިންސާނުންގެ ތެރެއިން ނުބައި މީހުން އުޅެއެވެ. އެކަމަކު ތަންމިނަށް ވެރިމީހާއަށް މި ބާރުތައް ދޭން ޤާނޫނު އަސާސީގެ ރޫޚާއި ޚިލާފަށް އުޝާމު ހިންގަމުންދާ މި އަނިޔާވެރި އަމަލުތަކުން ނިކަމެތިވެ، ބިކަވެ، ހަލާކުވެގެން އެންމެ ފަހުން ދާނީ ސިޔާސީ މީހާއެއް ނޫނެވެ. ސީދާ ރައްޔިތު މީހާއެވެ. ސިޔާސީ މީހުންގެ އަނގަމަތީ އަޅާ މަލަމާއި އެކު ދެން ރައްޔިތުންނަށް ކުރިމަތިވާ ފަގީރުކަމާއި، ބިކަކަން އަދި ދިވެހިންނަށް އިހްސާސް ކޮށްލަން ދަތިވާނެއެވެ.
ވޯޓު ފޮށްޓާއި ކުޅުން
އުޝާމު ހުރީކީ އޭނާ މުއިއްޒަށް އުފައްދާފައިވާ ޤާނޫނީ ރަސްކަން އެހާ ފަސޭހައިން ވޯޓަކުން ނިންމާލަން ފުރުޞަތު ދޭގޮތަކަށް ނޫނެވެ. އެހެން ނޫނަސް އަޅުންނަކަށް ވޯޓު ލުމުގެ ހައްޤެއް ނޯންނާނެއެވެ. ދުނިޔޭގެ ލޯތަކަށް ވޯޓު ލާކަށް ދައްކާލުން ފިޔަވައި އިތުރުކަމެއް ކުރުމަކަށް މުއިއްޒެއް ނުވިސްނައެވެ. އެކަން ތަރުތީބު ކުރަމުން އެ ގެންދަނީ ސީދާ އުޝާމުއެވެ.
ޕްރިފެރެންޝަލް ވޯޓަކަށް ދިޔުމާއި، މަޖިލީސް އިންތިހާބު، ރިޔާސީ އިންތިޙާބާއި އެކީ ބޭއްވުމަކީ މި ކުޅިވަރުތަކުގެ އަދި ހަމަ ފެށުމެވެ.
ނިންމުން: ޑިމޮކްރަސީ ނެތިކޮށްލުމުގައި އުޝާމްގެ ދައުރު ތާރީޚުގައި ލިޔެވިގެން ދާނެ
އަޙްމަދު އުޝާމްގެ ދައުރު ފާހަގަކުރެވެނީ ޤާނޫނީ ބަދަލުތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް މިހާތަނަށް ދުވަހަކުވެސް ނުދެކޭވަރުގެ ބާރުތަކެއް މުއިއްޒަށް ދިނުމުގައި މަދަދު ވެދިން ޤައުމާއި ރައްޔިތުންގެ ދުޝްމަނެއް ގޮތުގައެވެ. ދިވެހި ލޭ ނުހިނގާ ރައްޔިތުންނަށް ހަރާންކޯރުވެފައިވާ ޤައްދާރެއް ގޮތުގައެވެ. ޝަރުޢީ ނިޒާމުގެ ފަނޑިޔާރުން ވަކިކުރުމުން ފެށިގެން މީޑިއާ ކޮންޓްރޯލްކުރުމާއި، ރައްޔިތުން އަޅުވެތިކޮށް ނިކަމެތި ކުރުމަށް ގަސްތުގައި ޤާނޫނު ލިޔެ ތައްޔާރު ކޮށްދިން ދިވެހި ޤައުމުގެ މިނިވަންކަމުގެ ބުޗާގެ ގޮތުގައެވެ. ދިވެހި ރާއްޖޭގެ ތާރީޚު އޭނާގެ އަނިޔާވެރިކަމަށް ކުރިއަށް އޮތް ޒަމާންތަކުގައި ހެކިވާނެއެވެ. އޭނާގެ ނުބައިކަމުން ޑިމޮކްރަސީގެ ހަޔާތުން ރާއްޖެ ފަހަތަށް އެޅި ފިޔަވަޅުތަކުގެ ވާހަކައިން ފޮތް ލިޔާނެއެވެ. އިނގިރޭސީންނާއި ދިވެހިންނެވެ.
ދައުލަތުގެ ސޫރާގައި ކޮޅުފައިން ޖަހައި، ދައުލަތުގެ ސިފަ ގެއްލުވާލި މީހާގެ ގޮތުގައި ނޫނީ އުޝާމެއް ނުވާނެއެވެ. ދުނިޔެ އާރާސްތު ކުރި ފާއިތުވި ޤަރުނުގައި އިންސާނުން ހޯދި ފަލްސަފާއާއި، ތަޖުރިބާ ކުރި އަނިޔާވެރި ހިތްދަތި ދުވަސްތަކުން ދުނިޔެ ތެދުވެ، ކޮމިއުނިޒަމް އާއި ފޭސިޒަމް ދޫކޮށް ބައިނަލްއަޤްވާމީ އާ ނިޒާމަކަށް ހޭލައި އުފެއްދި ގުޑް-ގަވަރނަންސް އާއި، ބާރުތައް ވަކިވެފައިވާ ނިޒާމުގައި ކޮޅުފައިން ޖެހި ދުނިޔެ ދުށް ހަމައެކަނި އެޓާރނީ ޖެނަރަލްގެ “ޝަރަފު” އުޝާމަށް މިއަދު ލިބިއްޖެއެވެ.
އުނގެނުނު އެއްޗަކުން ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ބަދަލުގައި ދެއްކީ ނުލަފާކަމެވެ. “ތިކަން ގޯސް” ކަމަށް ވެރިމީހާ ކައިރީ ބުނުމުގެ ބަދަލުގައި އުޝާމު ހިފީ ރައްޔިތުންގެ ކަރުގައެވެ. އަޅުވެތިކަން ރާއްޖެއަށް ގެނެސް ދިވެހިން ބިކަކޮށް ނިކަމެތި ކުރަމުންދާ ވެރިއެއްގެ ތައްޕާހުގައި ތިއުޅޭ ހުތުރު އުޅުމުން ތިމާގެ އިއްޒަތާއި ޤަދަރަށް ރައްޔިތުން ޖަހަނީ ކުޅެވެ. ޝަރަފެއް ތި މަސައްކަތުގައި ނެތް އިރު އޮތީ ރައްޔިތުންގެ ރުޅިވެރިކަމާއި ބަދު ދުޢާކަން ހަނދާން ބަހައްޓާށެވެ. ރައްޔިތުންގެ ބާރުތައް ކޮށާމަށައި ވެރިމީހަށް ދިނުމެކޭ، ރައްޔިތުން މަސް ކޮށައި، މިނިކާ ޖަނަވާރަކަށް ކާން ދިނުމެކޭ އޮތީ ކޮންތަފާތެއް ތޯއެވެ؟